Dhivehi masakkaitherinnah haggu minvaru hoadhun!
image
2012 ވަނަ އަހަރުގެ މޭ ޑޭގައި ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިން ޝުއޫރު ފާޅުކުރަނީ.-- ފޮޓޯ: ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)
1 ކޮމެންޓް
 

ދިވެހި މަސައްކަތްތެރިންނަށް ހައްގު މިންވަރު ހޯދުން!

މިއަދަކީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ "މޭ ޑޭ" އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތެރިން، ހައްގު މިންވަރު ހޯދަން އަޑު އުފުލާ ދުވަހެވެ. ނަމަވެސް ބޭރު ގައުމުތަކުގެ ވާހަކަ ބާއްވާށެވެ؛ ދިވެހި މަސައްކަތްތެރިންނަށް ހައްގު މިންވަރު ހޯދަމާ ހިނގާށެވެ.
ރާއްޖޭގެ ހިތްގައިމު ޓޫރިޒަމް އިންޑަސްޓްރީން ފަށަމާ ހިނގާށެވެ؛ މަސައްކަތްތެރިންގެ ވާހަކަ އަކީ އެ ހިތްގައިމު އިންޑަސްޓްރީގެ އަނދިރި ފަރާތެވެ. މަސައްކަތްތެރިންނަށް ހައްގު މިންވަރު ނުލިބޭތަނުގައި، މަސައްކަތް ކުރަން ދިވެހިންނަށް ލިބޭ ފުރުސަތުތައް ވެސް މަދެވެ. ދިވެހިންނަށް ލިބޭ ފުރުސަތަތުތައް ހަނި ކަމަށް މި ބުނަނީ، އިންޑަސްޓްރީގެ އިސް މަގާމުތަކުގައި ބޭރު މީހުން ގިނަވުމެވެ. ނުވަތަ އެއް ވަރެއްގެ މަގާމެއްގައި ތިބޭއިރު ވެސް ދިވެހިންނާއި ބޭރު މީހުނާ ދެމެދު އިންތިހާ އަށް ތަފާތުކުރުންތައް ގެންގުޅޭތީ އެވެ.

މި ވާހަކަތައް ފެށުމުން އަޅުގަނޑުގެ ހަނދާނަށް އައީ، މީގެ ދުވަސްކޮޅެއް ކުރިން ނިއުސް ރޫމަށް ލިބުނު ފޯނު ކޯލެކެވެ. ނަން ނުޖަހަން ޝަރުތުކޮށް އޭނާ އޮއްސާލީ، ޓޫރިޒަމް ސެކްޓާގައި މަސައްކަތް ކުރާ ދިވެހިންގެ ހައްގުތައް ހިމާޔަތް ނުކޮށްދެވޭ ވާހަކަ އެވެ. ރައްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ އިސް މަގާމެއްގައި ހުރި ބޭފުޅާ ވިދާޅުވީ ދިވެހިން ރިސޯޓް އިންޑަސްޓްރީގައި އުޅޭ ގޮތް ފެނިފައި އޭނާ އަށް ހަމަ އަށް ރޭގަނޑު ނިދަން ވެސް ދަތިވާ ކަމަށެވެ.

"އަޅުގަނޑަށް ބޭނުން ގަޑިއަކު ބޭނުން ތާކަށް ދެވޭނެ. އަޅުގަނޑުގެ މުސާރަ ވެސް މިނިސްޓަރަކަށް ވުރެ ބޮޑު. އެކަމަކު އަޅުގަނޑަށް ދިވެހިން މި އިންޑަސްޓްރީގައި އުޅެންޖެހޭ ދަތި ގޮތްތައް ފެނިފައި ރޭގަނޑު ހަމަ އަށް ނިދާވެސް ނުލެވޭ،" މާޔޫސް ކަމާއި އެކު އޭނާ ކިޔައިދިނެވެ.

އޭނާ އަކީ ކުންފުންޏެއްގެ އިސް މަގާމެއްގައި ހުރި ދިވެއްސެކެވެ؛ ޓޫރިޒަމް ސެކްޓަރުގައި މަސައްކަތް ކުރާ ދިވެހިންގެ ހައްގުތައް ހިމާޔަތް ކުރަން އަޑު އުފުލާ މީހެކެވެ. ނަމަވެސް އެފަދަ މީހުން އިތުރުވާން ޖެހެ އެވެ. ތިބާ އަށް ފުދުނަސް، ދެން ތިބޭ މީހުންނަށް ހައްގު މިންވަރު ނުލިބޭކަން ދަނެ، އެ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރާ މީހުން އިތުރުވާން ޖެހެ އެވެ.

އެންމެ ބޮޑު ގޮންޖެހުން: މުސާރަ ކުޑަވުން!

ޓޫރިޒަމް ސެކްޓަރު ދޫކޮށްލުމަށް ފަހު، ރާއްޖޭގެ ހުރިހާ އިންޑަސްޓްރީ އަކަށް ބެލި ކަމުގައި ވީނަމަވެސް މަސައްކަތްތެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މުސާރަ ކުޑަވުމެވެ. ހާއްސަކޮށް ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރަ ކުޑަ ކަމުގެ ޝަކުވާތައް އިންތިހާ؛ އެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވެސް އެއްބަސްވެ އެވެ.

"ތިބި މުވައްޒަފުން ވެސް ވަޒީފާއިން ވަކިވެގެން ބޮޑު މުސާރަތަކަށް ދައުލަތުގެ އެހެން ވަޒީފާތަކަށާއި ކުންފުނިތަކުގެ ވަޒީފާތަކަށް ދާ މައްސަލައަކީ ދިވެހި ސިވިލް ސާވިސް އަށް އެންމެ ބޮޑު ހީނަރުކަން ކުރިމަތިވަމުންދާ މައްސަލަ،" މިދިޔަ އަހަރުގެ މޭ ޑޭގައި ސިވިލް ސާވިސް އިން ނެރުނު ބަޔާނުގައިވެ އެވެ.

ސިވިލް ސާވިސްގެ އިތުރުން ޓޫރިޒަމް، ކޮންސްޓްރަކްޝަން ފަދަ ސިނާއަތްތަކުގައި ވެސް މުސާރަ ކުޑަވުމުގެ މައްސަލަތައް އެބަހުއްޓެވެ. އަދި ހާއްސަކޮށް ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް، ހައްގު މިންވަރަށް ސާވިސް ޗާޖް ނުދޭކަމުގެ ޝަކުވާތަކަކީ، ހައްލެއް ނުލިބި ދިގުދެމިގެން ގޮސްފައިވާ ކަމެކެވެ.

މިނިވަން ވޭޖް: މަސައްކަތްތެރިންގެ ހައްގުގައި މުހިންމު ކަމެއް!

މޭ ޑޭ އާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ހިތަބުގައި ވެސް ވަނީ، މިވަގުތު ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ކަމަށް ވިދާޅުވެފަ އެވެ.

"ވަޒީފާގެ ބާޒާރަށް ވީހާ ގިނަ ދިވެހިން ނެރުމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމެވެ. ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ހައްލު ކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މި އަންނަނީ މަޝްވަރާ ކުރަމުންނެވެ." ރައީސް ވިދާޅުވި އެވެ.

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ އެމްޑީޕީގެ އެޖެންޑާ 19 ގައި ވެސް ފާހަގަ ކޮށްލެވޭ މުހިންމު ކަމެކެވެ. އެމްޑީޕީ އަށް މަޖިލީހުގެ ސްޕަ މެޖޯރިޓީއެއް ލިބުނު އިރު، މި ފަހަރު އެ ޕާޓީން އިންތިހާބު ކާމިޔާބު ކުރި ސިޔާސަތުތައް ހަގީގަތަކަށް ހެދުމަށް ހުރަހެއް ނެތެވެ.

އެހެންކަމުން، އާ މަޖިލީސް ހުވާކުރަން ތައްޔާރުވާއިރު، މަސައްކަތްތެރިންގެ އުންމީދު ވެސް އާ ކުރަން އެބަ ޖެހެ އެވެ. މިނިމަމް ވޭޖްގެ އިތުރުން ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު ހަރުދަނާވުމަކީ ވެސް މަސައްކަތްތެރިންނަށް، ބޮޑެތި ކުންފުނިތަކުން ކުރާ ނުރަނގަޅު ކަންކަން ރިޕޯޓްކޮށް، އަދުލު އިންސާފު ހޯދުމަށް ވެސް ލިބިގެން ދާނެ އިތުރު ހިތްވަރެކެވެ.

ޓްރޭޑް ޔޫނިއަން: ހައްގުތައް ކަށަވަރުކުރަން މުހިންމު މަސައްކެތެއް!

ޓްރޭޑް ޔޫނިއަންތައް ނުވަތަ މަސައްކަތްތެރިންގެ ޖަމާއަތްތައް ހެދުމުގެ ފުރުސަތުތައް ރާއްޖޭގައި ދޭން އެބަ ޖެހެ އެވެ. ދުނިޔޭގެ ކުރި އަރާފައިވާ ގައުމުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެންމެ މުހިންމު ރޯލެއް އަދާކުރަނީ މިފަދަ ޖަމާއަތްތަކުންނެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި ވެސް، ޖަމިއްޔާތައް ނުވަތަ ޖަމާއަތްތައް އުފައްދައިގެން، އެފަދަ ޖަމިއްޔާތަކުގައި ބައިވެރިވުމުގެ ހައްގު މަސައްކަތްތެރިންނަށް ލިބިދެ އެވެ. އަދި އެފަދަ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއްގައި ބައިވެރިވުމަކީ، ވަޒީފާއިން ވަކިކުރެވޭނެ ކަމެއް ނޫން ކަމަށް ވަޒީފާ އާ ބެހޭ ގާނޫނުގައި އެބައޮތެވެ. އޭގެ އިތުރުން މަސައްކަތްތެރިންނަށް ހަޅުތާލު ކުރުމުގެ ގޮތުން، މަސައްކަތް ހުއްޓާލުމުގެ ހައްގު ވެސް ގާނޫނު އަސާސީން ލިބިދީފައި ވެއެވެ.

ގާނޫނު އަސާސީގައި ލިބިދީފައިވާ ހައްގުތަކުގެ އިތުރުން ރާއްޖޭން ވަނީ އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) މުހިންމު އަށް މުއާހަދާއެއްގައި ބައިވެރިވެ، ސޮއި ކޮށްފަ އެވެ. އެ މުއާހަލާތަކުގެ ދަށުން ވެސް މަސައްކަތްތެރިންގެ ޖަމާއަތްތައް ހަދައި، ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ޖަމާއަތްތަކުން މަސައްކަތް ކުރެވޭނެ ގޮތްތައް ހަދަން ޖެހެ އެވެ.

މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް އެހީތެރިވާ ޖަމިއްޔާތައް ހުރި ނަމަވެސް، މިހާތަނަށް ޓްރޭޑް ޔޫނިއަނެއް ރާއްޖޭގައި ރަސްމީކޮށް އުފެދިފައި ނެތީ، އެކަމާ ގުޅޭ ގާނޫނީ އޮނިގަނޑެއް މިހާތަނަށް އެކުލަވާލެވިފައި ނެތުމުން ކަމަށް، ބައެއް ޖަމިއްޔާތަކުން ފާހަގަ ކުރެ އެވެ.

މީގެ ކުރިން، 2011 ވަނަ އަހަރު އެފަދަ ގާނޫނެއް އެކުލަވާލުމަށް އައިއެލްއޯ އާއި ސަރުކާރުގެ އިތުރުން ވިޔަފާރިވެރިން ގުޅިގެން ބިލެއް އެކުލަވާލި އެވެ. ނަމަވެސް އޭރު ވެރިކަން ބަދަލުވެގެން ރާއްޖެ އަށް ދިމާވި ސިޔާސީ އޮއިވަރުގައި ޖެހި، އެ ބިލް ގާނުނަކަށް ނުވެ ދިގުލައިގެން ދިޔައީ އެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރާއިރު، ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހެ އެވެ. އެގޮތުން އާ ސަރުކާރާއި، އެމްޑީޕީގެ ސްޕަ މެޖޯރިޓީ މަޖިލީހެއް ހުވާކުރަން ތައްޔާރުވާއިރު، މަސައްކަތްތެރިން ތިބީ އެ މީހުންގެ ހައްގުތައް ކަށަވަރު ކުރުމުގެ ވާހަކަ ދައްކާފައި މިފަހަރު ނިންމާނުލާ، ސަރުކާރުގެ އަމަލުތަކުން އެކަން ދައްކައި، މަސައްކަތްތެރިންނަށް ހައްގު މިންވަރު ހޯދައިދޭނެ ކަމުގެ އުންމީދުގަ އެވެ.
ހިޔާލު

ސުވާލު

ކޮބާހޭ ފުލެޓު ކޮމިޓީ... ކޮބާހޭ ފުލެޓު ކޮމިޓީ.. ކޮބާހޭ ފުލެޓު ކޮމިޓީ... މުސާރަ އެމީހުންނަގާ ބަރާބަރަށް.. ވާކަމެއް ނޯވޭ