Dhauru ninmaalaa jalsaa ves gadi ah nufeshunu!
image
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ދައުރު ނިންމާލާ ޖަލްސާ ވެސް ގަޑިއަށް ނުބޭއްވުނު!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ ފަހު ޖަލްސާ އެވެ. ނަމަވެސް ޖަލްސާ ބާއްވަން ތާވަލް ކުރި ވަގުތަށް ޖަލްސާ ނުފެށި ދިގުލައިގެން ގޮސްފި އެވެ.
މިއަދުގެ ޖަލްސާ ބާއްވަން ވެސް ތާވަލް ކޮށްފައިވަނީ އާންމުކޮށް މަޖިލީހުގެ ޖަލްސާ ފަށާ ގަޑި 09:00 ޖަހާއިރަށެވެ. ނަމަވެސް ޖަލްސާ ފެނުމަށް ބޭނުންވާ ކޯރަމް ހަމަ ނުވެގެން ޖަލްސާ ވަނީ 09:30 އަށް ފަސްކޮށްފަ އެވެ.

ކޯރަމް ހަމަ ނުވެގެން ޖަލްސާ ފަށާގަޑި 09:30 އަށް ފަސް ކުރިނަމަވެސް އެ ގަޑިއަށް ވެސް ވަނީ ކޯރަމް ހަމަ ނުވެގެން ޖަލްސާ ނުފެށިފަ އެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 85 މެމްބަރުން ތިއްބަވާއިރު، ޖަލްސާގެ ކޯރަމަކީ 22 މެމްބަރުން ނެވެ.

އަށާރަ ވަނަ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ކޯރަމް ހަމަނުވެގެން ގަޑިއަށް ފެނިފައިނުވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ގިނަ ޖަލްސާތައް ފަށާފައިވަނީ 09:30 އާއި 11:00 އާ ދެމެދުގަ އެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހަތް ބިލަކަށް ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވާއިރު، އެބިލުތަކުގެ ތެރޭގައި، ސަރުކާރުގެ ފަރާތުން، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލަކާއި، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހަޅުއްވާފައިވާ، އާންމު ގަވާއިދުތަކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަދި ވެލިދޫ ދާއިރާގެ މެންބަރު އަބްދުالله ޔާމީން ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެ އެވެ.

މީގެއިތުރުން، ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހަޅުއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުމަށް މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވީ ނަމަވެސް އެބިލް އަނބުރާ ގެންދަވާނެ ކަމަށް މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ ގާނޫނަށް ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލް، ވަގުތީ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ފާސްކުރުމަށް ވެސް އެޖެންޑާ ކޮށްފައި ވެއެވެ. އެބިލަކީ މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސާސީއަށް އަމަލު ކުރުމުގެ ކުރިން، އޭރުގެ ސަރުކާރުން ގާއިމުކޮށްފައިވާ، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖީލީހުގެ ރައީސް ނުވަތަ އުއްތަމަ ފަނޑިޔާރު ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމަށް އިނާޔަތާއި އިމްތިޔާޒުތައް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ.

މިއަދުގެ ޖަލްސާއަށް ގިނައިން އެޖެންޑާ ކޮށްފައިވަނީ ވެސް މިހާރު ހިނގަމުންދާ 18 ވަނަ މަޖިލިސް ނިމެންދާއިރު، 19 ވަނަ މަޖިލީހަށް އިންތިހާބު ވެފައިނުވާ މެމްބަރުން ހުށަހަޅާފައިވާ، އެމެމްބަރުންނަށް އިނާޔަތާއި ރައްކާތެރިކަން ހޯދުމަށް ހުށަހަޅާފައިވާ ބިލްތަކެކެވެ.

މިއަދުގެ ޖަލްސާ ކޯރަމް ހަމަވުމާއެކު ފެށިފައިވަނީ 10:00 ގަ އެވެ.
ހިޔާލު