Imaaraaiy kuraa thanthanugai hingai haadhisaathah madhukuran MACI In Conferenvce eh baahvanee
image
މާލެ ސިޓީގެ އިމާރާތްތަކެއް-- ފޮޓޯ: އަލާމީ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އިމާރާތްކުރާ ތަންތަނުގައި ހިނގާ ހާދިސާތައް މަދުކުރަން މަސީ އިން ކޮންފަރެންސެއް ބާއްވަނީ

އިމާރާތް ކުރާ ތަންތަނުގައި ހިނގާ ހާދިސާތައް މަދުކުރުމާ ގުޅޭގޮތުން ކޮންފަރެންސެއް ބާއްވަން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ނިންމައިފިއެވެ.
މަސީގެ އެނުއަލް ސޭފްޓީ އެންޑް ހެލްތް ކޮންފަރެންސް މާދަމާ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބާއްވަން ހަމަޖެހިފައިވާއިރު އެ ކޮންފަރެންސްގެ މަގުސަދަކީ މިފަހަކަށް އައިސް ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިތާމަވެރި ހާދިސާތައް ހިނގުން އިތުރުވެފައިވާތީ އެފަދަ ހާދިސާތައް މަދުކުރުމެވެ.

މާދަމާ ހެނދުނު 9:00 އިން ހަވީރު 3:00 އަށް ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި މަސީގެ މެންބަރުންގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ އެކި ފަރާތްތަކުން ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

އޭގެ އިތުރުން އެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ތިބި އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރު ފަރާތްތަކުން މައުލޫމާތު ދޭނެއެވެ.

އެފަދަ ކޮންފަރެންސެއް ރާއްޖޭގައި ބާއްވަން ނިންމާފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ އިމާރާތް ކުރަމުންދިޔަ ގެއެއްގެ ފަސް ވަނަ ފަންގިފިލާއިން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ ބަންގްލަދޭޝްގެ ކުއްޖަކު މަރުވެފައެވެ.

އޭގެ ފަހުން އިމާރާތްތަކުން އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވުން އިތުރުވެފައިވާއިރު އެކުއްޖާގެ މަރާއެކު މާލޭ ސިޓީ ކައުންސިލުން ވަނީ ހުޅުމާލެ އާއި ވިލިމާލެ ހިމެނޭހެން މާލޭގެ ކޮންސްޓްރަކްޝަން ސައިޓުތަކަށް ޒިޔާރާތްކޮށް އެތަންތަނުގައި މަސައްކަތް ކުރަމުން އަންނަނީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެންތޯ ބަލާފައެވެ.
ހިޔާލު