Sheikh Rasheed ah inaayai dheyn Majileehun faaskoffi
image
ކުރީގެ އުއްތަމަ ފަނޑިޔާރު ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމް--ފޮޓޯ: ޕީއެސްއެމް ނިއުސް
މުހައްމަދު ފަތުހުﷲ
5 ކޮމެންޓް
 

ޝެއިހް ރަޝީދަށް އިނާޔަތް ދޭން މަޖިލީހުން ފާސްކޮށްފި

ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމަށް އިނާޔަތާއި އިމްތިޔާޒުތައް ލިބިދޭ ބިލް ރައްޔިތުންގެ މަޖލީހުން ފާސްކޮށްފި އެވެ.
އެބިލް ފާސްކޮށްފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 25 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. އެބިލަށް ނުފެންނަ ކަމަށް 20 މެމްބަރަކު ވޯޓް ދެއްވި އިރު، ވަކިގޮތަށް ވޯޓް ދެއްވަން ބޭނުންނުވާ ދެ މެމްބަރުން ތިއްބެވި އެވެ.

މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސާސީއަށް އަމަލު ކުރުމުގެ ކުރިން، އޭރުގެ ސަރުކާރުން ގާއިމުކޮށްފައިވާ، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖީލީހުގެ ރައީސް ނުވަތަ އުއްތަމަ ފަނޑިޔާރު ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމަށް އިނާޔަތާއި އިމްތިޔާޒުތައް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ، އެބިލް ދިރާސާ ކުރުމަށް ވަގުތީ ކޮމެޓީއަކަށް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ޖަލްސާގަ އެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށްފަހު، ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީގެ ބައްދަލުވުމެއް އެންމެ 10 މިނެޓަށް ބޭއްވުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، ހުށަހަޅާފައިވާގޮތަށް ވަނީ ފާސްކޮށްފަ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ އެބިލް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެމްބަރު އަދި ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ރިޔާޒު ރަޝީދު އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ރިޔާޒު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށާއި، އަދި ގާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ)ގެ ދަށުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ނިންމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް ހާއްސަ އިނާޔަތާއި އިމްތިޔާޒުތައް ދައުލަތުން ދޭންޖެހޭނެ ކަމަށެވެ.

ޝެއިހު މުހައްމަދު ރަޝީދު އިބްރާހިމަކީ އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު ޝަރަފުވެރިކަމާއެކު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.

އެބިލު މަޖިލީހަށް ތައާރަފް ކޮށްފައިވަނީ ވެސް ބުދަ ދުވަހު ޖަލްސާގަ އެވެ. ހަމަ އެޖަލްސާގައި ވަނީ އެބިލަށް ބަހުސް ކުރުމާއި މަޖިލީހަށް ބަލައިގަތުމާއެކު، ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަށް ހޮވާ އެކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވާފަ އެވެ. އަދި ބުދަ ދުވަހުގެ ޖަލްސާއަށްފަހު، އެންމެ 10 މިނެޓްގެ ބައްދަލުވުމަކަށްފަހު ކޮމެޓީން ވަނީ އެބިލް، ކޮމެޓީން ފާސްކޮށް، މަޖިލީހަށް ފޮނުވުމަށް ނިންމާފަ އެވެ.

އެބިލް ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، އެބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އެހައި، އެބިލަށް ބަހުސް ކުރުމަށެވެ.

އެގޮތަށް އަވަސް އަރުވާލައިގެން ބިލުގެ އެއްމަރުހަލާއާ ވިދިގެން އަނެއް މަރުހަލާ ކުރިއަށް ގެންދިއުމަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ގެންދެވީ ދެކޮޅު ހައްދަވަމުން ނެވެ. އަދި ވަކިމީހަކަށް ނުވަތަ ވަކި ފަރުދަކަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އަވަސް އަރުވާލައިގެން އުޅުއްވާއިރު، ސަރުކާރުން މަޖިލީހަށް ހުށަހެޅި ރައްޔިތުންނާ ގުޅުންހުރި މުހިއްމު ބިލްތަކެއް މަޖިލީހުގައި ހިފެހެއްޓި ނުނިމި ހުރިކަން ފާހަގަކުރައްވައި އެމްޑީޕީގެ މެމްބަރުން ވަނީ ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރިޔާޒު ހުށަހެޅުއްވި އެބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 31 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. އެބިލާ ދެކޮޅަށް 15 މެމްބަރުން ވޯޓު ދެއްވިއިރު، ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ އެއް މެމްބަރަކު އިންނެވި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ރިޔާޒު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރާ ވަގުތީ ކޮމެޓީގައި ހިމެނޭ ފަސް މެމްބަރުންނަކީ، ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު އެވެ.

މިއަދު ބާއްވާފައިވަނީ މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގެ ފަހު ޖަލްސާ އެވެ.
ހިޔާލު

ލލ

އެއީ ޝޭހު ރަޝީދު ކިޔާ މީހަކަށް އެއްޗެއްދޭން ފާސްކުރި އެއްޗެއްނޫން އެއީ އުއްތަމަ ފަނޑިޔާރު މަނިކުފާނަށް އިނާޔަތްދޭން ފާސްކުރި ބިލެއް ! ރައީސު ސޯލިހަކީ ގެއްލިފައިވާ ހައްޤުތަށް އިޔާދަކުރައްވާ ސޯލިހު ހެއުލަފާ ސޯލިހު ރައީސެއް ރައްޔިތުން ލޯބިވާ ރައްޔިތުން ދެކެ ލޯބިވާ ރައީސެއް ! ﷲ އަޅަމެނަށް ހިދާޔަތާއި ހެޔުތައުފީޤު ދެއްވާށި !

ކާލި

މިހާރުގެ ރައީސު ސޯލިހަކީ ގެއްލިފައިވާ ރައްޔިތުންގެ ހައްޤު ހޯދަދީ ރައްޔިތުންގެ ލޯބި ހޯއްދަވާ ސޯލިހު ރައީސެއް ޝުކުރިއްޔާ ރައީސު ސޯލިހު !

ފިރާސް

އެކިޔެވިތާކުން ކިޔެވި އެއްޗެއް ކިޔަވައިގެން ދައުލަތަށް އެކޮށްދިންކަންކަމަށް، އިނާނަތްދޭން ޤާނޫނެއް ހަދައިގެން ދޭންޖެހޭވަރުގެ ވަރުގެ މީހެއްނޫން ޝެއިހް ރަޝީދަކީ. އެކަމަކު ތިއޮތީ ތިކަން ކޮށްފައިތާ! ދެން މަށަށްފެންނަނީ ހިތްއެދޭކޮންމެ މީހަކަށް އިނާނަޔްދޭން ތިހެން ޤާނޫނުހަދައިގެން. އަޅެ ޝެއިހް ރަޝީދު ދައުލަތަށް ޚިދުމަތްކޮށްދިނީ ފީސަބީލިއްލާހިއަށްބާ. ތިޔަ ޝެއިހް ރަޝީދަށް ތިޔަ ލާރިކާން ކެރުން ވެގެންދާނީ އިޒްރޭލް މީހުން ފަލަސްތީނުބަމަށްވެރިވެގެން އެއުޅޭއުޅުމަށް. މަވެސްމީ 20 އަހަރު ދައުލަތަށް ހިދުމަތްކޮށްދީފަހުރި މީހެއް. އިސްލާމްދީނުގައި ހަމަހަމަކަމަށްދީފައިވާ ނިުޅައި ތިގަންނަނީ ސޭހެއްގެ ތާޖް އަޅައިގެން ހުރި މީހެއް. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.

ޢިބޫ

ތީނަޔަށް އެއްވެސް އިނާޔަތެއް ދޭނެކަމެއްނެތް، ތީ މައުމޫން ނުލާހިކު ރަނގަޅަށް ގެންގުޅުނު ސޮރެއް، މައުމޫން ހާލުގަޖެހުނު ދުވަހު ބަލާވެސްނުލާ، ޔާމީންއާ ގުޅިގެން އުޅުނީ މަގާމު ދިފާއުކުރަން.

ބޮޑު ކަތީބު

މަގޭ މުނިކާފައަކީވެސް ދައުލަތަށް ހިދުމަތްކުރި އިއްޒައްތެރިއެއް، ބޮޑު ކަތީބުކަން މަރުދުވަހާހަމައަށްކުރި ވީމާ މަށައް އަދި މަގޭ އާއިލާއަށް އިނާޔަތް ލިބެންޖެހޭނެ. ރަސިއްޓޭމެނަށް އެކަނިތަ ބިލުފާސްކޮށްގެން އިނާޔަތްދޭންޖެހެނީ.