18 vana Majlis ninmaali iruves qavaaidheh nuhedhunu!
image
18 ވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެެރެއިން--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

18 ވަނަ މަޖިލިސް ނިންމާލިއިރުވެސް ގަވާއިދެއް ނުހެދުނު!

ރައްޔިތުންގެ މަޖިލީހުން ހަދަންޖެހޭ ގަވާއިދު، މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގެ ދައުރު ނިމުނުއިރުވެސް ނުހެދުނެވެ.
މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ އިއްޔެ ބާއްވާފައިވާއިރު، އެ މަޖިލީހުގެ ދައުރު ނިމޭނީ މިހާރު އިންތިހާބު ކުރެވިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރުމާއެކުގަ އެވެ. 19 ވަނަ މަޖިލިސް ހުވާ ކުރުމުގެ ރަސްމިއްޔާތު ބެއްވުމަށް ނިންމާފައިވަނީ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.

މަޖިލީހުގެ ގަވާއިދަކީ ގާނޫނެއްގެ ދަރަޖަ ލިބިގެންވާ ގަވާއިދެކެވެ. އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ބަޔާންވެގެންވާ ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިންގާނެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އަށް ހަވާލާދީ، އެ މާއްދާގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދެކެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން، ރައްޔިތުންގެ މަޖިލީހުން، އެ މަޖިލިސް ހިންގުމުގެ ގަވާއިދެއް ހަދަން ޖެހެއެވެ.

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަމުންދަނީ 17 ވަނަ މަޖިލީހުން ހެދި ގަވާއިދަށެވެ. އެގަވާއިދަށް 18 ވަނަ މަޖިލީހުން އަމަލު ކުރަން ނިންމީ، 18 ވަނަ މަޖިލީހުން މަޖިލީހުގެ ގަވާއިދު އެކުލަވާލެވެންދެން 17 ވަނަ މަޖިލީހުން ފާސްކޮށްފައިވާ ގަވާއިދަށް އަމަލު ކުރުމަށެވެ.

އެގޮތުން މަޖިލީހުގެ ގަވާއިދު ހެދުމަށް ކޮމެޓީއަށް ފޮނުވައި، ކޮމެޓީގައި ކޮންމެވެސް ވަރަކަށް މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް މަޖިލީހުގެ ދައުރު ނިމުނުއިރުވެސް އެ ގަވާއިދު އޮތީ ކޮމެޓީގައި ނުނިމި އެވެ.

މިހާރު ހިނގަމުންދާ 18 ވަނަ މަޖިލިސް ހިންގުމުގެ ގަވާއިދު އެކުލަވާނުލެވި، މަޖިލީހުގެ ދައުރު ނިންމާލިއިރު، މި މަޖިލިސް ވެފައިވަނީ ރައްޔިތުންގެ އެންމެބޮޑު ނުރުހުމެއް ލިބުނު މަޖިލީހަށެވެ.

މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގެ ދެތިން މެމްބަރެއް ފިޔަވާ ހުރިހާ މެމްބަރުން ވަނީ 19 ވަނަ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާފަ އެވެ. ނަމަވެސް 18 ވަނަ މަޖިލީހުގެ 70 ޕަސެންޓް މެމްބަރުންނަށް ރައްޔިތުން ވަނީ ނޫނެކޭ ބުނެފަ އެވެ.

މިހާރު ހިނގަމުންދާ 18 ވަނަ މަޖިލިސް ނިންމި ޖަލްސާ އިއްޔެ ބޭއްވިއިރު، އެޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ، މަޖިލީހުގެ ޖުމްލަ 94 ޕަސެންޓްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވީ، 28 މޭ 2014 ގަ އެވެ. އެދުވަހުން ފެށިގެން އިއްޔެއާ ހަމަޔަށް ޖުމްލަ 174 ބިލު އަދި ހަތް ޤަރާރުގެ މަސައްކަތް ނިންމަވާފައިވެއެވެ. އަދި، ސަރުކާރުން ހުށަހަޅުއްވާފައިވާ 154 މައްސަލައާއި ރިޔާސަތުން ހުށަހަޅުއްވާފައިވާ 26 މައްސަލައާއި، މެންބަރުން ހުށަހަޅުއްވާފައިވާ 19 މައްސަލަ ނިންމަވާފައިވެއެވެ. އަދި، ދައުލަތުގެ ފަސް ބަޖެޓް އަދި އެއް ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރައްވާފައިވެއެވެ. މީގެ އިތުރުން، އެކި މައްސަލަތަކާބެހޭ 151 ރިޕޯޓް ނިންމަވައި، އަދި، ވަޒީރުންނާ 60 ސުވާލު ކުރައްވާފައިވެއެވެ.

މަޖިލީހުގެ ފަހު ޖަލްސާތަކުގައި އޮތީ ދައުރު ނިމެންދާތީ، 19 ވަނަ މަޖިލީހަށް ނުހޮވުނު ބައެއް މެމްބަރުން ހުށެހެޅުއްވި، އެ މެމްބަރުންގެ އަމިއްލަ މަންފާއަށް ހުށަހެޅި ގިނަ ބިލްތަކެކެވެ. މަޖިލިސް މެމްބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް އިނާޔަކާއި ހިމާޔަތާއި ރައްކާތެރިކަމާއި ވީއައިޕީ ހިދުމަށް ލިބިދިނުމުގެ ބިލްތަކެއް ހުށަހެޅިފައިވާއިރު، އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ގެންދެވީ އެބިލްތަކަށް ދެކޮޅު ހައްދަވަމުން ނެވެ.
ހިޔާލު