Midhiya aharu STO ah 9.4 billion ge aamdhanee eh, 1.9 billion ithuru
image
އެސްޓީއޯ ހެޑް އޮފީސް: އާމްދަނީ 9.4 ބިލިޔަނަށް އިތުރުވީ އިރު، ފައިދާ ވެސް ވަނީ އިތުރުވެފައި.-- ފޮޓޯ: ޕީއެސްއެމް
0 ކޮމެންޓް
 

މިދިޔަ އަހަރު އެސްޓީއޯ އަށް 9.4 ބިލިޔަންގެ އާމްދަނީއެއް، 1.9 ބިލިޔަން އިތުރު

މިދިޔަ އަހަރު އެސްޓީއޯ ލިބުނު އާމްދަނީ ކުރީ އަހަރާ އަޅާ ބަލާއިރު 1.9 ބިލިޔަން ރުފިޔާ އިތުރުވެ، 9.4 ބިލިޔަން ރުފިޔާ އަށް އަރައިފި އެވެ.
އެސްޓީއޯ އިން އިއްޔެ އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީ، ކުރީ އަހަރާ އަޅާ ބަލާއިރު 25 ޕަސެންޓް އިތުރުވީ، މައިގަނޑު ގޮތެއްގައި އެ ކުންފުނިން ތެޔޮ ވިއްކި ވަރު އިތުރުވެފައިވާތީ އެވެ.

އެގޮތުން މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު، 20 ޕަސެންޓް އިތުރަށް އެސްޓީއޯ އިން ތެޔޮ ވިއްކާފައިވެ އެވެ. އެސްޓީއޯ އިން ބުނާގޮތުގައި އެއީ 100 މިލިޔަން ލީޓަރުގެ އިތުރުވުމެކެވެ. ތެލުގެ އިތުރުން އެސްޓީއޯގެ އެހެނިހެން ވިޔަފާރިތައް ވެސް ވަނީ ކުރީ އަހަރާ އަޅާ ބަލާއިރު 25 ޕަސެންޓް އިތުރުވެފައި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެސްޓީއޯ އަށް ލިބުނު އާމްދަނީ އިތުރުވުމާ އެކު، އެ ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ ވަނީ ކުރީ އަހަރާ އަޅާބަލާއިރު 17 ޕަސެންޓް އިތުރުވެފަ އެވެ. އެއީ 253 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އޭގެ އިތުރުން ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވެސް ވަނީ ކުރީ އަހަރާއި އަޅާބަލާއިރު 47 ޕަސެންޓް އިތުރުވެފަ އެވެ. ތެޔޮ ނޫން އެހެނިހެން ވިޔަފާރިތަކުން އެސްޓީއޯއަށް ލިބުނު ޖުމްލަ ފައިދާ 10 ޕަސެންޓް އިތުރުވި އެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާއިން ފެށިގެން އެސްޓީއޯގެ ފައިދާ އެކަށީގެންވާ ބާރުމިނެއްގައި ކުރިއަރަމުން އަންނަ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ފައިދާއަކީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި އެސްޓީއޯ އަށް އެންމެ ބޮޑު ފައިދާއެއް ލިބުނު ކުއާޓާއެވެ.

"ފާއިތުވި އަހަރުތަކެކޭ އެއްފަދައިން އެސްޓީއޯ އިން އަބަދު ވެސް އެންމެ އިސްކަމެއް ދެނީ ތެލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރު ކުޑަކުރުމަށެވެ. އަދި އެހެނިހެން ވިޔަފާރިތައް ކުރިއަރުވާ، އެ ވިޔަފާރިތަކުން ލިބޭ ފައިދާއިން، ތެލުގެ އަގުން ކުންފުންޏަށް ގެއްލިގެންދާ ބައި ކުޑަކުރުމަށެވެ." އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނެ އެވެ.

"އެސްޓީއޯ އަކީ ސަރުކާރުގެ އިތުރުން އާންމު ހިއްސާދާރުން ހިމެނޭ ކުންފުންޏަކަށް ވާތީ، ދިވެހި ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ، ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށްވާތީ، އެސްޓީއޯ އިން މަސައްކަތް ކުރަމުން ދަނީ މި ދާއިރާތަކަށް އިންވެސްޓްކުރުމާއި އެކު، ހިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށެވެ."

އެސްޓީއޯގެ ހިންގުމުގެ ހަރަދު (ޕްރޮވިޝަން އަދި ޑިޕްރިސިއޭޝަން ނުހިމަނާ) މިދިޔަ އަހަރު ވަނީ ކުރީ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް 27 ޕަސެންޓް އިތުރުވެފައިވެ އެވެ. އަދި ފައިނޭންސް ކޮސްޓުގެ ގޮތުގައި މިދިޔަ އަހަރު ވަނީ އެސްޓީއޯ އަށް 177 މިލިއަން ރުފިޔާ ހިސާބު ކުރެވިފަ އެވެ. އެއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 78 ޕަސެންޓް އިތުރުވުމެކެވެ.

ފައިނޭންސް ކޮސްޓް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ސަޕްލަޔަރުން އެސްޓީއޯ އަށް ދީފައިވާ ކްރެޑިޓަށް އިންްޓަރެސްޓްގެ ގޮތުގައި ދަައްކާފައިވާ އަދަދު އިތުރުވެފައިވުމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޓެކްސް އަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ 2018 ވަަނަ އަހަރުގެ ހިންގުމުގެ ފައިދާއަކީ (ފައިނޭންސް ކޮސްޓް ކެނޑުމަށްފަހު) 251 މިލިއަން ރުފިޔާ އެވެ. އެއީ ކުރީ އަހަރާއި އަޅާބަލާއިރު ހަ ޕަސެންޓްގެ ކުރިއެރުމެކެވެ. އެގޮތުން އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން، ހިއްސާ އަަކަށް 58.00ރ. ބެހުމަށް، އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންވަނީ ނިންމަވާފަ އެވެ.

"އެސްޓީއޯގެ އަމާޒަކީ އަބަދުވެސް ބާޒާރުގައި ތަކެތީގެ އަގުތައް އެއް މިންގަނޑެއްގައި ހިފެހައްޓާ ދިނުމާއި ހިއްސާދާރުންނަށް އެކަށީގެންވާ ފައިދާއެއް ހޯދައިދިނުމެވެ... މި ފުރުސަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވަމެވެ." އެސްޓީއޯ އިން ބުނެ އެވެ.

މިދިޔަ އަހަރު އެސްޓީއޯ އަށް ލިބުނު ފައިދާއިން، ހުޅުމާލެ ހޮޓަލް ޕްރޮޖެކްޓް ވިއްކާލުމަށް އެ ކުންފުނިން މިހާތަނަށް ކުރި މަސައްކަތުން ލިބުނު ހުށަހެޅުންތަކަށް ބަލާ، މި ޕްރޮޖެކްޓްގެ ހަމައަގަށް ބެލެންސް ޝީޓްގައި ހިމެނިފައިވާ އަގު ބަދަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯ ވިޔަފާރި
ހިޔާލު