Dhivehi noosverinnah oiy biruverikan nimumakah!
image
ދިވެހި ބައެއް ނޫސްވެރިން---ފައިލް ފޮޓޯ
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ދިވެހި ނޫސްވެރިންނަށް އޮތް ބިރުވެރިކަން ނިމުމަކަށް!

ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ ދުވަސް، ދިވެހި ނޫސްވެރިން ފާހަގަކުރާއިރު، މީގެ ހަތް އަހަރު ކުރިން ދިވެހި ނޫސްވެރިންގެ ބޯމަތީގައި އޮތް "ކަޅު ބޯވިލާގަނޑު" ނެއްޓި، ނޫސްވެރިކަމުގެ މިނިވަން ކަމުގެ އިހުސާސް ކުރެވެން ފަށައިފި އެވެ.
ދިވެހި ޖުމްހޫރިއްޔާގެ އާގާނޫނުއަސާސީއަށް އަމަލު ކުރަން ފެށުމާއެކު މުޅި ދިވެހި ރާއްޖެ ޑިމޮކްރެސީގެ މަގަށް އަނބުރާލައި، ދައުލަތުގެ ހިންގުމުގެ ނިޒާމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނުވި އެވެ. އެގޮތުން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ވެސް ލިބިގެން ދިޔައެވެ. ނަމަވެސް 2008 ވަނަ އަހަރު އަމަލު ކުރަން ފެށި ގާނޫނުއަސާސީއާއެކު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު އަނެއްކާވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް ބުރޫ އަރައި ކުރިން ބުނި "ކަޅު ބޯވިލާގަނޑު" ބޯމަތިވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ނޫސްވެރިއެކެވެ. ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމަށް މަރުހަބާ ވިދާޅުވާ، ލިޔުންތެރިކަމާއި ކިޔުންތެރިކަމަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ދިވެހި ނޫސްވެރިންނަށް މާބޮޑު އުނދަގުލަކާ ކުރިމަތި ނުލައި މިނިވަން ކަމާއެކު ނޫސްވެރިކަން ކުރެވުނުވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ދުރުކޮށް، ބަޣާވާތަކުން ވެރިކަމަށް ވަޑައިގެންނެވި، އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ދިވެހި ނޫސްވެރިންނަށް ދަތިތަކާއި ކުރިމަތިލައި، ނޫސްވެރިންގެ ހައްގުތައް ހިމާޔާތްކުރަން މަގުމައްޗަށް ނުކުންނަށް ޖެހުނެވެ. ބޭރުގެ ބައެއް ގައުމުތަކުންނާއި ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ބަޔާންތައް ނެރެ، ހިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަމެއް ރާއްޖޭގެ ގާއިމުކޮށްދިނުމަށް ގޮވާލަމުން ދިޔައެވެ.

ކުރީގެ ރައީސް ވެރިކަމާއެކު ދިވެހި ނޫސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާންޖެހި ބައެއް ނޫސްވެރިންނަށް އަނިޔާތަކާއި ކުރިމަތިލާންޖެހި، ނޫސްވެރިން ޖަލަށްވެސް ލާފައިވެއެވެ.

ކުރީ ރައީސް ވަހީދުގެ ވެރިކަމުގެ ދެ އަހަރާއި އެންމެފަހުން ނިމުނު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހި ނޫސްވެރިންނަށް ޖެހިފައިވަނީ ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހޯދުމަށް މަގުމަތީގަ އެވެ. ސަރުކާރު ނުރުހޭ ނޫސްވެރިން ނުވަތަ ނޫސް އެޖެންސީތަކުގެ މައްޗަށް ދައުވާކޮށްފައިވާއިރު، ސަރުކާރު ހިތްހަމަ ނުހެޖޭ ލިޔުންތަކެއް ލިޔެގެން ގިނަ އަދަދެއްގެ ނޫސްވެރިންގެ މައްސަލަތައް ބެލުމަށް ކަމާބެހޭ ދައުލަތުގެ އިދާރާތަކަށް ހުށަހެޅި އެވެ. ބައެއް ނޫސްވެރިން ޖަލަށްލިއިރު، "ރާއްޖެޓީވީ" ރޯކޮށްލައި އަންދާ އަޅިއަށް ހަދާލި އެވެ. މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ ލާއިންސާނީ އަނިޔާތަކާއެކު އަވަހާރަކޮށްލިއިރު، ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ބަޔަކު މީހުން ވެގެން ވަގަށް ނެގިތާ ހަތަރު އަހަރު ވެގެންދިޔައިރުވެސް، އެމައްސަލަތައްވެސް އޮތީ އޮތްތާނގަ އެވެ. ލިޔުންތެރިޔާ ޔާމީން ރަޝީދު "ކޮށައިކުދި" ކޮށްލާފައިވަނީ، އޭނާގެ އެކުވެރި، ރިލްވާނަށް އިންސާފު ހޯދާދިނުމަށް ގޮވަމުން ދަނިކޮށެވެ.

އެހުރިހާ ޖަރީމާތަކެއް ފާއިތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ހިންގާފައިވާއިރު، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮންނާނެ މިންވަރު ނިކަން އިހުސާސްކޮށްލަބަލާށެވެ.

ނަމަވެސް މިހާރު މިވަނީ މުޅި މަންޒަރު ބަދަލުވެފަ އެވެ. ސަރުކާރު ބަދަލުވެއްޖެ އެވެ. ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ލޯބިކުރާ ސަރުކާރެއް ލިބިއްޖެ އެވެ. ދިވެހިންނަށް ރަނގަޅު ކޮށްލަންޖެހޭ ބައެއްކަންކަން އަދިވެސް އެބަހުއްޓަވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ ނޫސްވެރިންނާއި ނޫސް އޭޖެންސީތަކުގެ ބަލަދުވެރި ފަރާތްތައް ގެންނަންޖެހޭ ބަދަލެވެ. ފާއިތުވެދިޔަ ހަތް އަހަރު އެހުރިހާ ޖަރީމާތަކެއް ހިންގި މީހުން ދައުލަތުގެ މުއައްސަސާތަކުގައި ބޭއްތިއްބުމަކީ އެންމެ ރަނގަޅު ގޮތްކަމަކަށް ނުދެކެމެވެ. އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހެއެވެ.

"ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަން ބަލާ މިންގަނޑުން ފާއިތުވި އަހަރުތަކާއި އަޅާ ބަލާއިރު ރާއްޖެ ބޮޑު ކުރިއެރުމެއް މިއަހަރު މިވަނީ ހޯދާފަ އެވެ. ދުނިޔޭގެ 180 ގައުމެއްގެ ނޫސްވެރިކަމުގެ މިނިވަންކަން މިންކޮށް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރުނު ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެވަނީ 22 ދަރަޖަ ކުރިއަށް ޖެހިފައެވެ. މިއީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖަށް މިވަރުގެ ކުރިއެރުމެއް ލިބުނު ފުރަތަމަ ފަހަރެވެ.

މިދިޔަ 2018 ވަނަ އަހަރު ނެރުނު އިންޑެކްސްގައި ރާއްޖެ އޮތީ 120 ވަނައިގަ އެވެ. ނަމަވެސް މި އަހަރުގެ އިންޑެކްސްއިން ރާއްޖެއަށް ވަނީ 98 ވަނަ ލިބިފައެވެ.

ހިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަކީ ގައުމެއް ތަރައްގީގެ މަގުން އަދި ޑިމޮކްރެސީ އުސޫލުން ހިންގުމަށް އެންމެ މުހިއްމު އެއްގުނަވަނެވެ.
ނޫސްވެރިކަން
ހިޔާލު