Lanka ge fathuruverikan dhahve, 1.5 billion ge gehlumakaa dhimaalah
image
ލަންކާގެ ޓޫރިޒަމް އިންޑަސްޓްރީ އަކީ 4.4 ބިލިޔަން ޑޮލަރުގެ އިންޓަސްޓްރީ އެއް.
0 ކޮމެންޓް
 

ލަންކާގެ ފަތުރުވެރިކަން ދަށްވެ، 1.5 ބިލިޔަނުގެ ގެއްލުމަކާ ދިމާލަށް

އީސްޓާ ސަންޑޭ އާ ދިމާކޮށް އަވައްޓެރި ސްރީ ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ގައުމަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދުވެ، 1.5 ބިލިޔަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިވާނެ ކަމަށް ލަފާކޮށްފި އެވެ.
ލަންކާގެ ފިނޭންސް މިނިސްޓަރު މަންގަލާ ސަމަރަވީރާ އާ ހަވާލާދީ ނޫސްތަކުން ބުނާގޮތުގައި، ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ގައުމަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 30 ޕަސެންޓް މަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި އެއީ ފޮރިން ކަރަންސީގެ ގޮތުގައި އެ ގައުމަށް ގެއްލިގެންދާ 1.5 ބިލިޔަން ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ދިހަ އަހަރު ކުރިން އެ ގައުމުގެ ދާހިލީ ހަނގުރާމަ ނިމުނު ފަހުން، ޓޫރިޒަމް ދިޔައީ ވަރަށް ބާރަށް ކުރި އަރަމުންނެވެ. ނަމަވެސް ކޮލަމްބޯގެ މަތީ ފެންވަރުގެ ތިން ޓޫރިސްޓް ހޮޓަލެއްގެ އިތުރުން ކްރިސްޓިއަން ތިން ފައްޅި އަކަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގެ ޓޫރިޒަމް އަނެއްކާ ވެސް މި ވަނީ ވަޅުގަނޑެއްގެ ތެރޭގަ އެވެ.

ފިނޭންސް މިނިސްޓަރު ލަފާކުރާ ގޮތުގައި އީސްޓާ ސަންޑޭ ހަމަލާ އަށް ފަހު އެ ގައުމުގެ ޓޫރިޒަމް ސެކްޓާ ހަމައަކަށް އެޅެން ފަށާނީ ދެ އަހަރަށް ފަހު އެވެ. އަދި އެ މުއްދަތުގައި ގައުމުގެ އިގްތިސާދު ކުރިއަރަމުން އަންނަ މިންވަރު ވަރަށް ބޮޑަށް މަޑުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ލަންކާ އަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަނީ އެ ގައުމުގެ 4.4 ބިލިޔަން ޑޮލަރުގެ ޓޫރިޒަމް މާކެޓުންނެވެ. ނަމަވެސް ފަތުރުވެރިކަން ދަށްވުމުން އެ ގައުމަށް ލިބޭ ބޭފު ފައިސާގެ އަދަދު ވެސް ވަރަށް ބޮޑަށް މަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަރުކަށި ވިސްނުމުގެ އައިއެސް ޖަމާއަތުން ޒިންމާ އުފުލާފައިވާ ލަންކާގެ ބޮމުގެ ހަމަލާތަކުގައި 253 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި 500 އަށް ވުރެ ގިނަ މީހުން ވަނީ އެ ހަމަލާތަކުގައި ޒަހަމްވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބޭރު މީހުން ވެސް ހިމެނެ އެވެ.

ހިޔާލު