Baazaaruge aguthah ehen roadha mahekey eh varehga, ekamaku Kandoodhoo mirus "ranah"!
image
މިއަދު މާރުކޭޓުގައި ވިއްކަންހުރި ކަނޑޫދޫ މިރުސްތަކެއް--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

މިފަހަރު ރޯދަމަހު ބާޒާރުގެ އަގުތައް ކުރިއެކޭވެސް އެއްވަރެއްގައި، އެކަމަކު ކަނޑޫދޫ މިރުސް "ރަނަށް"!

ބާޒާރުގެ އަގުތަކަކީ އާއްމު ރައްޔިތުންގެ ސަމާލުކަމަށް ބޭނުންވާ ކަމަކަށްވާތީ ސީއެންއެމުން، މިރޯދަމަހު ބާޒާރުގައި ވިއްކަން ހުންނަތަކެތީގެ، ހާއްސަކޮށް ކާބޯތަކެތީގެ އަގުތަށް ހިއްސާކުރަމުންދާނަމެވެ.
މިއަދަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. މެންދުރު ނަމާދަށްފަހު، ބާޒާރުމަތި ހަލަބޮލިވެއްޖެ އެވެ. ރޯދަ މަހު ބާޒާރުމަތި އެންމެ ހަލަބޮލިވާނީ އަސުރު ނަމާދަށްފަހު އެވެ.

މިއަދުގެ ބާޒާރުގެ ކާބޯތަކެތީގެ އަގުތަކަށް ބަލާއިރު، އާއްމުކޮށް އެހެން ރޯދަ މަހެކޭ އަގުތަކުގައި މާބޮޑު ތަފާތެއް ނެތެވެ. އެންމެ ބޮޑު ހައިރާންކަމެއް ގެނުވީ ކަނޑޫދޫ މިރުހުގެ އަގު ވަރަށް ބޮޑުތަނުން އުފުލިފައިވާތީ އެވެ. ރޯދަ މަހު އާއްމުކޮށް މިރުސް ކިލޯއެއް އުޅެނީ 500 ރުފިޔާ ނުވަތަ 600 ރުފިޔާ އަށްވުރެ ދަށުގަ އެވެ. އެކަމަކު މި ރޯދަމަހު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު އުޅެނީ 1000 ރުފިޔާ އަށްވުރެ މަތީގަ އެވެ.

ނަމަވެސް ބައެއް ގޮޅިތަކުން 100 ގްރާމް ކަނޑޫދޫ މިރުސް 95 ރުފިޔާ އާއި 85 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކަމުން އެބަދެއެވެ.

ކަނޑޫދޫ މިރުސް މިފަހަރު ރޯދަމަހަށް އަގުބޮޑުވެފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ވިއްސާރަ ނުވެހި، އަވިގަދަ ކަމުން ކަމަށް މާރުކޭޓްގައި ހުރި ކަނޑޫދޫ މީހަކު ބުންޏެވެ. އޭނާ ބުނީ މިފަހަރު ރޯދަމަހަށް ބޭނުންވާ ވަރަށް މިރުސް ހެއްދިފައިނުވަނީ އަވިގަދަ ވުމުގެ ސަބަބުން މިރުސް ދަނޑުތަކަށް ގެއްލުން ލިބުމާ ގުޅިގެންނެވެ.

ކަނޑޫދޫ މިރުހަކީ އެންމެކުޅި އަދި މީރު މިރުސްގެ ގޮތުގައި ރާއްޖެއަށް މަޝްހޫރު މިރުހެކެވެ. ކަނޑޫދޫ މިރުސް ނޫނަސް އެހެން ރަށްރަށުގެ މިރުސް މާރުކޭޓްގައި އެބަވިއްކަ އެވެ. އެހެން ރަށްރަށުގެ މިރުހުގެ އަގު އުޅެނީ 100 ގްރާމް 40 ރުފިޔާ އާއި 50 ރުފިޔާ އާ ދެމެދުގެ އަގެއްގަ އެވެ.

އާއްމުކޮށް ރޯދަމަހު ބޭނުންކުރާ ކަރާ ކިލޯއެއް އުޅެނީ 30 ރުފިޔާ އާއި 40 ރުފިޔާ އާ ދެމެދުގެ އަގެއްގަ އެވެ. ތިން ފަތުގެ ކޮޕީފަތް ބޮނޑިއެއް އުޅެނީ 20 ރުފިޔާ އަށެވެ. ކުއްޅަވައްފިލާފަތް ބޮނޑިއެއް 10 ރުފިޔާ އަށެވެ.

ދޮންކެޔޮ ވަކެއް 2 ރުފިޔާ އާއި 5 ރުފިޔާ އާމެދުގައިހުރިއިރު، ފަލޯ ކިލޯއެއް 20 ރުފިޔާ އާއި 30 ރުފިޔާ އާދެމެދުގެ އަގުތަކުގައި ލިބެ އެވެ.

ކާބޯތަކެތީ އަގުތައް ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ބޮޑުވެ އެވެ. އަދި ރޯދަ މަހުގެ ތެރޭގައި ތަކެތީގެ އަގުތަކަށް ބޮޑެތި ބަދަލުތައް ވެސް އަންނަމުން ދެއެވެ.

އެގޮތުން ކަނޑޫދޫ މިރުހުގެ އަގު ރޯދަމަހުގެ ފަހުކޮޅުގައި ހެޔޮވާނެ ކަމަށް މާރުކޭޓުގައި ހުރި އެރަށު މީހަކު ބުންޏެވެ.
ހިޔާލު