Roadha aa dhimaakoh fire prevention week ge namugai program eh fashaifi
image
މީގެ ކުރިން ބޭއްވި "ފަޔަ ޕްރިވެންޝަން ވީކް" އެއްގެ ތެރެއިން---ފޮޓޯ:އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރޯދައާ ދިމާކޮށް "ފަޔަ ޕްރިވެންޝަން ވީކް" ޕްރޮގްރާމް ފަށައިފި

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް އަލިފާނުގެ ހާދިސާތަކަށް ރައްޔިތުން ހޭލުންތެރިކުރުމަށް، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާރވިސްއިން "ފަޔަ ޕްރިވެންޝަން ވީކް 2019" ގެ ނަމުގައި އިއްޔެ ހަވީރު ޕްރޮގްރާމެއް ފަށައިފިއެވެ.
ހަތް ދުވަހުގެ މުއްދަތަށް މާލޭ ސިޓީގެ އިތުރުން އެމްއެންޑީއެފް އޭރިއާތަކުގައި ހިންގުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމަކީ، ބަރަކާތްތެރި ރަމަޟާން މަހަކީ، ގޭބިސީތަކުގައި އާންމުން ބަދިގޭގައި ހޭދަކުރާ ވަގުތު އިތުރުވާ މަހެއްގެ ގޮތުގައި ފާހަގަވެފައިވާތީ، ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުން ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަރވިސްއިން ހިންގާ ޕްރޮގްރާމެކެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް އާންމު ރައްޔިތުންނާއި ވީހާވެސް ގާތުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަކީ ވެސް އެ ޕްރޮގްރާމްގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މާލޭސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު، މާލޭ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ "ފަޔަ ޕްރިވެންޝަން ވީކް" ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ، މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައެވެ.

އޭގެ އިތުރުން އެމްއެންޑީއެފް އޭރިއާތައް ހިމެނޭ ރަށު ކައުންސިލްތަކާ ގުޅިގެން އިއްޔެއިން ފެށިގެން އަންނަ މެއި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އެމްއެންޑީއެފް އޭރިއާތަކުގައި ވެސް އެ ޕްރޮގްރާމް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

"ފަޔަ ޕްރިވެންޝަން ވީކް" ޕްރޮގްރާމްގައި، އަލިފާނުގެ ނުރައްކަލަށް ހޭލުންތެރިކުރުވުމުގެ ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތަކާއި، އޮފީސް މާހައުލާއި ގޭތެރޭގައި ދިމާވެދާނެ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތައް ކިޔައިދީ ހޭލުންތެރިކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ކައްކާ ގޭސް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، އަލިފާން ރޯވެއްޖެނަމަ ނިއްވާލާނެ ގޮތުގެ ލައިވް ޑެމޮންސްޓްރޭޝަން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސާރވިސްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް، މެދުކެނޑުމެއް ނެތި ކުރިއަށްގެންދާތާ މިހާރު ވަނީ ހަތް އަހަރު ވެފައެވެ.
ހިޔާލު