19 vana Majleehuge furathama jalsa ge riyaasathugai Sun Siyam
image
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމު މުހައްމަދު: މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން --ފޮޓޯ: ސަން
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

19 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތުގައި ސަން ސިޔާމް

މިހާރު އިންތިހާބު ކުރެވިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތާއި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުމުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހަޖައްސަމުން އެބަގެންދެ އެވެ.
އެގޮތުން މަޖިލީހުގެ އިދާރާއިން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 72 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންފައިވާ މެންބަރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ކުރެއްވުން 28 މޭ 2019 ވާ އަންގާރަ ދުވަހުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ނިންމަވާފައިވާ ކަމަށެވެ.

ހުވާ ކުރެއްވުން އޮންނާނީ 28 މޭ 2019 ވާ އަންގާރަ ދުވަހުގެ ރޭ 9:30 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ހުވާކުރެއްވުމަށްފަހު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނާނެ ކަމަށެވެ. ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކުރައްވަންޖެހޭ މަޖިލީހުގެ މެންބަރުކަމުގެ ޤާނޫނީ ހުވައިކުރުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 208 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވަންޖެހޭ ކަމެއްކަމުގައި ކަނޑައަޅާފައިވުމާއެކު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރެއްވުމާ ގުޅޭ ކަންކަން މިހާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދަނީ އިންތިޒާމުކުރަމުންދާ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ގާނޫނު އަސާސީގެ 82 މާއްދާގައި (ހ) ގައި ބުނެފައިވަނީ، އަލަށް އިންތިހާބުވާ މަޖިލިސްގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، ޖަލްސާއަށް ހާޒިރުވެތިބި މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ. އަދި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރުންތަކެއް ތިިބި ނަމަ، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، އެ މެމްބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ މެމްބަރު ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ.

މިހާރު އިންތިހާބު ކުރެވިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ އަދި އުމުރުން ދޮށީ ބޭފުޅަކީ ސިޔާމު އެވެ. އެހެންކަމުން ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން 19 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ސިޔާމެވެ.

ސިޔާމް އާއި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިވަނީ ހަތަރު ވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގަންނަވާފަ އެވެ.

ސިޔާމުގެ އެމްޑީއޭ އަށް 19 ވަނަ މަޖިލީހުން ކާމިޔާބު ކުރެވިފައިވަނީ އެންމެ ދެ ގޮނޑި އެވެ.
ހިޔާލު