3 Rasheh gulhigen kihaadhoo Waste Management Center saafukohfi
image
ކިހާދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރު ސާފުކުރުމުގައި ހަރަކާތްތެރިވި ޓީމް--
0 ކޮމެންޓް
 

ތިން ރަށެއް ގުޅިގެން ކިހާދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރު ސާފުކޮށްފި

ރޯދަ މަސް ފެށުމުގެ ކުރިން ބ. ކިހާދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކިހާދޫ އާއި އެއަތޮޅު މާޅޮހާއި ދަރަވަންދޫގެ ރައްޔިތުން ގުޅިގެން އެރަށު ކުނި ކޮށި ސާފުކޮށްފިއެވެ.
އެތައް މަހެއް ވަންދެން ކިހާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ފުނިޖެހިފައި ހުރި ކުނިތައް ނަގައި އެތަން ސާފުކޮށްފައި ވަނީ އެ ތިން ރަށުގެ ކައުންސިލުގެ އިސްނެގުމުގެ މަތިން ސޮނެވާފުށި ރިސޯޓްގެ އެހީތެރިކަމާއެކުގައެވެ.

"ނަމޫނާ ބ. އަތޮޅު"ގެ ދަށުން އެ ހަރަކާތުގެ ތެރެއިން ވަނީ އަލުން ބޭނުން ކުރެވޭނެ ތަކެއްޗާއި ގިނަ އަދަދެއްގެ ނެޕީފަދަ ތިމާވެއްޓަށް ގެއްލުންދެނިވި ކުނިތައް ވަކިކޮށްފައެވެ.

"މިރަށުގެ ކުނި ކޮށީގައި އެއްވެފައި ހުރި ކުންޏަށް މިހާރު އަހަރަކަށްވުރެ ގިނަދުވަސް ވެދާނެ. މިކުނީގެ ސަބަބުން ރަށުގެ ވެށީގެ ސާފުތާހިރުކަމަށް ނުވަތަ ހައިޖީންއަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވޭ. ނެޕީ ގިނަވެ އޭގެ އުނދަގޫ ބޮޑުވެގެން ދެތިން ފަހަރަކު އަޅުގަނޑުމެން ނެޕީތައް ފުނިޖަހާ އަންދާވެސްފިން. ނަމޫނާ ބ.އަތޮޅު މަޝްރޫއުގެ ދަށުން، ރަމަޟާން މަސްފަށަން ވަރަށް ގާތްވެފައިވަނިކޮށް، މިކަމަށް ހައްލެއް ހޯދާދިނުމަށް މާޅޮސް، ކިހާދޫ އަދި ސޮނެވާފުށިން އަތުގުޅާލައި ކުނި ކޮށި މިސާފުކުރީ،" އެހަރަކާތާއި ގުޅިގެން ކިހާދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެހަރަކާތުގެ ތެރެއިން ވަނީ 20 ޖަމްބޯ ގޯނީގެ އެލުމިނިއަމް ދަޅު އަދި އެހެނިހެން ދަގަނޑުގެ ބާވަތްތައް އެއްކޮށްފައެވެ. އަދި އެދަގަނޑުތައް މިހާރު ސޮނެވާފުށީގެ "އީކޯ ސެންޓްރޯ" ގައި ރީސައިކަލް ކުރުމަށްޓަކައި ސޮނެވާފުށްޓައް ފޮނުވާފައިވާއިރު ރީސައިކަލް ނުކުރެވޭ ދަގަނޑު ކޮމްޕެކްޓް ކުރެވޭނެ ކަމަށް އެރަށު ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ.

އެހަރަކާތުގެ ބައިވެރިން--

ކިހާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ސާފުކުރަނީ-

އެ ސެންޓަރުން އިތުރަށް ބުނީ، އެ ސެންޓަރު ސާފުކުރުމުގެ ތެރެއިން އެއްކުރެވުނު ބިއްލޫރިތައް ސޮނެވާފުށީގެ ބިއްލޫރި ފުޑުކުރާ މެޝިނުން ފުޑުކުރުމަށް ފަހު ސޮނެވާފުށީގެ "އީކޯ ސެންޓްރޯގައި" ގާއެޅުމައްޓަކައި ބޭނުންކުރެވޭނެ ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހު އެކުލަވާލި "ނަމޫނާ ބ. އަތޮޅު" މަޝްރޫއަކީ ބ. އަތޮޅު ކިހާދޫ، ދަރަވަންދޫ އަދި މާޅޮހުގެ ކައުންސިލުތަކުގެ އިސްނެގުމުގެ މަތިން އެރަށް ރަށަށް ދިމާވެފައިވާ ސިންގްލް ޔޫސް ޕްލާސްޓިކް އަދި ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ބޭނުމުގައި ސޮނެވާފުއްޓާއި ގުޅިގެން ހިންގާ މަޝްރޫއުއެކެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން އެތިން ރަށުގައި ހާމައަށް ކުނި އެންދުން ހުއްޓާލާ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަކަށް ކުނިނައްތާލުމަށް މަސައްކަތްކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ރޭވިފައިވެއެވެ.
ހިޔާލު