Team CNM ge enburi aun: Angaiga tape elhiyas adu madeh nukureveyne!
image
ދިވެހި ނޫސްވެރިން ހިމޭން މުޒާހަރާއެއްގައި އަނގައިގައި ޓޭޕް އަޅައިގެން. އޭގެ ތެރޭގައި ސީއެންއެމްގެ ކުރީގެ ހަތަރު ނޫސްވެރިން ހިމެނޭ---ފޮޓޯ: ޒަހީނާ ރަޝީދު
ސާޔާ އަހްމަދު
0 ކޮމެންޓް
 

ޓީމް ސީއެންއެމްގެ އެނބުރި އައުން: އަނގައިގައި ޓޭޕް އެޅިޔަސް އަޑު މަޑެއް ނުކުރެވޭނެ!

އެއީ 2016 ވަނަ އަހަރުގެ ރޯދަ މަހުގެ އެންމެ ފަހު ހަފްތާގެ ދުވަހަކުން ރޭގަނޑެއްގެ ވަގުތެވެ. ސީއެންއެމްގެ ނޫސްވެރިންގެ ޓީމު އެކީހެން އުޅުނީ އޮފީސް ތެރޭގައި އަވަދިނެތި އެވެ. މާބޮޑު ކަމެއް އޮތް ރެއެއް ނޫނެވެ. އެކަމަކު ސީއެންއެމް އަށާއި، ސީއެންއެމްގެ ނޫސްވެރިންނަށް އެރޭވީ ބޮޑު ރެއަކަށެވެ.
ގަޑިން 9 އެއް ޖަހާ ބޮޑުވިފަހުން ނިއުސް ރޫމަށް އައިސް ވަނީ އެޑިޓަ އިން ޗީފް އެވެ. މޫނުމަތިން ފެނުނީ މޮޅިވެރި މަންޒަރެކެވެ. ހުރިހާ ނޫސްވެރިން މީޓިން ރޫމަށް ޖަމާ ކުރުމަށް ފަހު ބުނީ އެދުވަހު ސީއެންއެމް އިން އެންމެ އަޑު އަހަން ބޭނުން ނުވި ވާހަކަ އެވެ.

އޭރު އޮތް ސަރުކާރުގެ ޕްރެޝަރާއެކު ސީއެންއެމްގެ އެއް ހިއްސާދާރު ނޫސް ބަންދުކުރަން ނިންމި ވާހަކަ އެވެ. އެޑިޓޯރިއަލް މިނިވަންކަން ދިނުމަށް ވައުދުވެ، ފަންޑުކުރަމުން ދިޔަ ޕާޓްނަރުގެ އެ ނިންމުމާއެކު ވަޒީފާ ގެއްލުނީ އެވެ. އެއަށްވުރެ ވެސް ބޮޑަށް ނިކަން ލޯތްބާއި ގަޔާވުމާއެކު ނޫސްވެރިކަން ކުރަމުން އައި ބައެއްގެ އަނގައިގައި ޓޭޕް އެޅުނީ އެވެ.

އޭގެ ފަހުން އައި ދެއަހަރު އެކީހެން ސީއެންއެމް އަށް އުޅެން ޖެހުނީ ނުހަނު ހާލުގަ އެވެ. އަތްވަކަށް ވާރެއަކަށް ބެލުމެއް ނެތި، އަމާޒުވާ ވަޒަނަކަށް ކަނޑިއަކަށް ފަރުވާލެއް ނެތި ކުރި ގަދަ މަސައްކަތުން ސީއެންއެމް އަނެއްކާވެސް މިހިރީ އެނބުރި އައިސްފަ އެވެ. ވެއްޓުނު މިންވަރަށް ވުރެ ބާރަށް ތެދުވެ، ދުއްވައިގަންނަން ތައްޔާރަށެވެ.

ސީއެންއެމްގެ އުއްމީދަކީ ފާއިތުވި އަށް އަހަރު ދުވަހު ނޫސްވެރިކަމަށް ކޮށްދެވުނު ހިދުމަތަށް ވުރެ ވަރުގަދަ، ފެންވަރު ހުރި ހިދުމަތެއް ކުރިއަށް އޮތްތަނުގައި ދިނުމެވެ. ސީއެންއެމްގެ ފަހުރުވެރި ތާރީހުން ސާބިތުވާ ހަގީގަތަކީ މިއީ އެވެ. ސީއެންއެމްގެ ޓީމަކީ އަނގައިގައި ޓޭޕް އެޅިޔަސް އަޑު މަޑުވާނެ ޓީމެއް ނޫނެވެ.
ހިޔާލު