Lanka ge Defense Secretary akah sifainge kureege veriya
image
ލަންކާގެ އާ ޑިފެންސް ސެކްރެޓަރީ މަގާމާ ހަވާލުވަނީ.-- ފޮޓޯ: ހިރު ނިއުސް
0 ކޮމެންޓް
 

ލަންކާގެ އާ ޑިފެންސް ސެކްރެޓަރީ އަކަށް ސިފައިންގެ ކުރީގެ ވެރިޔާ އައްޔަން ކޮށްފި

އަވައްޓެރި ސްރީ ލަންކާގެ އާ ޑިފެންސް ސެކްރެޓަރީ އަކަށް އެ ގައުމުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ޖެނަރަލް ޝަންތާ ކޮޓެގޮޑާ އައްޔަން ކޮށްފި އެވެ.
ޖެނަރަލް ކޮޓެގޮޑާ އަކީ ތަމަޅަ ޓައިގަރުންނާ އެކު ލަންކާ އިން ކުރި ދާހިލީ ހަނގުރާމައިގެ ދުވަސްވަރު، 2004-2005 އަށް ލަންކާ ސިފައިންގެ ކޮމާންޑަރެވެ. ޑިފެންސް ސެކްރެޓަރީގެ މަގާމަށް ޖެނަރަލް ކޮޓެގޮޑާ އައްޔަން ކުރީ، އެ މަގާމުގައި ހުންނެވި ހެމަސިރީ ފެނާންޑޯ އިސްތިއުފާ ދެއްވުމުންނެވެ.

ފެނާންޑޯ ޑިފެންސް ސެކްރެޓަރީ ކަމުން އިސްތިއުފާ ދެއްވީ، އީސްޓާ ސަންޑޭ ހަމަލާ ދިނުމުގެ ކުރިން އެކަމުގެ މައުލޫމާތު ޖާސޫސީ އިދާރާތަކަށް ލިބުނު ނަމަވެސް، އެ ހަމަލާ ހުއްޓުވަން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ، މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް މައިތުރިޕަލާ ސިރިސޭނާ އެންގެވުމުންނެވެ.

އޭގެ އިތުރުން ލަންކާގެ އެޓާނީ ޖެނަރަލް ޖަޔަންތާ ޖަޔަސޫރިޔާ ވަނީ އެ ގައުމުގެ ޗީފް ޖަސްޓިސްގެ މަގާމަށް ބަދަލުކޮށް، އެ މަގާމުގެ ހުވާ އިއްޔެ ކޮށްފަ އެވެ. އެއާ އެކު އެޑިޝަނަލް ސޮލިސިޓާ ޖެނަރަލް ޑައްޕުލާ ޑި ލިވެރާ ވަނީ އެކްޓިން އެޓާނީ ޖެނަރަލަށް ބަދަލުކޮށްފަ އެވެ.

އިސް މަގާމުތަކަށް ބަދަލު ގެނާއިރު، އިއްޔެ ވަނީ ލަންކާ އަށް އާ އޮޑިޓާ ޖެނަރަލެއް ވެސް އައްޔަން ކޮށްފަ އެވެ. އެގޮތުން އޮޑިޓާ ޖެނަރަލަކަށް އައްޔަން ކޮށްފައިވަނީ ޗުލަންތާ ވިކްރަމަރަތިން އެވެ. އޭނާ އިއްޔެ ވަނީ މަގާމުގެ ހުވާ ކޮށްފަ އެވެ.
ހިޔާލު