South Asia ge noosverikamuge minivan kamaa behey report Raajjeyga launch koffi
image
"ސައުތު އޭޝިއަން ޕްރެސް ފްރީޑަމް ރިޕޯޓް 2018-2019" ލޯންޗުކުރުމުގެ ހަފްލާގެ ތެރެއިން--- ފޮޓޯ: ޔުނެސްކޯ ނިއު ދިއްލީ
0 ކޮމެންޓް
 

ދެކުނު އޭޝިއާ ސަރަހައްދުގެ ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ ރިޕޯޓް ރާއްޖޭގައި ލޯންޗުކޮށްފި

ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހާ ދިމާކޮށް ދެކުނު އޭޝިއާ ސަރަހައްދުގެ ނޫސްވެރިކަމުގެ ހާލަތު ބަޔާންކުރާ ރިޕޯޓް ރާއްޖޭގައި ލޯންޗުކޮށްފި އެވެ.
"ސައުތު އޭޝިއަން ޕްރެސް ފްރީޑަމް ރިޕޯޓް 2018-2019" ނެރުނީ ހޮޓެލް ޖެންގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ހަފްލާއަކީ ސަރަހައްދުގެ ގައުމުތަކުން މިދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަފްލާ އެވެ.

އެ ރިޕޯޓު ތައްޔާރުކޮށްފައި ވަނީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އަދި އދ.ގެ އެޑިއުކޭޝަނަލް، ސައިންޓިފިކް އަދި ކަލްޗަރަލް ޖަމާއަތް (ޔުނެސްކޯ) އިންނެވެ.

ހަފްލާގައި ބައިވެރިވެވަޑައިގެން ކޮމިއުނިކޭޝަން، ސައިންސް އަދި ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ "ޑިމޮކްރަސީ ކުރިއެރުވުމަށް މީޑިއާ ކުރިއަރަން ޖެހޭނެ" ކަމަށެވެ.

"ހުރިހާ އެންމެންނަށް ޑިމޮކްރަސީ ބިނާކުރުމަށް މީޑިއާ ވެސް ވާން ޖެހޭނީ އެންމެންގެ އެއްޗަކަށް. މިނިވަން އަދި ބާރުވެރި މުޖްތަމައެއް ބިނާކުރުމަށް މީޑިއާ ވެސް ވާން ޖެހޭނީ މިނިވަން އަދި ބާރުވެރި ބަޔަކަށް،" މަލީހް ވިދާޅުވި އެވެ.

މަލީހު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށް، ބާރުވެރިކުރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"މީޑިއާ ބާރުވެރިކުރުވާ، ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށް، ރައްޔިތުންނަށް އިތުބާރު ކުރެވޭ ފަދަ ޕްލެޓްފޯމްތައް އުފެއްދުމަށް ސިޔާސަތު ކަނޑައަޅާ ފްރޭމްވޯކްތައް ހެދިގެން ދާނެ،" މަލީހު ވިދާޅުވި އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ނޫސްވެރިކަމުގެ ހާއްސަ ހަފްލާ މިއަހަރު ޔުނެސްކޯ އިން ރާއްޖޭގައި ބޭއްވިއިރު، ރާއްޖެއިން ވަނީ ޕްރެސް ފްރީޑަމް އިންޑެކްސް ގައި 22 ދަރަޖަ ކުރިއަށް ޖެހިލާފަ އެވެ.

އެކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އދ.ގެ އެކްޓިންގް ރެޒިޑެންޓް ކޯޑިނޭޓަރު އަރްވިންދް މާތޫރު ވަނީ އިއްޔެގެ ހަފްލާގައި ރާއްޖެ އަށް މަރުހަބާ ކިޔާފަ އެވެ.

"އަޅުގަނޑުމެން މި ކާމިޔާބީއަށް މަރުހަބާ ކިޔަން އަދި ދިވެހި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތް ބަލައިގަންނަން،" މާތޫރު ވިދާޅުވި އެވެ.

އެ ހަފްލާގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ފަރާތުން ވާހަކަދެއްކެވި ސީނިއާ ލީގަލް އޮފިސަރު މުޝްފިގް މުހައްމަދު ވަނީ ރިލްވާން-ޔާމީން ފައުންޑޭޝަންގެ މަސައްކަތްތަކަށް ތައުރީފުކޮށްފަ އެވެ.

ރިލްވާން-ޔާމީން ފައުންޑޭޝަނަކީ ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲ އާއި މަރާލާފައިވާ ބްލޮގަރު ޔާމީނު ރަޝީދުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް އެމީހުން އާއިލާތަކުން އުފެއްދި ފައުންޑޭޝަނެކެވެ.

"މި ފައުންޑޭޝަނުގެ އަމާޒަކީ ރާއްޖޭގެ ނޫސްވެރިންނާއި ލިޔުންތެރިންނަށް ބޭނުންވާ ހުނަރުތަކާއި ސަޕޯޓު ފޯރުކޮށްދިނުން،" މުޝްފިގު ވިދާޅުވި އެވެ.
ހިޔާލު