Kuru Vaahaka: Aanishaa
image
ޝަހުޒާ މުހައްމަދު
3 ކޮމެންޓް
 

ކުރު ވާހަކަ: އާނިޝާ

*މިއީ ހަގީގީ ދިރިއުޅުމެއްގެ މައްޗަށް ބިނާކޮށްލިޔެފައިވާ ކުރުވާހަކައެކެވެ.
އެއީ މީގެ އަށް އަހަރު ކުރިއެވެ. ހަމަ މިތަނުގައި އެރޭ އަހަރެން އިނީ މޮޅިވެރިކަމާއި އުދާހާއެކުގައެވެ. ގިސްލެވިފައިވާހާލު ލަދުވެތި ކަމާއި ނިކަމެތިކަން ވަށާލެވިފައެވެ. ލޯބިންފެށި ޒަވާޖީ ހަޔާތުގެ ނިމުން އެފަދަގޮތަކަށް އަތުވެދާނެއޭ ހީނުކުރަމެވެ. އެންމެ އިތުބާރުކުރި އެންމެ ލޯބިވި މީހާ އެފަދަގޮތަކަށް އަހަރެން ބާކީކޮށް ނިކަމެތިކޮށްލާނެއޭ ދުވަހަކުވެސް ހީވެފައިނެތީމައެވެ. އެރޭ މިތޮށިގަނޑުމަތީ މިފަދަރާޅުތަކަށް ބަލަން ހަރަކާތް ހުއްޓިފަ އިން އިރު އަހަރެންގެ ހިތުގަ އަޅަމުން ދިޔަ ވޭނެއް އުދާހެއް އެހެންމީހަކަށް ނުފެންނާނެއެވެ. ކިޔައިދިނަސް އިހުސާސްވެސް ނުވާނެއެވެ. ގޮތް ހުސްވެފައި އިނީ ދިރިހުރުމުގެ ބޭނުމެއްވެސް ނެތޭ ހީވެފައެވެ.

އޭނާއާއި ކައިވެނި ކުރީ ސްކޫލް ނިމުނުތަނާހެންނެވެ. އަށާރަ އަހަރު ހަމަފުރުނީއެެވެ. ފުރަތަމަ ބައްޕަ އިންކާރުކުރިއެވެ. އިތުރަށް ކިޔެވުމަށް ހިއްވަރުދިނެވެ. އަހަންނަށް މުހިންމުވީ ލޯތްބެވެ. އަހަރެންގެ އުފަލަށް ހުރަސްނޭޅުމަށްޓަކާ ބައްޕަ އެއްބަސްވީ ވަރަށް ނަސޭހަތްދީފައެވެ. އެއިރު އެހާ ސީރިއަސް ކޮށް އެނަސޭހަތްތައް ބަލައެއްނުގަނެވުނެވެ.

ކައިވެނި ކުރީމެވެ. ދިރިއުޅެންފެށީ ފިރމީހާގެ ގޭގައެވެ. އެގޭގައި އުޅެނީ އޭނާގެމަންމައާއި އޭނާއެކަންޏެވެ. އަހަރެން ހުރިހާކަމެއް ގުރުބާން ކުރީ އޭނާއަށްޓައެވެ. ރެއާއި ދުވާލު ޚިދުމަތުގައެެވެ. ކެއްކުމާއި ކުނިކެހުމާއި ދޮވެ އިސްތިރިކުރުމުގެ އިތުރުން އޭނާގެ މަންމަވެސް ބަލައިދިނީ ނަރުހެއްފަދައިންނެވެ. ފިރިމީހާ ވެސް ވަރަށް ރަނގަޅެވެ. އަހަންނަށް ތައުރީފުކުރެވެ. ލޯތްބާއި ވަގުތުދެއެވެ. އަހަރެން ހުރީ އުފަލުން ފޮޅިފައެވެ.

ކައިވެންޏަށް އެއްއަހަރުވީއިރު އަހަރެން ބަނޑުބޮޑެވެ. ވަރަށް ބޮޑަށް ބަލިވިއެވެ. ތެދުވެ އުޅެން އުނދަގޫވިއެވެ. ކުރިން ކުރިގޮތަށް ކަންތައްތައް ނުކުރެވެން ފެށުމުން ފިރިމީހާގެ މަންމަ ޝަކުވާކުރަންފެށިއެވެ. މަޑުމަޑުން ފިރިމީހާވެސް ބަދަލުވާން ފެށިއެވެ. ޑޮކްޓަރު ލަފާދިނީ ބެޑްރެސްޓްނެގުމަށެވެ. ނަމަވެސް އަހަންނަށް މަޖުބޫރުވީ މަސައްކަތްކުރާށެވެ. ފިރިމީހާގެ ނުފޫޒުގަދަވީއެވެ. އޭނާގެ މިޒާޖަށްވެސް ބޮޑެތި ބަދަލުތަކެއްއައެވެ. ނަމަވެސް އަހަރެން ކެތްކުރީ ލޯބިވާތީއެވެ. ރަށުންބޭރުގަ އުޅުނަސް ގެއަށް ނަޔަސް ޝަކުވާއެއް ޝައްކެއް ނުކުރަމެވެ.

އެއްދުވަހަކު ކުނިކަހަން ހުއްޓާ ކުއްލިއަކަށް އަނބުރައިގަނެގެން ވެއްޓުނެވެ. ލިބެން އުޅުނު އުފާވެރިކަމުން މަހުރޫމްވިއެވެ. ދަރިފުޅު ބައިގެންދިޔައީ ތިންމަހުގައެވެ. ފިރިމީހާ ގެއަށް އައިސް ރުޅިބޭލީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބަލިކަށިވެފައިވާ އަހަންނަށެވެ. އެދުވަހު ވީގޮތް ކިޔާދޭންވެސް ނޭނގެއެވެ. އެވެސް އިމްތިހާނެކެވެ. ކިރިޔާ ތެދުވެވޭވަރުވީއެވެ ދެން އޭނާ ފެށީ އަހަންނަށް އަނިޔާކުރާާށެވެ. ނުވިތާކަށް ދަރިފުޅު ނުލިބުމުގެ ޒިންމާވެސް އަހަރެންގެ ބޮލުގައި އެޅުވިއެވެ. އަހަންނަކީ ނުކުޅެދުންތެރި އަންހެނެއްކަމަށް ބުނެ ހިތުގަޖެއްސީ އޭނާގެ މަންމައާއިދެމީހުން އެއްބަސްކިޔައިގެންނެވެ. އެވަރުން ވެސް ކެތްކުރީމެވެ. ނަމަވެސް އެއްވެސް ކުށެއްނެތި އެއްރެއަކު އަހަރެން ވަރިކޮށްފައި ގެއިން ނެރެ މަގުމައްޗަށް އެއްލާލިއެވެ. އެއީ އޭނާގެ ދެވަނަ އަނބިމީހާވެސް ގެއަށްގެނައިދުވަހެވެ. އަހަރެންގެ ހިތްހަލާކުވިއެވެ.

ބައްޕަނިޔާވިފަހުން ގެއަށްނުދާތާ އެތައްދުވަހެއްކޮށްފަ އަމިއްލަ ގެއަށްދިޔައިމެވެ. ނަމަވެސް ދިރިއުޅޭނެ އެއްވެސް ގޮތެއްނުވިސްނުނެވެ. އަހަރެންގެ އެކަކުވެސް ނެތެވެ. އެކަނިވެރިވީއެވެ. އެތައްއިރަކު ގިސްލުމަށްފަހު މިތަނަށް އައީ ވަކިގޮތެއްނިންމައިގެންނެވެ.

ވާޓަރުފާރު ހުރަސްކޮށް ކުރިމަތިން ފެންނަން އޮތް ކަނޑަށް ފުންމާލީ ދެން އަނބުރާ މިހިކިފަސް ބިމަށް ނޭރުމުގެ ނިޔަތުގައެވެ. ކުޑައިރު ބައްޕަ ދަސްކޮށްދެއްވި ފެތުމުގެ ހުނަރު ހަނދާންނުނެތޭކަން އެނގުނީ ޒަމީރާއި ދެކޮޅަށް ހަށިގަނޑު މަސައްކަތް ކުރަން ފެށުމުންނެވެ. ކުއްލިއަކަށް ހަނދާންވީ ބައްޕަގެ ނަސޭހަތްތަކެވެ. ނުފުއްސަވާނޭ ފާފަތަކުގެ ވާހަކަ ކިޔައިދިން ހަނދާނެވެ. ކިތަންމެ ވަރުގަދަ ތޫފާނެއް ކުރިމަތިވިޔަސް އަމިއްލަ ނަފުސު ދިފާއުކުރަން ދަސްކޮށްދޭން ބައްޕަދެއްވި އަގުހުރި ފިލާވަޅުތަކެވެ. ކުއްލިއަކަށް ހިތައް ބިރުވެރިކަންވަނެވެ. ސަލާމަތްވާން ފަތައިގަނެވުނެވެ. އެރޭ ގެއަށް އައިއިރު ކުރިން ހިތާމަކުރި ކަންތައް ހަނދާންވެސް ނެތްކަހަލައެވެ. ބޮޑަށްދެރަވީ ކުރެވެން އުޅުނު ފާފައިގެ ބޮޑުކަން އިތައްވަނުމުންނެވެ. ތައުބާވީމެވެ. އަޅުކަމާއި ދުޢާއިން ވާގިހޯދީމެވެ. އީމާންކަމުގެ ކުޑަ ހުޅުކޮޅެއް ހިތުގައި ނޭނދިނަމަ އެރޭ ހަޔާތުގެ ފަހުރެއަށްވެސް ވީހެވެ.

ޖެހިގެންއައި ދުވަހު ފުރި ދޯންޏަކުން މާލެދާންފުރީމެވެ. ރަށުގައި ހުރެގެން ކުރާނެކަމެއްނެތީމައެވެ. އެމީހުންގެ ހިޔަނިވެސް ދެކެން ދެންނޭދޭތީއެވެ. އެއީ ދިރިއުޅުމުގެ 'ޓަރނިން ޕޮއިންޓް' އެވެ. ދިރިއުޅުން އެހެން މިސްރާބަކަށް ބަދަލުކޮށްލި ހިސާބެވެ. ތަފާތު ނަޒަރަކުން އަމިއްލަ ނަފުސާއި މެދު ދެކެވެން ފެށި ފުރަތަމަ ފަހަރެވެ. އެކަނި ހުއްޓަސް އަހަންނަށް މީހަކަށްވެވިދާނެކަމުގެ އިހުސާސްވިއެވެ. ހިއްވަރު ލިބުނީ ބައްޕަގެ ނަސޭހަތްތައް ހަނދާންވުމުންނެވެ.

މާލެދިޔަނަމަވެސް ދާނެވަކި މިސްރާބެއް ދަންނަމީހެއްވެސް ނެތެވެ. ނަމަވެސް ހިތްބުނަމުންދިޔައީ ކޮންމެވެސް ރަނގަޅުގޮތެއް ފެންނާނެކަމުގައެވެ. މަގުމަތީގައި ހިނގާފައި ކުރިއަށްދަނިކޮށް ފިހާރައެއްގެ ބޭރުގައި ހުރި އިސްތިހާރުތަކެއްފެނުނެވެ. އުންމީދުއާވިއެވެ. ބައްޕަދުނިޔޭގައި އަހަރެންގައިގައި އެޅުވިގަހަނާތައް ދަބަހުގައި ހުއްޓެވެ. އޭގެއިން ބައެއް ރަން އެފިހާރައަށް ވިއްކާލުމުން ފުދޭވަރެއްގެ އެއްޗެއްލިބުނެވެ. އަދި ވަގުތުން އެތަނަށް ވަޒީފާއަށްވެސް އެދުނީމެވެ. އަހަރެންގެ ތައުލީމީ ސެޓްފިކެޓާއި ވާހަކަދެއްކުމުގެ ހުނަރުގެ ސަބަބުން ވަޒީފާލިބުނީ ވެސް ފަސޭހަކަމާއިއެކުގައެވެ. އަންހެންކުދިން ބަހައްޓާގެއެއްގައި ކުއްޔަށް ހުރެވޭގޮތް ހަމަޖެހުނެވެ. ހުރިހާކަމެއްވެސް ވެގެންދިޔައީ ހީވެސް ނުކުރާހާ ހަލުވިކަމާއި އެކުގައެވެ. ތަގުދީރު އަހަރެންގެ އަތުގައި ހިފާފައި ގަދަކަމުން މަގުދެއްކިކަހަލައެވެ.

ދިރިއުޅުން މަޑުމަޑުން ހަމައަކަށް އެޅުނެވެ. ވަޒީފާއަދާކުރަމުން ކިޔަވަންފެށީމެވެ. ގޮންޖެހުންތަކަކާއި އެކުވެސް ހިތްވަރުކުރީމެވެ. ރައްޓެހިންލިބި ދަންނަމީހުންވެސް ގިނަވިއެވެ. މީހުންގެ ލޯތްބާއި އަޅާލުންވެސް ލިބެންފެށިއެވެ. ހަމައެއާއި އެކު ކައިވެންޏާއި ލޯބީގެ ހުށަހެޅުންތައްވެސް ލިބުނެވެ. ނަމަވެސް އެކަންކަމަށް ފުރަގަސްދިނީ ހާސިލްކުރަން ބޭނުންވި ލަނޑުދަނޑިއެއް އޮތީމައެވެ. މީހަކަށްވުމަށް ހުވަފެން ދެކެވުނީމައެވެ. ބައްޕަގެ ދުނިޔޭގައި ކުރެއްވި އުންމީދު ފުރިހަމަކުރުމުގެ ބޭނުމުގައިވެސްމެއެވެ.

ހިއްވަރާއިއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެއޭބުނަނީ ތެދެކެވެ. އެކަނިމާއެކަނި ، މަސައްކަތްކޮށް، ކިޔަވައިގެން މިއަދު އަހަންނަކީ ކާމިޔާބު މީހަކަށްވަނީވެވިފައެވެ. ރާއްޖޭގެ ނަންހިނގާ ގާނޫނީވަކީލާއަކީމެވެ. އަހަރެންފަދަ ނިކަމެތި ޔަތީމު ކުދިންނާއި ، ހާލުގައި ޖެހޭ އަންހެނުންގެ ދިފާއުގައި ވަކާލާތުކޮށް ހައްގުހޯދަން މަސައްކަތްކުރާ މީހަކީމެވެ. އެތައްބައެއްގެ ރުހުމާއި ލޯބިލިބިފައިވާ މީހަކީމެވެ. އުމުރުން އެންމެ 27 އަހަރުގައި އަމިއްލަ މަސައްކަތްކުރާ، ކާމިޔާބު، މަޝްހޫރު ހިތްވަރުގަދަ ޒުވާނަކަށްވެވިއްޖެއެވެ.

މިއަދު މިރަަށަށް އެނބުރި އައީ ވެސް ކޭސްތަކެއްގައެވެ. ނަމަވެސް ކުރީގެ ފިރިމީހާގެ އަންހެނުންނަށް އެހީވާން ފުރުސަތުލިބޭނެއޭ ހިތަކަށްނާރައެވެ. ބޮޑު އިއްތިފާގެކެވެ. އެއަންހެންކުއްޖާ ވެސް މިއަދުވަނީ ހާލުގައިޖެހިފައެވެ. ކުރީގެ ފިރިމީހާއަކީ މިހާރު މަސްތުވާތަކެތީގެ ވަބާގައި ޖެހި ގެއްލިފައިވާމީހެކެވެ. ވައްކަންކުރުމާއި ދަރިންނަށް ޚަރަދުނުކުރުމާއި އަނބިމީހާއަށް އަނިޔާކުރުންފަދަ އެތައް ތުހުމަތެއް އެޅިފައިވާ ކުއްވެރިއެކެވެ. އޭނާގެ އަންހެނުން އަހަރެންގެ ކިބައިން އެހީތެރިކަމަށް އެދުނުއިރު އަހަންނަކީ ކާކުކަމެއް ވެސް ނޭނގެއެވެ. މިއަދު އޭނާފަދަ އަންހެނުންނަށް އެހީވާ، 'އަލްއުސްތާޛާ އާނިޝާ' އަކީ އެދުވަހު އޭނާގެ ސަބަބުން މަގުމައްޗައް އެއްލާލެވުނު ނިކަމެތި އަންހެން ކުއްޖާކަމެއް އެނގޭނީވެސް ކިހިނެއްހެއްޔެވެ.

- ނިމުނީ -
ހިޔާލު

ޓިއުލިޕް

ވަރަށް ރީތި 🌷👍

ޓިއުލިޕް

ވަރަށް ރީތި 🌷👍

ޢާނި

ވ ރީިތި ވާހަކައެއް