Siyaasee anhenunnakee "hadi" baeh noon!
image
ސިޔާސީ ހަރަކާތެއްގައި އަންހެނުންތަކެއް ބައިވެރިވެފައި-- ފޮޓޯ: ސޯޝަލް މީޑިއާ
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

ސިޔާސީ އަންހެނުންނަކީ "ހަޑި" ބައެއް ނޫން!

ހިނގަމުންމިދާ ރިޔާސީ ދައުރަކީ ރާއްޖޭގެ ތާރީހުގައި ވެސް ވަޒީރުންގެ މަޖިލީހުގައި އެންމެ ގިނަ އަންހެނުން ތިބި ދައުރެވެ. އެ "ފަހުރުވެރި" ތާރީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ލިޔެވުނީ ކެބިނެޓުގައި ހިމެނޭ ޖުމްލަ 20 ވަޒީރުންގެ ތެރޭގައި ހަތް އަންހެން ކަނބަލުން ހިމެނިގެންނެވެ. އެކަމަކު މިއީ މިންތީގެ ހަމަހަމަކަމަށް ލޯބިކުރާ ބަޔަކު ހިތްހަމަ ޖެހޭނެ ފަދަ އަދަދެއް ނޫނެވެ.
އަންހެނުން ބާރުވެރިކޮށް ސިޔާސީ މައިދާނުގެ އިތުރުން އެހެން ދާއިރާތަކުގައި ވެސް ފިރިހެނުންނެކޭ އެއްފަދައިން ހަމަހަމަ ފުރުސަތުތައް ގާއިމުކޮށްދިނުމަށް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރަމުން ދެއެވެ. އެކަމަކު ނަތީޖާ ނެރެވޭތަނެއް ނުފެނެއެވެ.

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ ނަޒަރުގައި އެ ނަތީޖާ ނުނެރެވިގެން މިއުޅެނީ "ރޭސް" ފަށާއިރު ވެސް ފިރިހެނުންނަށް ވުރެ ފަހަތު ލައިނެއްގައި އަންހެނުންނަށް ތިބެން މަޖުބޫރުވުމެވެ. އެހެންވެ ރޭސް ނިމޭއިރުވެސް އަންހެނުން ފަހަތުގައި ތިބެން ޖެހެނީ ކަމަށް މިނިސްޓަރު ވިދާޅުވެއެވެ.

އެކަމަކު އެކަން ގަބޫލުކުރަން ދަތިވެ ގިނަ ބަޔަކު ވަނީ މިނިސްޓަރުގެ އެވާހަކައަށް ޖޯކު ޖަހާފައެވެ. އަދި ގާނޫނު އަސާސީގައި ފިރިހެނުންކޭ އެއްފަދައިން އަންހެނުންނަށް ވެސް ސިޔާސީ ކަންކަމުގައި ބައިވެރިވެރިވުމުގެ ފުރުސަތު ލިބޭ ކަމަށާއި ކޮންމެ ފަހަރަކު އަންހެނުން ބާރުވެރިކުރުވަން ޖެހޭކަމަށް ބުނެ މިނިސްޓަރު ވާހަކަ ދައްކަވަނީ ކޮން ހައްގަކުން އަންހެނުން މަހްރޫމްވެގެންތޯ އެމީހުން ސުވާލު އުފައްދައެވެ.

އަންހެނުންނަށް ވޯޓު ދިނުމަކީ ބިދުއައެއް!

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރި ހަމައެކަނި މެމްބަރު އަނާރާ ނައީމްވެސް ވަނީ އަންހެނަކަށްވީތީ ސިޔާސީ މައިދާނުން ކުރިއަށް ދިއުމަށް ގޮންޖެހުންތަކާއި ކުރިމަތިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން 19 ވަނަ މަޖިލީހަށް އެކަމަނާ ތަމްސީލުކުރި މަކުނުދޫ ދާއިރާއަށް ކުރިމަތިލެއްވުމުން އަންހެނަކަށް ވީތީ އެންޓި ކެމްޕެއިން ކުރިކަން ފާހަގަކުރައްވާ ވިދާޅުވީ، އަންހެނަކަށް ވޯޓުލުމަކީ "ބިދުއައެއް" ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނި ކަމަށެވެ. އަންހެނުންނާ ގުޅިގެން އެފަދަ ވާހަކަތައް މުޖުތަމައުގައި ދެކެވޭއިރު ބޮޑެތި ކެމްޕެއިންތަކާއި އިންސާފު ހޯދުމަށް ގޮވާލާ އެއްވުންތަކުގެ އެންމެ ކުރީ ސަފުން ފެނިގެންދަނީ އަންހެނުންނެވެ.

ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ދެ ދުވަހުގެ ސިމްޕޯޒިއަމެއް އިއްޔެ ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ކޮމިނިއުކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ އަންހެނުންގެ ބައިވެރިވުމާ ނުލާ ހިންގުމުގެ ނިޒާމަށް ވަރަށް ބޮޑު ހީނަރު ކަމެއް ލިބޭ ކަމަށެވެ.

"އަންހެނުންގެ ބައިވެރިވުމާ ނުލާ ނުވަތަ ރައްޔިތުންގެ ތެރެއިން ދެ ބައިކުޅަ އެއްބައި ފަރާތްތަކުގެ ބައިވެރިވުމާ ނުލާ ހިންގުމުގެ ނިޒާމުކުރިއަށް ގެންދިއުމަކީ އެނިޒާމަށް އަންނަން ޖެހޭ ތަފާތު ހިޔާލުތަކާއި ވިސްނުންތަކާއި ތަފާތު ތަޖުރިބާތައް ނުލިބޭނެ ކަމެއް. ވަކި ބަޔަކު އެކަނި މިދާއިރާގައި އުޅޭކަމަށްވަންޏާ ގައުމުގަ މިހިރަ މުއްސަނދި ކަމެއް ހިންގުމުގެ ނިޒާމަކަަށް ނުލިބޭނެ،" އައިމަން ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރުން އެކި ގައުމުތަކުގައި ހެދިފައިވާ ދިރާސާތަކަށް ރިއާޔަތްކުރައްވާ އަންހެނުން ބާރުވެރުކުރުމަށް ދިމާވަ މައްސަލަތަކާ ގުޅިގެން އައިމަން ވިދާޅުވީ، އިޖުތިމާއީ ގޮތުން މީހުން ދެކޭ ގޮތް ނުވަތަ އެކަމަކީ އަންހެނުންނަށް އެންމެ އެކަށީގެންނުވުމާއި ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ އަންހެނުންނަކީ ވަރަށް "ހަޑި"ކޮށް އުޅޭ ބައެއްގެ ގޮތުގައި މީހުން ސިފަކުރާ ކަމަށެވެ. އެފަދަ ސަބަބުތަކާހުރެ އަންހެނުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް ފަސް ޖެހެއެވެ.

އަންހެނުންނަށް ގޮނޑި ކަށަވަރުކުރަން ކޯޓާ ސިސްޓަމް

ސިމްޕޯޒިއަމްގައި އަންހެނުންނަށް ސިޔާސީ ކަންކަމުގައި ހުރި ހުރަސްތައް ނުވަތަ އިޖުތިމާއީ ގޮތުން މީހުން ގަބޫލުކުރާ ގަބޫލުކުރުންތަކުގެ ސަބަބުން އަންހެނުންނަށް ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލާފައިވާއިރު އެ ސިމްޕޯޒިއަމްގައި މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވޭ ކަންކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ނަގާނެ ކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވެއެވެ.

ސިޔާސީ މައިދާނުގައި އަންހެނުންގެ އަޑު ފަނޑުވަމުންދާއިރު ނިމިދިޔަ މަޖިލިސް އިންތިހާބުގައި 35 އަންހެން ކެންޑިޑޭޓުން މަޖިލީހުގެ 87 ދާއިރާއަށް ކުރިމަތިލި ނަމަވެސް އިންތިހާބު ކާމިޔާބު ކުރެވުނީ އެންމެ ހަތަރު ކެންޑިޑޭޓުންނަށެވެ. އެއީ 18 ވަނަ މަޖިލީހުގައި ދާއިރާތައް ތަމްސީލު ކުރި އަންހެން މެމްބަރުންނާއި އަޅާބަލާއިރު ދަށް އަދަދެކެވެ.

ރަށްރަށުގައި އޮންނަ އަންހެނުންގެ ކޮމެޓީއަކީ ވެސް އެރަށެއްގައި ދިރިއުޅޭ އަންހެނުންގެ އަޑު އިއްވައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކޮމެޓީއެކެވެ. އެގޮތުން ކޮމެޓީތައް މެދުވެރިކޮށް އަންހެނުން އިޖުތިމާއީ ގޮތުން ބާރުވެރިބަޔަކަށް ހަދައިދިނުމަށް މަސައްކަތް ކުރާއިރު 2012 ވަނަ އަހަރު ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލާއެކު އަންހެނުންގެ ބައިވެރިވުން ދަށްވެފައިވާ ކަމަށް އައްޑޫ ވިމެންސް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް ޖަމިއްޔާގެ ފާތިމަތު ހަނީފާ ވިދާޅުވިއެވެ.

"މުޅި ރާއްޖެއަށް ބަލާއިރު ސިޔާސީ ކަންކަމުގަ އަންހެނުންގެ ދައުރު ވަރަށް ބޮޑު، އެކަމަކު ބަސް ބުނާ ހިސާބަށް ދިޔައިމަ އަޅުގަނޑުމެންގެ ދައުރު ކުޑަ ހަމަ." ހަނީފާ ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގެ 60 ވަނަ މާއްދާ އިސްލާހުކުރުމަށް ރައީސް ސޯލިހުގެ ސަރުކާރުން ހުށަހަޅާފައިވާއިރު އެ ގާނޫނުގައިވާގޮތުން ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތައް އަދި ސިޓީ ކައުންސިލުތަކަށް އިންތިހާބު ކުރާ މެމްބަރުންގެ ތެރެއިން 33 އިންސައްތަ ހާއްސަ ކުރަން ޖެހެނީ އަންހެނުންނަށެވެ.

މަޖިލީހުގައި ވެސް އަންހެނުންނަށް ވަކި އިންސައްތެއް ކަށަވަރުކޮށްދިނުމަށް ތަކުރާރުކޮށް ޖެންޑާ މިނިސްޓަރު ގޮވާލަމުން އަންނައިރު އަންހެނުންނަށް ވަކި އިންސައްތައެއް ލިބޭ ގޮތަށް ހެދުމަކީ އަންހެނުން ބާރުވެރިކުރުމަށް އެޅިގެންދާނެ ވަރަގަދަ ފިޔަވަޅެއްކަން ޔަގީނެވެ. އެކަމަކު ހައްލަކަށް ވާނީ ރާވާ ހިންގުމުގެ ނިޒާމުން ފެށިގެން ނިންމުންތައް ނިންމޭ ނިޒާމުގަ އަންހެނުންނާއި ފިރިހެނުން ހަމަހަމަ ވެގެންނެވެ.

ރާއްޖޭގެ އިތުރުން ވެސް ތަރައްގީވަމުން އަންނަ ގައުމުތަކުގައި އަންހެނުން ބާރުވެރިކުރުވަން ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް އެ މައްސަލައަށް ހައްލު ހޯދައި އަންހެނުން ބާރުވެރިކުރެވިގެން ނޫނީ ރާއްޖޭގެ ތަރައްގީގެ ހަރުފަތް އެހެން ހަރުފަތަކަށް ގެންދިއުމަކީ ފަސޭހަ ކަމެއް ނޫނެވެ.

އަންހެނުންނަށް އެމީހުންގެ "ކޮލެޓީ" ދައްކާލުމަށް ފަސޭހަކަމާއެކު ފުރުސަތުތައް ލިބެންޖެހެއެވެ. އެމައްސަލަ ހައްލުކުރުމަށް މިހާރުން ފެށިގެން މަސައްކަތްތައް ނުފަށައިފިނަމަ އެކަން ދާނީ ގޯހުން ގޯހަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސުން ބުނާއިރު ރާއްޖޭގައި މިހާރު މިންތީގެ ހަމަހަމަކަން އޮތް މިންވަރާ އަޅާބަލާއިރު އެކަމަށް ހައްލެއް ގެނެވެނީ ތަފާތު ގޮތަކަށް އަމަލުކޮށްގެން ކަމަށް ވެސް ޓްރާންސްޕޭރަންސީން ބުނެއެވެ.
ހިޔާލު

އަޙްމަދު

އޭގެ ތެރެއިން ބައެއް މީހުންނަނީ ވަރަށް ލަދު ޙަޔާތް ކުޑަބައެއް. އެކަކު ކާރީން އެނެކަކު ކާރިން ދުވާބަޔެއް! އައްނީ އެބުނާ ގޮތަށްވެސް އުޅޭމިހުން ގިނަވާނެ!

އައިސް

ލަދު ހަޔާތުގެ ކުނޑި ފަށެއް ނެތި ގެން މަގުމަތީ އަންހެނުން ލާހޫރުން ސަޅި އެއް ވެސް ނޫން އޯކޭ އެއްވެސް ނޫން .