Economic Minister ge ilthimaas: Roadha mahu kaaboa thaketheege agu bodu nukuravvaa
image
އިކޮނޮމިކް މިނިސްޓާރ ފައްޔާޒް އިސްމާއިލް | ފޮޓޯ: ޕީއެސްއެމް
އަބްދުﷲ ޔާމީން
4 ކޮމެންޓް
 

އިކޮނޮމިކް މިނިސްޓަރުގެ އިލްތިމާސް: ރޯދަ މަހު ކާބޯތަކެތީގެ އަގު ބޮޑު ނުކުރައްވާ

ރޯދަމަހާއި ދިމާކޮށް ތަކެތީގެ އަގު އުފުލެމުންދާއިރު، ކާބޯތަކެތީގެ އަގު ބޮޑު ނުކުރުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެދިވަޑައިގެންފި އެވެ.
ސީއެންއެމް އަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ ސީދާ ސަރުކާރުން ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަކީ ފްރީމާކެޓް އިކޮނޮމީއެއްގައި ކުރާކަމެއް ނޫންކަމަށެވެ.

މިނިވަން އިގްތިސާދެއްގައި ސަރުކާރުން ކޮންޓްރޯލް ކުރާނީ "އެސެންޝިއަލް ގުޑްސް" (ކާޑުގެ ބާވަތްތައް) ގެ އަގުތައް އެކަނި ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ރޯދައާ ދިމާކޮށް ތަކެތީގެ އަގުއުފުލެމުންދާ މައްސަލާގައި މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ފައްޔާޒް ވިދާޅުވީ އަގުތައް މައްޗަށް ދިއުމުން ރައްޔިތުންގެ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން ހުންނާނޭ ކަމަށެވެ.

އެކަން ހައްލު ކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް އާއްމުން ބޭނުންކުރާ ބައެއް ކަހަލަ މުދަލުގެ ސަޕްލައި އިތުރުކުރުމަށް ސަރުކާރުން ވިސްނަވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު އެސްޓީއޯ މެދުވެރިކޮށް މިބަލަނީ، ބައެއްކަހަލަ ތަރުކާރީއާއި މޭވާއާއި އާންމުކޮށް ރޯދަމަހަށް އާއްމުން ބޭނުންކުރާ ބައެއްކަަހަލަ ބާވަތްތައް މާކެޓަށް އިތުރަށް ގެނައުމަށް. އަދި އެގޮތުން ހާއްސަ އައިޓަމްތަކުގެ ގޮތުގައި 30 ހަކަށް އައިޓަމް ފާހަގަކުރުމަށްފަހު އެސްޓީއޯ އިން އެމަސައްކަތްކުރަނީ އެތަކެތި އެތެރެކޮށްގެން އަގުތިރިކުރެވޭނޭ ގޮތްތަކެއްވޭތޯ،" ފައްޔާޒް ވިދާޅުވިއެވެ.

ރޯދަމަހާއި ދިމާކޮށް ބައެއް ފަރާތްތަކުން ތަކެތީގެ އަގުބޮޑުކުރާކަން ފާހަގަކުރައްވާ ފައްޔާޒް ވަނީ ބާޒާރުގައި ތަކެތީގެ އަގުބޮޑު ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރޯދަމަސް ފަދަ އަޅުކަމުގެ މައްސަރެއްގައި އަތް ނުޖެހޭވަރަށް ތަކެތީގެ އަގުތައް ހިއްލާ އެފަދަ ގޮތަކަށް ފައިދާ ނަގައިގެން ނުވާނޭކަމަށް ވިދާޅުވިއެވެ.

"ތަކެއްޗަށް ޑިމާންޑް ބޮޑުވީމަ އަގުތައްވެސް އުފުލޭނެ. އެހެންނަމަވެސް އެކަންވެސް ކޮންމެވެސް ރަނގަޅު މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓުމަށް އިލްތިމާސްކުރަން. އަތްނުފޯރާ ފަށަށް ތަކެތީގެ އަގުތައް ބޮޑު ނުކުރުމަށް ވިޔަފާރިވެރިންނަށް އިލްތިމާސްކުރަން،" ފައްޔާޒް ވިދާޅުވިއެވެ.

ރޯދަ މަހާއި ދިމާކޮށް ބާޒާރުގައި ބައެއް ތަކެތީ އަގުތައްވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި އެކަމުގައި ރައްޔިތުންގެ ޝަކުވާ ވަނީ ނުހަނު ބޮޑުވެފައެވެ.

އެގޮތުން ކަނޑޫދޫ މިރުހުގެ ކިލޯއެއްގެ އަގު 1000 ރުފިޔާއަށް އަރާފައިވާއިރު، ކަރާ ކިލޯއެއްގެ އަގު އިއްޔެ ވަނީ ދެގުނަ އަގުބޮޑުވެފަ އެވެ.
ހިޔާލު

ބީވާ

އަޅުގަޑުމެން ބޮޑު ކުލި ދީފައި ތިބެނީ ނުކައި، އެވާހަކަ ނުދައްކަނީތޯ؟

މޫސާ..

ތިގޮތަށް ބުނެލުމުން ތިބޭފުޅުންގެ ޒިންމާ އަދާކުރެވުނީތޯ؟

ރާއްޖެތެރެ މީހާ

މާލޭގެ ކުލި ބޮޑު ކުރަމުންދާ އިރު އޯކޭ.. މިރުސް އަގު ބޮޑުވީމަ ކަންބޮޑުވޭ

ރަޝީދު

މުލަރޯދަ ދުވަހު ބާޒާރު ގައި ތަކެތީގެ އަގު އިންތިހާ އަށް އުފުލިއްޖެ ސަރުކާރުން އެޅި ފިޔަވަޅެއް ނެތް.ހުސްވާހަކަ. ކޮމިޝަންތައް އުފެއްދުމާއި ބޯޑުތައް އުފެއްދުން ފިޔަވާ އިތުރު ކަމެއް ކުރިތަނެއް ނުފެނޭ! ޕެޓްރޯލް އާއި ޑީސަލް ވެސް ބޮޑުތަނުން ދެ ފަހަރަށް އަގު ބޮޑު ކޮށްފި. ރައްޔިތުން ގެ ޖީބަށް އައި ލުއި ކަމެއް ނެތް.