Judiciary islaahu kurun: Sharuee dhaairaage budget ge control Supreme Court ah!
image
އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ--
މުހައްމަދު ފަތުހުﷲ
5 ކޮމެންޓް
 

ޖުޑިޝަރީ އިސްލާހު ކުރުން: ޝަރުއީ ދާއިރާގެ ބަޖެޓްގެ ކޮންޓްރޯލް ސުޕްރީމް ކޯޓަށް!

ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް، ޝަރުޢީ ދާއިރާ އިޞްލާޙްކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކުލަވައިލައިފައިވާ "ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް، ފަނޑިޔާރުގެ އިޞްލާޙްކުރުމުގެ މަގުޗާޓު 2019-2023" މަގުޗާޓުގައި ޝަރުޢީ ދާއިރާގެ ބަޖެޓުގެ މިނިވަންކަމާއި ކޮންޓްރޯލް ޝަރުޢީ ދާއިރާއަށް ދޫކޮށްލުމަށް ހިމަނައި، މައިގަނޑު 20 ދާއިރާއެއް ފާހަގަކޮށްފި އެވެ.
އެ މަގުޗާޓު ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ޖަލްސާގައި އިފްތިތާހުކޮށް ދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލެވުނު މި މަގުޗާޓުގައި އިޞްލާޙީ ބަދަލުތައް ގެންނަންޖެހޭ މައިގަނޑު 20 ދާއިރާއެއް ފާހަގަކޮށްފައި ވެއެވެ.

1.ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް
ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކޮށް، ފަނޑިޔާރުގެ އިޞްލާޙު ކުރުމުގެ މަސައްކަތުގެ އެންމެ މުހިއްމު އެއް ބަޔަކީ ފެބުރުވަރީ 19 އަދި 20 ގައި ބޭއްވުނު ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯރމް ބޭއްވުމެވެ. މި ކޮންފަރެންސުގައި ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި، ބައިނަލްއަޤުވާމީ ތަޖުރިބާކާރުން ބައިވެރި ވެވަޑައިގެން، ޢިލްމީ އަދި ފަންނީ ގޮތުން މުހިއްމު ރިކޮމެންޑޭޝަންތަކެއް ދެއްވައިފައި ވެއެވެ.

2. ޖުޑީޝަލް ސަރވިސް ކޮމިޝަން އިޞްލާޙު ކުރުން
ފަނޑިޔާރުން ޢައްޔަން ކުރުމާއި، ވަކި ކުރުމާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ދުސްތޫރީ މަސްއޫލިއްޔަތު އުފުލާ ފަރާތަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންއެވެ. ޤާނޫނުއަސާސީ އާއި ޤާނޫނުތައް އިޞްލާޙު ކޮށްގެން އެ ކޮމިޝަން އަލުން އެކުލަވައިލައި، މިނިވަންކަމާއި ނަޒާހަތްތެރިކަމާ އެކު، ސިޔާސީ އަދި އެހެނިހެން ނޭދެވޭ ނުފޫޒުތައް ނެތި އެ ކޮމިޝަން މަސައްކަތް ކުރުމަކީ ހަރުދަނާ ފަނޑިޔާރުގެއެއް ބިނާ ކުރުމުގެ އެންމެ މުހިއްމު އެއް އަސާސެވެ.

3. ޤާނޫނު އިޞްލާޙު ކުރުން
މިހާރު ހެދިފައި ހުރި އެތައް ޤާނޫނެއް ޙާލަތާ އެއްގޮތަށް ބަދަލު ކުރާން ޖެހިފައި ވާއިރު، މަދަނީ އަދި ތިޖާރީ އިޖުރާއާތުގެ ޤާނޫނުތައް ފަދަ މުހިއްމު އެތައް ޤާނޫނެއް އަދި ހުރީ ނުހެދިއެވެ. ހޝަރުޢީ ދާއިރާއަށް ކުރިމަތި ވާ އެންމެ ބޮޑު އެއް ޗެލެންޖަކީ ޤާނޫނީ އޮނިގަނޑު އަދާހަމަ ވެފައި ނެތުން. ފަނޑިޔާރުގެއިން ރައްޔިތުންނަށް ޢަދުލުއިންޞާފު ކަށަވަރު ކޮށްދިނުމާއި، ޢަދުލުއިންޞާފަށް ފަސޭހައިން ވާޞިލުވުން ކަށަވަރު ކޮށްދިނުމަށް ޓަކައި ޤާނޫނީ އޮނިގަނޑު އިޞްލާޙު ކުރުން ވަރަށް މުހިއްމެވެ.

4. ފަނޑިޔާރުން ޢައްޔަނުކުރުމާއި ވަކި ކުރުމުގެ ނިޒާމު ހަރުދަނާކުރުން
ފަނޑިޔާރުކަމަށް ޢައްޔަން ކުރެވެނީ ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން ޤާބިލު، އަދި އަޚްލާޤީ ގޮތުން ފަނޑިޔާރުކަމަށް އެކަށީގެންވާ މީހުންކަން ކަށަވަރު ކުރުމަށް ޓަކައި، ޖުޑީޝަލް ސަރވިސް ކޮމިޝަން އިޞްލާޙު ކޮށް، ކަމާބެހޭ ޤަވާޢިދުތަކާއި އުޞޫލުތައް މުރާޖަޢާ ކޮށް، ފަނޑިޔާރުން ނެގުމުގައި ވެޓް ކުރާ ޕްރޮސެސް ހަރުދަނާ ކުރުން މުހިއްމެވެ. ޤާބިލު، އަދި އަޚްލާޤީ ގޮތުން ޒިންމާދާރު ފަނޑިޔާރުން ނެތި ޢަދުލުއިންޞާފު ޤާއިމެއް ނުކުރެވޭނެއެވެ.

5. ފަނޑިޔާރުގެއަކީ ކޮރަޕްޝަނާއި ފަސާދައާއި ނުފޫޒުން އެއްކިބާވެފައިވާ ތަނެއްކަން ކަށަވަރު ކުރުން
ކޮރަޕްޝަނާއި، ފަސާދަޔާއި، ނުފޫޒުން ފަނޑިޔާރުގެ މުޅީން ރައްކައުތެރި ކުރުމަކީ، ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ މަސައްކަތުގެ ބުންޔާދެވެ. ފަނޑިޔާރުގެ އިޞްލާޙު ކުރުމުގެ އެކްޝަން ޕްލޭނުގެ ތެރެއިން، ފަނޑިޔާރުގެ ކޮރަޕްޝަނުގެ ވަބާއިން ސަލާމަތް ވެގެންވާކަން ކަށަވަރު ކޮށް، ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ މުއައްޒަފުންގެ ސުލޫކީ މިންގަނޑުތައް ތަންފީޛު ކުރުމުގެ ނިޒާމު ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް އިޞްލާޙު ކުރެވިގެން ދާނެއެވެ.

6. ފަނޑިޔާރުގޭގެ މިނިވަންކަން ނުގެއްލޭގޮތަށް ފަނޑިޔާރުން ޖަވާބުދާރީކުރުވުމުގެ ނިޒާމު ހަރުދަނާކުރުން
ދުސްތޫރީ ގޮތުން ބާރުތައް ވަކި ކުރެވި، ފަނޑިޔާރުގެ މިނިވަން ކުރުމާ ބެހޭ މަބްދައުތަކާއި މިންގަނޑުތަކާ އެއްގޮތަށް، ދުސްތޫރީ ޗެކްސް އެންޑް ބެލެންސެސްގެ ނިޒާމުގެ ތެރެއިން ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން، ފަނޑިޔާރުން އެމީހުންގެ ޤާނޫނީ މަސްއޫލިއްޔަތުތައް އަދާ ކުރާކަމާއި، ސުލޫކީ މިންގަނޑުތަކަށް ތަބާ ވާކަން ކަށަވަރު ކުރުމަށް ޓަކައި ޖަވާބުދާރީ ކުރުވުމުގެ ފުރިހަމަ ނިޒާމެއް ޤާއިމު ކުރެވޭނެއެވެ.

7. ރައްޔިތުންގެ ޝަކުވާތައް ފަސޭހައިން ހުށައެޅޭނެ ނިޒާމެއް ޤާއިމު ކުރުން
ފަނޑިޔާރުގެއަކީ ރައްޔިތުންނަށް އަސާސީ ޚިދުމަތެއް ފޯރު ކޮށްދޭ، ރައްޔިތުންނާއި ދައުލަތުގެ ޙައްޤުތަކާއި މަޞްލަޙަތުތައް ޙިމާޔަތް ކޮށްދޭ ތަނެވެ. އެހެންކަމުން ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ޝަކުވާތައް ހުށައަޅައި، އެ ޝަކުވާތަކަށް ލަހެއް ނުވެ ފިޔަވަޅުތައް އެޅޭނެ ނިޒާމެއް ޤާއިމު ކުރެވެން ޖެހެއެވެ. އެ ނިޒާމަކީ ކޮންމެ މީހަކަށް ވެސް ފަސޭހައިން ޝަކުވާ ހުށައެޅޭ، އަދި ހުށައެޅި ޝަކުވާޔާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅޭކަން ރައްޔިތުންނަށް ކަށަވަރު ކޮށްދެވޭނެ ނިޒާމެކެވެ.

8. ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު ހަރުދަނާކޮށް ތަންފީޒުކުރުން
މައްސަލަތައް ނިންމުމަށް ހޭދަވާ މުއްދަތާއި، ކޭސް މެނޭޖް ކުރާ ގޮތާއި، ނިންމާ ނިންމުންތަކުގެ ޢިލްމީ ފެންވަރާއި، ކޮންޓިނިޔުޑް އެޑިޔުކޭޝަނުގެ ޕްރޮގްރާމްތައް ފުރިހަމަ ކުރާ މިންވަރު ފަދަ ކަންކަމުގައި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ޒަމާނީ އަދި ޝާމިލު ނިޒާމެއް ޤާއިމު ކުރުމަކީ އިޞްލާޙީ ޕްލޭނުގެ މުހިއްމު އެއް އުންސުރެވެ.

9. ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމުގެ ނިޒާމެއް ޤާއިމު ކުރުން
ފަނޑިޔާރުންނަށް ޖުޑީޝަލް ކެރިއަރެއްގެ ފުރުޞަތުތައް ފަހި ކޮށްދެވޭނީ، މަޤާމުގެ ކުރިއެރުން ލިބޭނެ ހަރުދަނާ ނިޒާމެއް އޮވެގެން ކަމަށް ވާތީ، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ކަނޑައެޅޭ މިންގަނޑަކުން ޕޮއިންޓް ހޯދާ ފަނޑިޔާރުންނަށް އިންޞާފުވެރި، ދެފުށްފެންނަ، އަދި ހަރުދަނާ އުޞޫލުތަކަކުން ޕްރޮމޯޝަން ލިބޭނެ ގޮތް ފަހި ކޮށްދެވޭނެއެވެ. އަދި އޭގެ ސަބަބުން ކޯޓުތަކުގެ މަސައްކަތުގެ ފެންވަރު ރަނގަޅު ވަމުން ދާނެއެވެ.

10. އެކްސަސް ޓު ޖަސްޓިސް ކަށަވަރު ކުރުމާއި ޙުކުމް ތަންފީޒުކުރުމުގެ ނިޒާމް ހަރުދަނާކުރުން
ރައްޔިތުންގެ ޙައްޤުތައް ރައްކައުތެރި ކޮށްދެވޭނީ، އަދި ޢަދުލުއިންޞާފު ޤާއިމު ކޮށްދެވޭނީ ޢަދުލުއިންޞާފަށް ފަސޭހައިން ވާޞިލުވުން ކަށަވަރު ކޮށްދެވިގެންނެވެ. ހަމައެހެންމެ، ކޯޓުތަކުން ކުރާ ޙުކުމްތައް ހަރުދަނާ ގޮތެއްގައި ތަންފީޛު ކުރެވިގެންނެވެ. ޖުޑީޝަލް ރިފޯރމް އެކްޝަން ޕްލޭނުގެ މައިގަނޑު އެއް ނާރެހަކީ، ވަލްނަރަބަލް ގިންތިތަކަށާއި، އެންމެހައި ފަރާތްތަކަށް އެކްސެސް ޓު ޖަސްޓިސް ކަށަވަރު ކޮށްދިނުމާއި، ކޯޓުގެ ޙުކުމްތައް ތަންފީޛު ކުރާނެ ހަރުދަނާ ނިޒާމެއް ޤާއިމު ކުރުމެވެ.

11. ޖުޑީޝަލް ކޭސް މެނޭޖްމަންޓްގެ ނިޒާމު ޒަމާނީ ކުރުން
ބަޖެޓާއި ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުން ކޮށް، މައްސަލަތައް އަވަހަށް ނިންމައި، ފުރިހަމަޔަށް ޢަދުލު އިންޞާފު ޤާއިމު ކުރުމަށް ޓަކައި ޒަމާނީ ކޭސް މެނޭޖްމަންޓް ނިޒާމެއް ކޮންމެ ކޯޓެއްގައި ވެސް އޮންނާން ޖެހެއެވެ. އިޞްލާޙީ ޕްލޭނުގެ ތެރެއިން މަދަނީ، ޖިނާއީ، ޢާއިލީ އަދި އެހެނިހެން މައްސަލަތަކުގައި ކޭސް މެނޭޖްމަންޓުގެ ނިޒާމު ހަރުދަނާ ކުރެވޭ އިރު، ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައި އެއް އުޞޫލުތަކެއް ހިފެހެއްޓޭކަން ކަށަވަރު ކުރެވޭނެއެވެ.

12. ހުރިހާ ސިޓީތަކެއްގައި ސުޕީރިއަރ ކޯޓުތައް ޤާއިމުކުރުން
ސިޓީތަކުގެ ގޮތުގައި ކަނޑައެޅޭ ރަށްރަށާއި ސަރަޙައްދުތަކުގައި، މާލޭގައި ސުޕީރިއަރ ކޯޓުތަކުގެ ޚިދުމަތް ދެވޭ ފަދައިން ސުޕީރިއަރ ކޯޓުތަކުގެ މަސައްކަތް ހިނގުމަކީ މުހިއްމު ކަމެކެވެ. އޭގެ ސަބަބުން ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތް ހަލުވިވެ، ޝަރުޢީ ނިޒާމުގެ ތެރެއަށް ވަންނަ ބޮޑެތި މައްސަލަތައްވެސް އަވަހަށް ނިމިގެން ދިއުމުގެ މަގުފަހިވެގެންދާނެއެވެ.

13. ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޒަމާނީކޮށް ހަރުދަނާކުރުން
ޖުޑީޝަރީއާ ބެހޭ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ކުރިއަރައިފައި ވާ ޖުރިސްޑިކްޝަންތަކުގައި ޢަމަލު ކުރެވޭ އުޞޫލުތަކަށް ބަލައިގެން، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ނިޒާމު ހަރުދަނާ ކުރުމަކީ ފަނޑިޔާރުގެ އިޞްލާޙު ކުރުމުގެ މަސައްކަތުގެ އަސާސެވެ. އެގޮތުން ކޯޓުތަކުގެ އެތެރޭގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހަރުދަނާ ކުރުމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހަރުދަނާ ކުރުމާއި، ކޯޓުތަކުގެ އިދާރީ ހިންގުން ވަރުގަދަ ކުރުން ފަދަ ލަނޑުދަނޑިތައް ޙާޞިލު ކުރެވޭނެއެވެ.

14. އީފައިލިންގ ނިޒާމު ޤާއިމު ކުރުމާއި ޓެކްނޮލޮޖީގެ ބޭނުން ކުރާ މިންވަރު އިތުރު ކުރުން
ޒަމާނީ ޚިދުމަތްތަކެއް ދިނުމަށް، ޝަރުޢީ ދާއިރާގައި ޓެކްނޮލޮޖީގެ ބޭނުން ފުރިހަމަ ގޮތުގައި ކުރުމަށް ޓަކައި، އިޞްލާޙީ ޕްލޭނުގެ ދަށުން އޯޑިޔޯ-ވީޑިޔޯ ކޮންފަރެންސިންގގެ ވަސީލަތްތައް ކޯޓުތަކުގައި ޤާއިމު ކުރުމާއި، އީ-ފައިލިންގ ނިޒާމެއްގެ ތެރެއިން ކޯޓުތަކަށް ހުށައެޅޭ ލިޔެކިޔުންތަކާއި މައްސަލަތަކާ ބެހޭ ލިޔެކިޔުން ރައްކައުތެރިކަމާ އެކު ބެލެހެއްޓުމާއި، ފަސޭހަކަމާ އެކު އޮންލައިންކޮށް ކޯޓަށް މައްސަލަ ހުށައެޅުމުގެ މަގުފަހި ކުރުން ފަދަ ކަންކަން ކުރެވޭނެއެވެ.

15. ފަނޑިޔާރުގޭގެ މާލީ މިނިވަންކަމާއި ވަޞީލަތްތައް ކަށަވަރުކުރުން
ޒަމާނީ އުސޫލުތަކާ އެއްގޮތަށް މިނިވަން އަދި ޤާބިލު ފަނޑިޔާރުގެއެއް ޤާއިމު ކުރުމަށް ޓަކައި، ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ފުރިހަމަ ކުރާން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، ޝަރުޢީ ދާއިރާގެ ބަޖެޓުގެ މިނިވަންކަމާއި ކޮންޓްރޯލް ޝަރުޢީ ދާއިރާއަށް ދޫކޮށްލުމެވެ. ޝަރުޢީ ދާއިރާއަށް ދައުލަތުގެ ބަޖެޓުގެ ވަކި މިންވަރެއް ކަށަވަރު ކޮށްދިނުމާއި، ޝަރުޢީ ދާއިރާގެ ބަޖެޓުން ޚަރަދު ކުރުމުގެ ކަންކަން ޝަރުޢީ ދާއިރާއަށް ދޫކޮށްލުން ފަދަ އިޞްލާޙުތައް ގެންނާން ޖެހެއެވެ.

16. ކޮންޓިނިޔުޑް ޖުޑީޝަލް އެންޑް ލީގަލް އެޑިޔުކޭޝަނާއި، ތަމްރީނުގެ ނިޒާމު ހަރުދަނާ ކުރުން
ހަރުދަނާ އަދި ޤާބިލު ފަނޑިޔާރުގެއެއްގެ އެންމެ މުހިއްމު އެއް އަސާސަކީ ކޮންޓިނިޔުޑް ޖުޑީޝަލް އެންޑް ލީގަލް އެޑިޔުކޭޝަނާއި ތަމްރީނުގެ ނިޒާމަކުން، ފަނޑިޔާރުންނާއި މުއައްޒަފުންނަށް ޢިލްމީ އަދި ފަންނީ ޤާބިލުކަމާއި ހުނަރު ތަރައްޤީ ކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ފަނޑިޔާރުންގެ މެދުގައި ޢިލްމާއި ތަޖުރިބާ ޙިއްޞާ ކުރެވޭނެ ޕްލެޓްފޯމްތައް ޤާއިމު ކުރުމެވެ. ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ހަރުދަނާ ކުރެވިގެން ދާނީ މި މަޤްޞަދުތައް ފުރިހަމަޔަށް ޙާޞިލު ކުރެވޭ ގޮތަށެވެ.

17. ފަނޑިޔާރުން ތާޒާކުރުމަށްޓަކައި އަހަރަކު 20 ގަޑިއިރުގެ އިން-ސަރވިސް ތަމްރީނު ލާޒިމްކުރުން
އައުޤާނޫނުތަކާއި ޤަވާއިދުތަކަކަށް އަހުލުވެރި، މަލްޓިޑިސިޕްލިނަރީ ޢިލްމާއި، ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ އައު ދިރާސާތަކަށް އަހުލުވެރި ބަޔަކަށް ފަނޑިޔާރުން ހެދުމަށް ޓަކައި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ އިންސްޓިޓިޔުޝަނަލް ޑިވެލޮޕްމަންޓުގެ ލަނޑުދަނޑިތައް ޙާޞިލު ކުރެވިގެން ދާއިރު، ކޮންމެ ފަނޑިޔާރަކު ވެސް އަހަރަކު މަދު ވެގެން 30 ގަޑި އިރުގެ ކޮންޓިނިޔުޑް ޖުޑީޝަލް އެންޑް ލީގަލް އެޑިޔުކޭޝަނާއި ތަމްރީނު ފުރިހަމަ ކުރުން ލާޒިމު ކުރެވޭނެއެވެ.

18. ޝަރުޢީ އަދި ޤާނޫނީ ތަޢުލީމުގެ ނިޒާމް ހަރުދަނާކުރުން
ދިވެހިރާއްޖޭގައި ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންނާއި ކޯޓުތަކުގެ ލީގަލް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ބިނާ ކުރުމުގެ ފުރިހަމަ ޤާބިލުކަން ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ތަޢުލީމުގެ ނިޒާމުގައި ހުރެގެން މެނުވީ، ދިވެހި ފަނޑިޔާރުގެއާއި ލީގަލް ޕްރޮފެޝަން ތަރައްޤީއެއް ނުކުރެވޭނެއެވެ. އެ ނިޒާމު އިޞްލާޙު ކުރުމުގެ މަސައްކަތުގައި ޙިއްޞާ ވެ އެހީތެރި ވުމަކީ ފަނޑިޔާރުގެ އިޞްލާޙު ކުރުމުގެ މަސައްކަތުގެ އެއްބައެވެ.

19. ލީގަލް ޕްރޮފެޝަން ހަރުދަނާކުރުން
ފަނޑިޔާރުންނާ އެކު، ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ މުހިއްމު ޒިންމާގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރާ ބަޔަކީ ޤާނޫނީ ވަކީލުން. ޤާނޫނީ ވަކީލުންނަކީ ކޯޓުގެ އޮފިސަރުން ކަމަށް ވާއިރު، ހަރުދަނާ އަދި މިނިވަން ޤައުމީ ބާރ އެސޯސިއޭޝަނަކުން ޤާނޫނީ ވަކީލުންގެ ޕްރޮފެޝަން ތަންޒީމު ކުރުމާއި، ބެންޗާއި ބާރގެ ގުޅުމަކީ އިޙްތިރާމާއި އިތުބާރާއި އެއްބާރުލުމުގެ މައްޗަށް ޤާއިމު ކުރެވޭ ގާތް ގުޅުމަކަށް ހެދުމަކީ، އިޞްލާޙީ މަސައްކަތުގައި އެންމެ އިސްކަން ދެވޭނެ އެއް ކަންތަކެވެ.

20. ލީގަލް އެއިޑްގެ ހަރުދަނާ ސްކީމެއް ޤާއިމު ކުރުމާއި، ޕަބްލިކް ޑިފެންޑަރޒް އޮފީހެއް ޤާއިމު ކުރުން
ތަނަވަސްކަން ނެތް ފަރާތްތަކަށް މަދަނީ، ޖިނާޢީ އަދި ޢާއިލީ މައްސަލަތަކުގައި ވެސް ޤާނޫނީ ވަކީލުންގެ ޚިދުމަތާއި އެހީތެރިކަން ލިބޭނެ މަގުފަހި ކުރުމަށްޓަކައި ޕަބްލިކް ޑިފެންޑަރޒް އޮފީހެއް ޤާއިމު ކުރެވިގެން ދާނެ. މި ނިޒާމުގެ ތެރެއިން، އެކްސެސް ޓު ޖަސްޓިސް ކަށަވަރު ކުރުމުގައި މުހިއްމު ކުރިއެރުންތަކެއް ޙާޞިލު ކުރެވި، ވަކީލުން ހަމަނުޖެއްސިގެން މައްސަލަތައް ނުނިމި ދިގު ލައިގެން ދިޔުމަށް މެދުވެރި ވާ ޙާލަތްތައް މަދު ކުރެވޭނެއެވެ.
ހިޔާލު

ވިއްކާ

ހުކުމް ނުވިކޭނެހެން ހީވީމާ ބަޖެޓުކޮންޓްރޯލް ބޭނުންވާނެ. ތިޔާބުނީ ރަގަޅަށް.

ބޮކިބެ

މޯލްޑިވްސް ޖުޑީސަލް ގަވަރމަންޓް ނަމުގަ ވަކި ސަރުކާރެއްވެސް އުފައްދަން ފެނޭ. ފަނޑިޔާރުންގެ ކަންކަން ބެލެހެއްޓުމާއި ހިދިމަތްދިނުމަށްޓަކައި. އޭރުން މާރނގަޅުވާނެ ނޫންތޯ

ފަނޑިޔާރު ކަލޭފާނު

ފުރަތަމަ ކަމެއް ރަނގަޅުކުރަން އުޅޭއިރު، ގޯސް ކަންކަން ޤަބޫލްކުރަންޖެހޭ. ފަޑިޔާރުގެ އިސްލާހްކުރާވާހަކަ ބުނާއިރު މީހަކު އެތަންތާގަ މައްސަލަހުރިކަމަށް ބުނެގެނެއްނުވޭ، ފަޑިޔާރުން ރޯމާދުވާލު ރިސްވަތުނަގާ ހިތުހުރިގޮތަށް ހުކުމްތަށްކުރާއިރު މިވާހަކަ ދައްކައިގެންނުވޭ. އެހެންބުނާމީހާ ކޯޓަށްދަމާ ބަޔާން ނަގާ ބިރުދައްކަންޖެހޭ. މިވަރުން ކިހިނެއް ފަޑިޔާރުގެ އިސްލާހްކުރާނީ

ލަަތިއްޓޭ

ބަޖެޓަކީ ހަމަ އެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރެވޭނެ އެއްޗެއް. އެއީ ސުޕްރީމް ކޯޓުގެ ކަމެއް ނޫން.

ރަހިމްބެ

ހަރް ހައް ކޮރަޕްޝަނޭ ފަޑިޔާރުން ނުވެސް ދަންނަ ކަމެއްތީ ލަދުކޮބާ!