CNM ah 8 aharu: Dhathithakaaeku ves kuriah!
image
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސީއެންއެމްގެ ޓީމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވަނީ---ފައިލް ފޮޓޯ
މާއިދާ މުހައްމަދު ރަޝާދު
3 ކޮމެންޓް
 

ސީއެންއެމްއަށް 8 އަހަރު: ދަތިތަކާއި އެކު ވެސް ކުރިއަށް!

މިއަދަކީ ސީއެންއެމް އަށް ވަރަށް ހާއްސަ ދުވަހެކެވެ؛ އަށް ވަނަ އަހަރީ ދުވަހެވެ. އަށް އަހަރު ވެގެން ދިޔައިރު އަޅުގަނޑުމެން ވާނީ ތަފާތު ގިނަ ގޮންޖެހުންތަކާ ކުރިމަތިލައި، ކާމިޔާބު ހޯދާފަ އެވެ. ތިރީގައި މިވަނީ ސީއެންއެމް އިން މޭ 3، 2011 ގައި ފެށި ދަތުރުގެ ކުރު ހުލާސާ އެކެވެ.
ފުރަތަމަ ސީއެންއެމް ވުޖޫދުވެގެން ދިޔައީ، މިއަދު ވެސް ސީއެންއެމްގެ މުގުލުގައި ހުންނެވި އެޑިޓާ އިން ޗީފް އިސްމާއީލް ރަޝީދުގެ ބެއްލެވުމުގެ ދަށުން، ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ)ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހުގެ އެހީތެރިކަމާއި އެކުގަ އެވެ.

އެކަމަކު ސަރުކާރު ބަދަލުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސިޔާސީ ޕްރެޝަރު ބޮޑުވެގެން، ސީއެންއެމް ހުއްޓާލަން ޖެހުނީ އެވެ؛ ސީއެންއެމްގެ ނަން ހުއްޓުމަކަށް އައި ނަމަވެސް، ޓީމު ހުއްޓައެއް ނުލެވެ އެވެ.

ސިޔާސީ ޕްރެޝަރު ބޮޑުވެ ސީއެންއެމް ހުއްޓުމަކަށް އައީ، އޭރުގެ ސަރުކާރުން އިންތިހާ އަށް ކޮރަޕްޝަނުގެ އަމަލުތައް ހިންގަމުން ދިޔައިރު އެ ކަންކަން ރައްޔިތުންނާ ހަމަ އަށް ތިލަކޮށްދޭތީ ކަމަށް ބެލެވެ އެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ޓޫރިޒަމް މިނިސްޓަރަކަށް ހުރި އިރު، އެމްޕީއެލުން ޑޮލަރު ގަތުމަށް ކަމަށް ބުނެ ނެގި ފައިސާގެ ވާހަކަތައް ވެސް މީޑިއާ އަށް ތިލަކޮށްލީ ސީއެންއެމް އިންނެވެ.

އޭގެ އިތުރުން ރައީސް ޔާމީނުގެ އަނބިކަނބަލުން ފާތުން، ސައުދީ ސަރުކާރުން ދިން ކަދުރުތަކުގެ ތެރެއިން ބައެއް އެކަމަނާގެ އަމިއްލަ ޖަމިއްޔާގެ ނަމުގައި ބެހުމަށް ނެގުމާއި، ހައްޖު ކޯޓާ އިން ބައެއް އެކަމަނާގެ ގާތް މީހުންނަށް ދިނުމަށް ނެގުން ފަދަ ގިނަ ކަންކަން ސީއެންއެމް ބަންދުކުރި ފަހުން ވެސް އެ ޓީމުން ވަނީ މީޑިއާ އަށް ތިލަކޮށްފަ އެވެ.

އެގޮތުން ސީއެންއެމް ހުއްޓާލުމާ އެކު، ސީއެންއެމް ޓީމުގެ އަޑު ކެނޑިފައި އޮތީ ކުޑަ ދުވަސްކޮޅަކަށެވެ. ސީއެންއެމްގެ ޓީމުން ވަނީ ވޮއިސް އޮފް ފްރީ ޕްރެސް (ވީއެފްޕީ)ގެ ނަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ނިކުމެފަ އެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބަށް ވޯޓު ލާން ތައްޔާރުވެފައި ވަނިކޮށް، "ވީއެފްޕީ" ރީބްރޭންޑްކޮށް، އަޅުގަނޑުމެންގެ ޓީމުގެ ހަގީގީ ނަމަށް، "ސީއެންއެމް" އަށް ރީބްރޭންޑް ކުރީ އެވެ.

މިނިވަން އެޑިޓޯރިއަލް ޕޮލިސީއެއްގެ ދަށުން ޒަމާނުއްސުރެ މަސައްކަތް ކުރަމުން އަންނަ ސީއެންއެމްގެ އަޑު ކަނޑުވާލުމަށް ސިޔާސީ އެކި ބޭފުޅުން ކުރިމަތި ކުރުވަމުން ދިޔަ މަސައްކަތްތައް ނާކާމިޔާބު ކޮށްލާފައި، "ވީއެފްޕީ" ރީބްރޭންޑްކޮށް "ސީއެންއެމް" އަށް ބަދަލު ކޮށްލި އިރު، މިއަދު ސީއެންއެމްގެ ފަހަތުގައި އެއްވެސް ވިޔަފާރި ވެރިއަކު ނެތެވެ؛ އެކަމަކު މުގުލުގައި އަދިވެސް ހުންނެވީ އިސްމާއިލް ރަޝީދެވެ.

އަޅުގަނޑުމެންގެ އަޑު ކަނޑުވާލުމަށް ނިމިދިޔަ ސަރުކާރުން ފަހުން ވަނީ "ވީއެފްޕީ"ގެ ނަމުގައި "ސީއެންއެމް"ގެ ޓީމު މަސައްކަތް ކުރި އިރު ވެސް ތަފާތު ދަތިތައް ކުރިމަތި ކޮށްފަ އެވެ. އެގޮތުން އިސްތިހާރުން ލިބޭ އާމްދަނީ އަށް އެކަނި ބަރޯސާވެ "ވީއެފްޕީ" ހިންގަން ފެށި އިރު، ސަރުކާރުގެ އެއްވެސް ކުންފުންޏަކުން އިސްތިހާރެއް ނުދެ އެވެ. އަދި އަމިއްލަ ވިޔަފާރިތަކުން އިސްތިހާރު ޖަހާނަމަ، ބިރު ދައްކައި އިސްތިހާރު ނަގާ ފަހަރު ވެސް މަދެއް ނޫނެވެ؛ އެކަމަކު އެ ދަތިތަކާ އެކު ވެސް އަޅުގަނޑުމެންގެ އަތުގައި ހިފައިގެން ތިބި ކުންފުނިތަކަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ.

މާޒީގެ ވާހަކަ ހުއްޓާލާފައި ކުރިއަށް ބަލަމާ ހިނގާށެވެ؛ މިއަދު "ސީއެންއެމް" އަކީ ކުރިއަށް ވުރެ އެތައް ގުނައެއް ކިޔުންތެރިން ގިނަ ނޫހެކެވެ. އަވަހަށް، ތެދު ހަބަރުތައް ގެނެސްދިނުމަށް އަތުކުރި އޮޅާލާފައިވާ ޒުވާން ޓީމެއް އަޅުގަނޑުމެންނާއި އެކު އެބައޮތެވެ؛ މިނިވަން ނޫސްވެރިންކަން ހިމާޔަތް ކުރުމަށް "ވީހާލެއްގައި ވާން" ތައްޔާރަށް އޮތް ޓީމެކެވެ.

އަޅުގަނޑުމެން ވާނީ ކިޔުންތެރިންނާ ގާތުން ހިދުމަތްތައް ދިނުމަށް، ވީހާވެސް ފަސޭހަ ވާނެ ގޮތަށް ވެބްސައިޓުގެ ލޭއައުޓް ބަދަލުކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު، ރަނގަޅު ބަދަލުތައް ފެންނާނެ އެވެ. ކޮންޓެންޓް އިތުރުކޮށް، ތަފާތު ދާއިރާތައް ކަވަރު ކުރުމަށް ދުވަހެއް ދުވަހަކަށް އިތުރަށް މަސައްކަތްތައް ކުރަމުން ދާއިރު، މިއަދު ސީއެންއެމް ދުވަލާކު 100000 އަށް ވުރެ ގިނަ މީހުން ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ އިތުރު ހިއްވަރެކެވެ، އަދި އުފަލެކެވެ.

ދާދި ފަހުން ސީއެންއެމް އިން ވާނީ "ނޯޓިސް ބޯޑު"ގެ ނަމުގައި ވަޒީފާ އާއި އިއުލާން އަދި ޓެންޑާ ފަދަ އެއްޗެހި ޖެހުމަށް އާ ޕްލެޓްފޯމެއް ތައާރަފް ކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ޒަމާނީ ޓެކްނޮލޮޖީއާ އެކު ތަފާތު އާ ޕްރޮޑަކްޓްތައް ނެރުމަށް ސީއެންއެމްގެ ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ.

މިއަދުގެ އުފަލުގައި ސީއެންއެމްގެ ކިޔުންތެރިންނަށް ހާއްސަ ޝުކުރެއް އަޅުގަނޑުމެން އަރިސް ކުރަމެވެ؛ ތިޔަ ބޭފުޅުންނާއި ނުލާ އަޅުގަނޑުމެންނަށް ކާމިޔާބު ނުލިބޭނެ އެވެ. އަދި އޭގެ އިތުރުން މިއަދަކީ ބައިނަލްއަގުވާމީ ނޫސްވެރިންގެ ދުވަސް ކަމުން، ހުރިހާ ނޫސްވެރިންނަށް ވެސް ވަރަށް ހޫނު މަރުހަބާ އެއް ސީއެންއެމްގެ ޓީމުން އަރިސް ކުރަމެވެ.

ހުރިޙާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ!
ހިޔާލު

ކިނބޫ

ޢެއް ކޮޅަށް ގޮސް ހުސް ވެފަ އޮންނަ ނޫހެ..
މިހާރު ސަރުކާރު ގެ ނޫސް.

ޖިންނި

މަރުހަބާ ސީއެންއެމް.

àަލީ

ސާބަސް ޓީމަށް.... ދުވަހުގެ ތަހުނިޔާ.... ވާހަކައަށް ހެޔޮ ބަދަލެއް އަންނާނެތަ؟ މިހާރު ލިޔާ ލިޔުންތެރިޔާ ވަރަށް ރަނގަލު... ވަރަށް މޮޅު