CNM ge kandugadha dhathuraai ah aharu, adhi kurimagu!
image
އިސްމާއީލް ރަޝީދު
2 ކޮމެންޓް
 

ސީއެންއެމުގެ ކަނޑުގަދަ ދަތުރާއި އަށް އަހަރު، އަދި ކުރިމަގު

ސީއެންއެމުން މީގެ އަށް އަހަރު ކުރިން 3 މޭ 2011 ވަނަ ދުވަހު ނޫސްވެރިކަމަށް ނުކުތީ ނުހަނު ދަތިގޮތަކަށް ޕާޓްޓައިމް ނޫސްވެރިންގެ އެހީތެރިކަމާއެކުގައެވެ. ދަތިހާލުގައިވެސް ދަތުރު ފެށީ ރާއްޖޭގައި ނޫސްވެރިންގެ ނޫހެއް ހިންގުމުގެ މަގުސަދުގައެވެ. ތަނަވަސްކަން މަތީގައި ނޫސްވެރިކަން ކުރަން ލިބުނު ވަރަށް ގިނަ ފުރުސަތަށް ނޫނެކޭ ބުނެ، ދަތި ހާލުގައި ނޫސްވެރިކަންކުރަން ސީއެންއެމް ބަނދަރުން ނިކުންނަން ނިންމާ، ދަތުރަށް ބޭނުންވާ ފެނާއި ކާބޯތަކެތެއްޗާއި ވާވެލާވެލި ދޯންޏަށް އަރުވަން އުޅުނު ވަގުތުވެގެންދިޔައީ ސީއެންއެމުގެ ނަސީބު އަތުގައި ހިފި ހިނދުކޮޅަށް ކަމަށް ހީވި އެވެ.
ސީއެންއެމް ޓީމުން ބޭނުންވި ހުރިހާ ހަމައަކާއި އުސޫލަކަށް އިހްތިރާމްކޮށް، ސީއެންއެމް ޓީމާއެކު ދަތުރުކުރާނެ މަދަދުގާރަކު ބައިވެރިވި އެވެ. އޭނާގެ މަސައްކަތަކަށްވީ ސީއެންއެމް ޓީމަށް ބޭނުންވާ ހަކަތަ ފޯރުކޮށް ދިނުމެވެ. ނުހަނު ދަތިގޮތަކަށް ދަތުރުކުރަމުންދަނިކޮށް، ލިބުނު ހަކަތައާއެކު މަލަމަތި ފެންނަ ސަރަހައްދުގައި ދުއްވަމުންދިޔަ ދޯނީގެ މިސްރާބު ޖެހީ ސީދާ މާ ކަނޑަށެވެ.

މާ ކަނޑަށް މިސްރާބު ޖެހި ހިސާބުން ދިމާވީ، ރާއްޖޭގެ މަސްރަހަށް އައި ވަރަށް ބޮޑު ބަދަލަކާ ގުޅިގެން 17 ފެބްރުއަރީ 2012 ގައި ބޭއްވި ބޮޑު ދެ މުޒާހަރާ އެވެ. އެ މުޒާހިރާ ކަވަރުކުރުމަށް ފުލްޓައިމް ހަ ނޫސްވެރިންނާއެކު ސީއެންއެމް ފެށި ދަތުރުގައި އުޑުމަތި ބަނަވެ، ވިލާގަނޑެއްގެ އަސަރު ދޯނީގެ ކުރިމަތިން ދައްކާލި އެވެ. އެހިސާބަށް ދަތުރުކުރެވުނު އިރު އަމިއްލަ ހަކަތަ ދޯނި ދުއްވޭވަރުވެ، ގިނަ ބައެއްގެ އިތުބާރުލިބި، ބާރު ދުވެލީގައި ގަދަ ކަނޑުގައި ދޯނި ދިޔައީ ދުއްވަމުންނެވެ. ސަތާރަ ފަޅުވެރިންނާއެކު ދުއްވަމުންދިޔަ ދޯނި ފުރަތަމަ ކޮޅިގަނޑުގައި ޖެހުނީ 11 މޭ 2014 ދުވަހު އެވެ. ދޯނި ކޮޅިގަނޑުގައި ޖެހުނީ އޭރު އޮތް ސަރުކާރުގެ މާބާރު ގަދަ ވަޒީރެއްގެ ހިޔާނާތުގެ މައްސަލައެއް ފެންމަތިކޮށްލުމުންނެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން މަގާފައިވާ ފައިސާތަކެއް ރައީސް ޔާމީން ސަރުކާރުގައި ވަރަށް ބާރުގަދަ ވަޒީރެއް ބޭނުން ކުރިކަމަށް ތުހުމަތުކުރާ މައްސަލައެއް ސީއެންއެމުން ފެންމަތިކުރިއިރު، އެ ވާހަކަ އެހެން މީޑިއާއެއްގައި ލިޔެލާން ވެސް ނުކެރި ތިބީ ކީއްވެކަން އެނގޭ މީހުންނަށް އެނގޭނެ އެވެ. އެހިސާބަށް ދިޔައިރުވެސް ދަތުރުގެ ބޭނުން އިންތިހާއަށް ބޮޑުވެ އަމާން ބަނދަރު ފެންނަން ނެތުމުން ފަޅުވެރިންނާ މަޝްވަރާކުރުމަށް ފަހު ނިންމީ، ދަތުރުގެ މުހިންމުކަން ބޮޑުކަމުން ދަތުރު ހުއްޓާނުލައި ކުރިއަށްގެންދިއުމަށެވެ.

އެ ދަތުރުގައި ކަނޑު ގަދަވެގެން ބޮޑުރިޔަލުގައި ދުއްވޭވަރަށްވުރެ މޫސުން ގޯސްވެގެން އެތައް ފަހަރަކު ކުޑަރިޔަލުގައި ދަތުރުކުރަން ޖެހުނެވެ. އެ ކޮންމެ ފަހަރަކުވެސް އެއްގަމުގައި ހުރި މަދަދުގާރަށް ދަތުރަށް ފެށިއިރު އޭނާ ދެއްކި ވާހަކަތަކާއި ވެފައިވާ އަހުދުގެމަތިން ތަކުރާރުކޮށް ހަނދާންކޮށް ދެމުންދިޔައީމެވެ. އެއާއެކު ޒުވާން ފަޅުވެރިންނާއެކު ކުރަމުންދިޔަ ދަތުރުގައި ޖެހުނު ކޮންމެ ގަލެއް ފުރުޅަމުންދިޔައީ ސީއެންއެމް އުފެއްދި މަގުސަދު ހާސިލްކުރުމަށެވެ. ގައުމުގައި ހިނގި އެންމެ ބޮޑެތި މައްސަލަތައް ފެންމަތިކުރީ ފައިސާ އާއި ތަޖުރިބާ އާއި އެހެނިހެން ވަސީލަތް ހުރި މީޑިއާތައް ފަހަތަށް ޖަސްލާލުމަށް ފަހުގައެވެ. ބޭނުމަކަށްވީ ވަޒީފާ އަށް މާދަމާ ނުކުތުމަށްވުރެ ދަތުރުމަތީގައި ދިމާވާ މައްސަލަތައް ރައްޔިތުންނަށް ސާފުކޮށްދީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާކަމަށާއި އެ ހައްގުތަކަށް ނުހައްގުން އަރައިގަންނަމުންދަނީ ކޮން ބައެއްކަން ރައްޔިތުންނަށް ހާމަކޮށް ދިނުމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ފުރަތަމަ ހިނގި ފައިސާގެ ބޮޑު މައްސަލަ ފަޅާ އަރުވާލުމާއެކު ކުރިމަތިވި ފިއްތުންތަކަށް ނުބަލާ އެ ސަރުކާރުން ކުރަމުންދިޔަ ވައްކަމާއި ނާޖާއިޒުގޮތުގައި ނަގަމުންދިޔަ ފައިދާތައް ހާމަކުރުމުގައި ދޯނީގެ ފަޅުވެރިން މުރާލިކަމާއެކު މަސައްކަތްކުރަމުންދިއުމުގެ ނަތީޖާއެއްގެ ގޮތުގައި އެތައް މައްސަލަތަކެއް ފެންމަތިވި އެވެ. އެ ދަތުރުގައި ދިމާވި އެންމެ ނުރައްކާތެރިއެއްކަމަކަށް ފަޅުވެރިންނާ ދިމާވީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގެ ފުނަށް ފޭބޭތޯ ހިންގި ހާއްސަ އިންވެސްޓިގޭޝަނެވެ. އެ އިންވެސްޓިގޭޝަން ހިންގީ ދަތުރުގެ ފަޅުވެރިންގެ އިތުރުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކުގައެވެ. ނަމަވެސް އެ މަސައްކަތް ފެށިތާ ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ލިބެމުންދިޔަ އިންޒާރުތަކާއި ރާއްޖޭގެ ހާލަތު އޮތްގޮތުން އިތުރު ނުސްވެރިއަކު ގެއްލުން ނުވަތަ މަރާލުން ފަދަ ކަމެއް ހިނގައިފާނެކަމަށްޓަަކައި ހާއްސަ އިންވެސްޓިގޭޝަން ހުއްޓާލަންޖެހުނެވެ.

އެ ބިރުވެރި ހާދިސާއަށް ފަހު ވެސް ފަޅުވެރިންގެ ޒުވާން ހިތްވަރާއެކު ސަރުކާރަށާއި ސަރުކާރާ ގުޅިފައިވާ ފަރާތްތަކަށް ފާރަލަމުންދާދިއުން ހަޖަމްނުވެގެން ދަތުރު ހުއްޓާލަން މަޖުބޫރުވި އެވެ. އެއް ގަމުގައި ހުރި މަދަދުގާރަށް ކެތްނުވެގެން ސީއެންއެމްއިން ކުރަމުންދޔަ ދަތުރު މެދު ކަނޑާލީ އޭނާގެ އަށް ލިބިދާނެ އަނިޔާއަކުން އޭނާ ސަލާމަތްކޮށް ދިނުމުގެ ބޭނުމުގައެވެ. ސުލަހަވެރިކަމާއެކު ސީއެންއެމް އިން ފެށި ދަތުރު ހުއްޓާލިކަން އިއުލާނު ކުރި ނަމަވެސް ސީއެންއެމުގެ ޓީމުން ފަށާފައިވާ ދަތުރު ހުއްޓައެއްނުލަ އެވެ. ދަތުރުކުރި ދޯނީގެ ބަރުހެލިކަން ބޮޑުވެފައިވާތީ އާއެކު ދޯނި އެހެލާ މަރާމާތުކޮށް އަލުން ބޭލުމާ ދޭތެރޭގައި ވެސް ސީއެންއެމް ޓީމުން ދިޔައީ އޭރު އޮތް ސަރުކާރަށް ފާރަވެރިވަމުންނެވެ. ނޫސްވެރިންގެ ނޫހެއް ހިންގަމުންނެވެ.

އެ ދަތުރުގައި އޮޑި ބަދަލުކޮށް އަލުން ސީއެންއެމް ކަނޑަށް ނިކުން އިރު ވެސް ސީއެންއެމް ދިޔައީ އެތެރެވަރީގައި ދަތުރުކުރަމުންނެވެ. އެ ދަތުރު މާ ކަނޑަށް މިސްރާބު ޖެހީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓްލާން އެންމެ 24 ގަޑިއިރަށް ވެފައިވަނިކޮށެވެ. 22 ސެޕްޓެމްބަރު 2018 ވަނަ ދުވަހުގެ ރޭ 12:00 ގައި ސީއެންއެމް ދެވަނަ ފަހަރަށް މާ ކަނޑަށް ޖެހި މިސްރާބުގައި ދޯނި ދަނީ ގަދަ ވަޔާއެކު މަންޒިލަށް ދަތުރުކުރަމުންނެވެ.

ކިޔުންތެރިންނަށް ހަބަރާއި މައުލޫމާތު ތާޒާ ކަމާއެކު ގެނެސް ދިނުމަށް މިދިޔަ ކުރު ހަޔާތުގައި އަޑިގަނޑުތަކާއި އުސްގަނޑުތައް ކަޑަތުކޮށްފައިވެއެވެ. މިކަން އެންމެ ރަނގަޅަށް އެނގޭނެ އެއް ބަޔަކީ މިދަތުރުގައި ތިބި ފަޅުވެރިންނަށެވެ. އަޅުގަނޑުގެ ކެޔޮކުޅުކަމުގައި ދުއްވަމުން މިދާ އޮޑި އަޑިއަށް ނުގޮސް ފެނުން މަތީގައި ދުއްވެމުންދަނީ އަޅުގަނޑުގެ ނިޔަމިކަން މާ މޮޅުވެގެ ނޫނެވެ. ފަޅުވެރިންގެ ހުޝިޔާރު ކަމާއި ވާވެލާވެލި ގެންގުޅުމުގައި ފަޅުވެރިން މާ ހުޝިޔާރުވުމުންނެވެ.

ސީއެންއެމް އަށް އަށް އަހަރުފުރުން މިއަދު މިފާހަގަކުރަނީ މި ދަތުރަށް އެރި ފަޅުވެރިންގެ ކެތްތެރިކަމާއި ހުޝިޔާރުކަމާއި ބަދަހި ގުޅުމުގެ ސަބަބުންނެވެ. އަދި މި ދަތުރުގެ މިސްރާބު ސާފުވެ ޔަގީންވެފައިވާތީ އެހީތެރިވާ ފަރާތްތަކުގެ ދީލަތިކަމުންނެވެ. އެެހެންކަމުން އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ މިކުރަނީ ދޯނީގެ ހުންގާނުގައި މިއަދު ހުރި މީހެއްގެ ހައިސިއްޔަތުންނާއި ނޫސްވެރިންގެ ނޫހެއް ހިނގަމުންދާތަން ފެނުމަކީ ނުހަނު ބޭނުންވާ މީހެއްގެ ހައިސިއްޔަތުންނެވެ.

އަށް އަހަރުގެ ދަތުރު ނާމާން ނިންމާލާނީ ކުރަމުން މިދާ ދަތުރަށް ކުރާ އުއްމިދުވެސް އާކޮށްލަމުންނެވެ. ނުވަ ވަނަ އަހަރަށް ސީއެންއެމް މިސްރާބު ޖަހާފައިވަނީ ހާހަލާއި ގިރިތަކާއި ފަޅުތަކަށް ބަލައިގެން ލިބުނު ތަޖުރިބާގެ އަލީގައެވެ. ނޫސްވެރިކަމުގެ އުހަން ސީއެންއެމް ގެންދިއުމަށް އަޅަންޖެހުނުކޮށްމެ ފިޔަވަޅެއް އަޅާނީ މުޖުތަމައުގެ ލާބައަށްޓަކައި، ކުރަމުންދާ މިދަތުރުގެ ހަގީގީ ކެޔޮޅަކީ، ޒުވާން ފަޅުވެރިންކަމަށް ބަލައިގެންނެވެ.

މިއަދު ސީއެންއެމް އާންމުންގެ ތެރޭގައި މަގުބޫލު ނޫހަށް ވަމުން އަންނަނީ ސީއެންއެމުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހީވާގި މަސައްކަތުން ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ސީއެންއެމަކީ ގުޅި، އެކަތިގަނޑަކަށް ވެފައިވާ، ޒުވާން ނޫސްވެރިންގެ ޓީމެއްގެ ހިންމަތްތެރި މަސައްކަތެކެވެ. ސީއެންއެމަކީ އެންމެ މީހެއްގެ މަސައްކަތެއް ނޫނެވެ.
ހިޔާލު

ގައުމު

ސީއެންއެމް އަކީ ގަދަ ބައެއް. ވަރަށް ކެރޭ ބައެއް. ތަޖުރިބާ ހުރި ނޫސްވެރިން ތިބި ގޮތައް ތިއްބާ މި ގައުމުގައި ހިނގި އެންމެ ބޮޑު ކްރޮޕްޝަން ފަޅާ އަރުވާލީ ސީއެންއެމުން. ޝުކުރިއްޔާ ސީއެންއެމް

އާދަމް

ޝުކުރިއްޔާ ސީ.އެން.އެމް