Majli jalsaa: Huss vaguthuga oiy maahefumuga Raees baiverive vadaigannavanee
image
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

މަޖިލިހުގެ ހުސްވަގުތުގައި އޮތް މާހެފުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅީގެ ހުސް ވަގުތުކޮޅު ބާއްވާ ހާއްސަ މާހެފުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިއަދުގެ ޖަލްސާ 10:30 ގައި މެދުކަނޑާލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިއަހަރުގެ ރަމަޟާން މަހާ ކުރިމަތިލާތީ މިއަދަކީ އެކަމުގެ އުފަލުގައި މާހެފުމެއް ބާއްވާ ދުވަސް ކަމަށެވެ.

ގާސިމް ވިދާޅުވީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ގިނަ ދުވަސްތަކެއް ވަންދެން ހިދްމަތް ކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި ކެބިނެޓްގެ ބައެއް މިނިސްޓަރުންވެސް މި މާހެފުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މެމްބަރުންކަމުން ވަކިވެވަޑައިގެން ރައީސް ސޯލިހު ކެބިނެޓްގެ މިނިސްޓަރުކަމުގެ މަގާމަށް ވަޑައިގަންނަވާފަ އެވެ. އެގޮތުން ރައީސް ސޯލިހުގެ އިތުރުން، ފޮރިން އެފެއާޒް މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ އިތުރުން ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ހިމެނިވަޑައިގަންނަވަ އެވެ.

މާހެފުމަށް ފަހު މިއަދުގެ ޖަލްސާ އަލުން ފެށުމަށް ނިންމާފައި ވަނީ 11:30 ގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހެނދުނު 09:00 ގައި ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް، ކޯރަމް ހަމަ ނުވެގެން ފެށިފައިވަނީ ވެސް 10:00 ގަ އެވެ.

މިއަދުގެ ޖަލްސާ ފެށުމަށް ފަހު މިއަދުގެ ޖަލްސާއަށް ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވާ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ ބިލަށް ބަހުސް ކުރުމަށް ފަހު ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ނަމަވެސް އެބިލަށް ބަހުސް ކުރުމުގެ ބަދަލުގައި މެމްބަރުން ގިނަ ވާހަކަތައް ދެއްކެވީ މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގައި އެމެމްބަރުން ކަންކަން ކޮށްފައިވާ ގޮތުގެ މައްޗަށެވެ.

މިއަދުގެ ޖަލްސާއަކީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާއެވެ. މިހާރު އެކުލަވާލެވިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވެވަޑައިގަންނަވާފައިވާ މެމްބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.

އެހެންކަމުން ދެން ފެށޭނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށޭނީ ޖޫން މަހުން ފެށިގެންނެވެ.
ހިޔާލު