PPM ah faisaa dhookuraanekan angaifi
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ބައެއް އާއްމު މެމްބަރުންނާއި އެކު | ފޮޓޯ: ރައީސް އޮފިސް
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ޕީޕީއެމަށް ފައިސާ ދޫކުރާނޭކަން އަންގައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފައިސާ އެޕާޓީއަށް ދޫކުރާނޭކަން ފިނޭންސް މިނިސްޓްރީން އެޕާޓީއަށް އަންގައިފިއެވެ.
މިދިޔަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައެޅި ފައިސާގެ ތެރެއިން ޕީޕީއެމަށްވީ ފައިސާ އެޕާޓީއަށް ނުދީ އެންމެ ފުރަތަމަ ހިފަހައްޓާފައިވަނީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެންނެވެ.

އެގޮތުން ޕީޕިއެމްގެ ރައީސްގެ މަޤާމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުރުކޮށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައިސް މައުމޫނަށް އެޕާޓި ހަވާލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެޕާޓިގެ ފައިސާ ހިފަހައްޓާފައި ވެއެވެ. އަދި ސުޕްރީމް ކޯޓުން އެމައްސަލައިގައި ގޮތެއް ނިންމުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެފައިސާ ދޫކޮށްދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައެވެ.

ޕީޕީއެމަށް ދައުލަތުގެ ބަޖެޓުން ދޫކުރަންޖެހޭ 18 މިލިއަން ރުފިޔާއާއި ގުޅިގެން ފިނޭންސް މިނިސްޓްރީން އެޕާޓީއަށް ފޮނުވާފައިވާ ސިޓިއެއްގައި ބުނެފައިވަނީ، ދައުލަތުގެ މުއައްޒަފުންގެ އެޕްރީލް މަހުގެ މުސާރަދީ ނިންމައި، އެ ޕާޓީ އަށް ފައިސާ ދޫކުރާނެ ކަމަށެވެ. އެހެންނަމަވެސް އެފައިސާ ދޫކުރާނޭ ވަކި ތާރީހެއް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވިއިރު، އެ ޕާޓީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ވާކަމުގެ އަޑުތައް ފެތުރުނެވެ. އަދި މީގެ ކުރިން އެޕާޓީގެ ފަރާތުން ބުނެފައިވަނީ، ދަރަނިތައް އަދާކުރެވޭނީ ދައުލަތުގެ ފަރާތުން އެޕާޓިއަށް ލިބެންޖެހޭ ފައިސާ ލިބުމުން ކަމުގައެވެ.
ޕީޕީއެމް ފިނޭންސް
ހިޔާލު