Exclusive: Mujthamauge eh baige adu kenduneemaa islaaheh nugeneveyne
image
އަނާރާ ނައީމް--
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

އެކްސްކްލޫޒިވް: މުޖުތަމައުގެ އެއްބައިގެ އަޑު ކެނޑުނީމާ އިސްލާހެއް ނުގެނެވޭނެ

އަނާރާ ނައީމް އަކީ ނިމެމުން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލުކުރާ ހަމައެކަނި މެމްބަރެވެ. ނަވާރަ ވަނަ މަޖިލިސް އިންތިހާބު މިދިޔަ މަހު ނިމުނުއިރު އެ އިންތިހާބުގައި ވެސް އަނާރާ ވަނީ އެޕާޓީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރައްވާފައެވެ. އެކަމަކު އެ އިންތިހާބުން އަނާރައަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ. އަނާރާގެ އިތުރުން ޕީއެންސީގެ ޓިކެޓުގައި އެދާއިރާއަށް މަކުނުދުއަށް އުފަން ޔަޝްފާ އަބްދުލްގަނީ އަދި އެމްޑީޕީގެ ޓިކެޓުގައި މުހައްމަދު ރާއީ ވާދަކުރެއްވިއިރު އިންތިހާބު ކާމިޔާބުކުރެއްވީ މުހައްމަދު ރާއީއެވެ.
ތިރީގައިވާ އިންޓަވިއުގައި ހިމަނާފައިވާނީ ސިޔާސީ މައިދާނުގައި އަންހެނަކަށް ވީތީ ދިމާވާ ގޮންޖެހުންތަކާ މެދު އަނާރާ ދެއްވި އިންޓަވިއުގެ ބައެއް ބައިތަކެވެ.

ސީއެންއެމް: ސިޔާސީ މައިދާނުގައި އަންހެނަކަށް ވުމުން ދިމާވާ ގޮންޖެހުމަކީ ކޮބާތޯ؟

އަނާރާ: އަދިވެސް މުޖުތަމައުގައި އަންހެނަކަށްވީތީ ސިޔާސީ ދާއިރާއަށް ނުކުތުމަށް ގޮންޖެހުންތަކެއް އެބަހުރި. ކުރިން އަޅުގަނޑު މަޖިލީހުގައި ވެސް ދަންނަވާފައި ވާނީ އަންހެނަކަށް ވުމުން އަޅުގަނޑަށް އެންޓި ކެމްޕެއިން ކުރިއޭ. އަންހެނުންނަށް ވޯޓުލުމަކީ ބިދުއައެކޭ ބުނޭ އެބަ... މިއީ ހަގީގަތުގައި ވެސް ވަރަށް ދެރަ ކަމެއް.

ސީއެންއެމް: ކީއްވެގެންތޯ ސިޔާސީ ދާއިރާއަށް ނުކުތުމަށް އަންހެނުންނަށް ގޮންޖެހުންތައް ކުރިމަތިވަނީ؟

އަނާރާ: ސިޔާސީ ދާއިރާއަކީ ވަރަށް ހަޑި ދާއިރާއެއްގެ ގޮތުގަ އެބަދެކޭ. އެހެންވެ ބައެއް ފަހަރު އާއިލާތަކުން ބޭނުމެއް ނުވޭ އަންހެނުން އެ ދާއިރާއަށް ނެރެން. މިސާލަކަށް އަޅުގަނޑު މިދިޔަ ދުވަސްތަކުގައި ވަރަށް މަސައްކަތްކޮށްފައިވާނެ އަޅުގަނޑު ހިމެނޭ ދާއިރާގައި އަންހެނުން މި ކަމަށް ނެރެން. ނޫނީ ކައުންސިލުތަކަށް އަންހެނުން ނެރެން، އެކަމަކު ފެމެލީތަކުން ގަބޫލެއް ނުވޭ އެކަމަކަށް. އެއީ މިސާލަކަށް ޅަ ދުވަހުގައި ކޮންމެވެސް ކަމެއް އެމީހުންނަށް ކުރެވިފައި އޮތީމަ ސިޔާސީ ދާއިރާއަށް ނުކުތީމަ އަނެއްކާ ވެސް އެ ވާހަކަތައް ފެންމަތިވެ ފަލީހަތް ކޮށްފާނެ ހިތާ ވެސް އެހެން އެބަ ދިމާވެ. އެހެންވީމަ އެބަ ފަސް ޖެހޭ މިކަމަށް ނުކުންނަން.

ސީއެންއެމް: މަޖިލީހުގެ ތެރެއިން އަންހެން މެމްބަރަކަށް ވުމުން އެފަދަ ކަމެއް ކުރިމަތިވިތޯ؟

އަނާރާ: ނޫނޭ ވަކި އަންހެން މެމްބަރެއް ވެގެން އެކަހަލަ ކަމެއް ނުހިނގާ. އެކަމަކު މަޖިލީހުގެ ތެރެއިން ހޫނުވާ ބައެއް ފަހަރު އިވޭނެ ހިތްހަމަނުޖެހުންތައް. އަނެއްހެން ވަކި އަންހެނެކޭ ބުނެ އަޅުގަނޑަކަށް އަދި އެފަދަ އެއްވެސް ހާދިސާއެއް ކުރިމައްޗެއް ނުވޭ.

ސީއެންއެމް: ކީއްވެގެން ކަމަށްތޯ ގަބޫލުކުރައްވަނީ 19 ވަނަ މަޖިލިސް އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ.؟

އަނާރާ: އެންޓި ކެމްޕެއިންކޮށް ހަގީގަތާއި ހިލާފު ވާހަކަތައް ފެތުރުމުން. މާބޮޑު ތަފާތަކުންނެއް ނޫން އަޅުގަނޑު ބަލިވީ. ދެން ސަރުކާރުން ވެސް އަޅުގަނޑަށް އެެއްބާރުލުން ދެއްވިނަމަ ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރެވެނީ.

ސީއެންއެމް: ކިހާ މުހިއްމުތޯ ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރިވުން.؟ ކީއްވެ؟

އަނާރާ: ރާއްޖޭގެ އާބާދީގެ ދެބައި ކުޅަ އެއް ބަޔަކީ އަންހެނުން. އެހެންވީމަ މުޖުތަމައެއްގެ ދެބައި ކުޅަ އެއްބައިގެ އަޑު ކެނޑުނީމަ ކަންކަން އިސްލާހެއް ނުކުރެވޭނެ. އަޅުގަނޑު ވެސް ވާނީ މަޖިލިހަށް އަންހެނުން ހައްގުތަކަށް ރިޔާއަތްކޮށް ބިލްތައް ހުށަހަޅާފައި. އަންހެނަކަށް ވީމަ އަންހެނުންގެ އިތުރުން ކުޑަކުދިންގެ ކަންކަން ވަރަށް ރަނގަޅަށް އެނގޭތީވެ އެކަންކަމަށް ރިޔާއަތްކޮށް އަޅުގަނޑުމެންނަށް އެ ބިލްތައް ހުށަހަޅާ ކަންކަން އިސްލާހުކުރެވޭ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މިއީ އަންހެނުން ނިކުންނަން ވަރަށް ރަނގަޅު ދާއިރާއެއް.

ސީއެންއެމް: ދެން ކިހިއްތޯ އަނާރާގެ ސިޔާސީ ކުރިމަގު އޮންނާނީ؟

އަޅުގަނޑަށް އިތުރު ފުރުސަތުތައް ލިބިއްޖެނަމަ މުޖުތަމައަށް ހިދުމަތް ކުރުމުގަ ދެމި ހުންނާނީ. ދެން އޮންނަ އިންތިހާބެއްގައި ވެސް އަޅުގަނޑަށް ހަމަ އެ ފުރުސަތު ލިބިއްޖެއްޔާ ފެންނާނެ.
ހިޔާލު

ރަހޫ

ތާއީދެއް ނެތް އަދާލަތުޕާޓީ