Kabothaketheege agu heyokurumah Male' gai Market thakahe alhany
image
މާލޭ ލޯކަލް މާރުކޭޓު: ފައިލް ފޮޓޯ
ގުފްތަގު އަޖީރު
2 ކޮމެންޓް
 

ކާބޯތަކެތީގެ އަގު ހެޔޮކުރުމަށް މާލޭގައި މާރުކޭޓުތަކެއް އަޅަނީ

ކާބޯތަކެތީގެ އަގު ހެޔޮކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި މާރުކޭޓުތަކެއް އެޅުމުގެ މަސައްކަތް ކުރިއަށް ދާކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
"ރާއްޖެ ޓީވީގެ" "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ސަމާއު ވިދާޅުވީ އަމިއްލަ މީހުންގެ ބިންތަކުގައި ވެސް މާރުކޭޓު ހެދުމަށް މިހާރު ހުޅުވާލާފައިވާކަމަށެވެ. ވެސްޓު ޕާކު ސަރަހައްދާ ޓީ ޖެޓީގައި ވެސް ކުދި މާރުކޭޓުތަކެއް އެޅުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި ވިލިމާލޭގައި ވެސް ވަގުތީ މާރު ކޭޓެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މި މާކެޓުތައް ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ހުޅުވޭނެކަމަށް އުންމީދުކުރާކަމަށެވެ.

ސަމާއު ވިދާޅުވީ ރާއްޖޭގައި ހައްދާ ބާވަތްތައް މާލެ ގެނެސް ސީދާ ދަނޑުވެރިންނަށް ވިއްކޭނެ އިންތިޒާމު ހޯދައި ނުނުމަށް އެސްޓީއޯގެ އޮފިޝަލުން މިހާރުވެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ރޯދަމަށް އަގު ބޮޑު ނުކޮށް ކާބޯތަކެތި ވިއްކުމަށް،" ސަމާއު ވިދާޅުވިއެވެ.

ރޯދައަށް ކާބޯތަކެތީގެ އަގު ވަނީ އުފުލިފަ:

މީގެ ދެތިން ދުވަސް ކުރިން މާލޭ ލޯކަލް މާރުކޭޓުން ކަރާ ކިލޯއެއް ވިއްކާފައި ވަނީ 15 ރުފިޔާއަށެވެ. އެކަމަކު މާދަމާ ރޯދަ މަސް ފެށޭއިރު ކަރާގެ ކިލޯއެއްގެ އަގު ވަނީ 30 ރުފިޔާއާއި 45 ރުފިޔާއާއި ދެމެދުގެ އަދަދަކަށް އުފުލިފައެވެ.

މިރުހުގެ އަގު ވެސް ވަނީ 1000 ރުފިޔާއަށް މައްޗަށް އަރާފައެވެ. މިރުހުގެ އަގު އުފުލުނީ ވާރޭ ނުވެހި ގިނަ ދުވަސް ވުމުން އެންމެ ގިނައިން މިރުސް ހައްދަމުން އަންނަ ތ. ކަނޑޫދޫގެ ދަނޑުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާތީއެވެ. މިދިޔަ މަހުގެ ތެރޭގައި ވެސް ވިޔަފާރިވެރިން ވަނީ ކަނޑޫދޫ މިރުސް ލިބުމުގައި ދަތިތަކެއް އުޅޭތީ މިރުހުގެ އަގު އުފުލޭނެ ކަަމަށް ބުނެފައެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް މާރުކޭޓުގައި ތަކެތީގެ އަގު އުފުލެއެވެ. އަދި ވަކި ބާވަތެއް ބާޒާރުން ލިބުން ދަތިވާނަމަ ވަކިން ހާއްސަކޮށް އެ ބާވަތެއްގެ އަގު އުފުލާލައެވެ.

ޓްރެފިކް ކޮންޓްރޯލް ކުރުމަށް ވަނީ ފިޔަވަޅުތަކެއް އެޅިފައި:

މާލޭގެ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ވެސް ސިޓީ ކައުންސިލުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ނަމާދު ވަގުތުތަކުގައި މިސްކިއްތައް ކައިރީގައި ފުލުހުން ބެހެއްޓުމާ، މުދާ އުފުލާ ވަގުތުތަކަށް ވެސް ބަދަލު ގެނެސްފައިވެއެވެ.

ލޯކަލް މާރުކޭޓުތައް ކައިރީގައި ވަނީ ޕާކް ކުރުމަށް ހާއްސަ ސަރަހައްދުތަކެއް ގާއިމް ކޮށްފައެވެ.

"މާލޭ މާރުކޭޓާ ތަންކޮޅެއް ދުރުގަ ޕާކު ކޮށްލަން ޖެހިދާނެ. އެހެން ނަމަވެސް ޕާކު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ހުރިހާ ބޭފުޅުންގެ ފަސޭހައަކަށް،" ސަމާއު ވިދާޅުވިއެވެ.
ހިޔާލު

ތުނިޔަ

މާރުކޭޓް މަދުވެގެންތޯ އަގު ބޮޑުވެގެން މިއުޅެނީ؟

ޙަސަން

މިހާރުވެސް ދަޑުވެރިން އަތުން ތަކެތިގަނެގެން ބޮޑުއަގުގާ ވިއްކަނީ މާރުކޭޓްގާ އުޅޭ ލޭބޯގުރޫޕް.މިކަން ޔަގީންކުރަން ކޮންމެދުވަހަކު ދޯނިތަކުން އެއްޗިހިވިއްކާގަޑީ ގޮސްބަލާ ތަޖުރިބާކޮއްލާ އެއިރުން އެގޭނެ އަގުބޮޑުކޮއް ތަކެތިވިއްކަނީ ކޮންބަޔެކަން.