Vaahaka: Mivaadhu
image
ވާހަކަ: މިވާދު-
ފަތުހުﷲ އަހުމަދު
6 ކޮމެންޓް
 

ވާހަކަ: މިވާދު

(ހަތަރުވަނަ ބައި)
މަޑުމަޑުން އަތް ހިއްލައިލީމެވެ. އެމީހާގެ ގައިގައި އަތް ޖައްސައިލުމަށެވެ. ހައިރާންކަންވީ އިތުރެވެ. ފުން ނަޒަރަކުން ބަލއިލެވުނީ އަހަރެންގެ އިނގިއްޔަށެވެ. ކަނާއަތުގެ ޝަހާދަތް އިނގިލި އެމީހާގެ ގައިގައި ނުޖެހުމުންނެވެ. އިނގިލި ޖައްސައިލާ އިރަށް ދެފަރާތުން އިނގިލި ފަޅައިގެންދެއެވެ. އަހަންނަށް އެއްވެސް ތަދެއް، ވޭނެއް އިހުސާސެއް ނުވެއެވެ. އަނެއްކާ ވެސް އިނގިލި ޖައްސައިލެވޭތޯ ބަލައިލީމެވެ. މި ފަހަރު ވެސް ކަންތައްވީ ހަމަ އެހެންނެވެ. ދެން އޮތީ އެންމެ ފަހުގެ ހަތިޔާރު ނެގުމެވެ. މަޑުމަޑުން ތެދުވެ އެމީހާގެ އޮތް ޖޯލި ކުރިމަތީ ހުއްޓިލީމެވެ. އަހަރެން ގާތަށް ރުޅި އައެވެ. އަހަރެންގެ ސޫރައިގައި އެ މީހާ ދުނިޔޭގައި އެހައި ނިކަމެތި ހާލުގައި އެ އޮތީ ކީއްވެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ދޭން ޖެހޭނީ އޭނާއެވެ. އޭނާގެ ދުލުންނެވެ. އަހަރެން ބޭނުންވަނީ އަޑު އަހާށެވެ.

އެމީހާ ބަލަން އޮތީ މައްޗަށެވެ. ދެ ލޮލުގެ ކަޅި ހަރަކާތް ކުރަމުން ދިޔައެވެ. މަޑުމަޑުން މައްޗަށް ބަލަމުން ބަލަމުންނެވެ. ދެ ލޮލުގެ ކަޅި ނުފެންނަވަރަށް މަތި ބަލަންފެށިއެވެ. އަހަންނަށް އެ މަންޒަރު ބަލަން ފަސޭހައެއް ނުވިއެވެ. އޭނާއަށް އެ ހިތްދަތިކަން ދިން މީހަކީ ކާކުތޯ ބަލަން ބޭނުންވަނީއެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާ އަހަރެންގެ ސޫރައިގައި ދުނިޔޭގައި އުޅޭނީ އަހަންނާ ގުޅުމެއް އޮތީމައެވެ. އަހަރެން ސާފުކުރަން ބޭނުންވަނީ އެ ކަމެވެ. އެ ހާލަށް އެމީހާ ވެއްޓޭނީ އެކަމެއްގެ ސަބަބުންނެވެ.
އެމީހާގެ ކުރިމައްޗަށް ހުއްޓިލީމެވެ. މަޑުމަޑުން ގުދުވެލަމުން އެ މީހާއަށް ގޮވައިލީމެވެ.
"ބޭބޭ.. ބޭބޭ"

ޖަވާބެއް ނުލިބުނެވެ. އަޑު އިވޭ ކަމަށް ވެސް އެމީހާ ނުހެދިއެވެ. ރުޅި މައިތިރި ކުރެވޭތޯ ބެލީމެވެ. އަހަންނަކީ އެއް އިރެއްގައި ވެސް ރުޅި ގަދަ މީހެއް ނޫނެވެ. ރުޅި މައިތިރި ކުރުމުގެ ނަތީޖާ ވެސް އަހަރެން ތަޖުރިބާ ކުރީމެވެ. ބައެއް ފަހަރު ރުޅި މައިތިރިކޮށް، ހިތްތިރިކޮށް، ކެތްތެރިވެ އޯގާތެރިވުމަކީ ވެސް އަޒާބަކަށް ވެއެވެ. ނަމަވެސް، ގިނަ ފަހަރަށް އެއީ ކާމިޔާބުގެ އަސްލެވެ. އަހަންނަށް ނުވިސްނިގެން މިއުޅެނީ އަހަންނަށް ލިބުނު އަޒާބު އަހަންނަށް ކުރިމަތިވީ ހިތްތިރިވެ ކެތްތެރިވީމަ ހެއްޔޭ ކުރެވޭ ސުވާލަށް ދޭންވީ ޖަވާބެވެ. މި އުޅެނީ އެހެން ކަމެއް ދިމާވެގެންނެވެ. މި ފެންނަނީ ސިކުނޑީގެ އަމުރަށް ހިތް މަސައްކަތް ނުކުރުމުން ނުކުންނަ އޮއިވަރުގެ އަސަރުތަކެވެ.
"އޭތް..." އަހަރެން އަނގަ ހުޅުވާލި އިރަށް އެމީހާ ބަލައިލިއެވެ. ފުން ނަޒަރަކުންނެވެ. އަހަންނަށް ހީވަނީ އޭނާ ބަލަނީ އަހަންނާ ދިމާހެންނެވެ. އޭނާގެ ބެލުމުގައިވަނީ މައުސޫމުކަމެވެ. އެމީހާ މަޑުމަޑުން ހިންދިރުވައިލިއެވެ. ހިތްދަތި ގޮތަކަށެވެ. އަހަންނަށް ވެސް ހަމަ އެ ގޮތަށް ހިންދިރުވައިލެވުނެވެ. އެމީހާގެ ވޭނީ އިހުސާސްތައް އަހަންނަށް ތަޖުރިބާ ކުރެވުނު ކަހަލައެވެ. އެ ވިސްނުމުގެ ބުރަދަން އަހަންނަށް ވަޒަން ކުރެވުނު ކަހަލައެވެ. އެމީހާ އަހަރެންގެ މޫނަށް ބަލައިލިއެވެ. ފުން ނަޒަރަކުންނެވެ. އެ ދެ ލޮލުން ކަރުނަ ނީރެމުން ދިޔައެވެ. އަހަންނަށް ވެސް ވީ އެވަރެވެ.
"ކަލޭ ކީއްވެ؟" އަހަރެން ބުނަން އުޅުނު ވާހަކައިން ސިކުނޑި ތަޅުލެވުނެވެ. ދުލުގައި ގޮށެއް ޖެހުނީއެވެ. ބުނާންވީ ގޮތެއް، ބުނާނެ ގޮތެއް ނުވިސްނިގެންނެއް ނޫނެވެ. އެމީހާގެ ހާލާ މެދު ހަމްދަރުދީ ވެވުނީމައެވެ.

އެމީހާ މަޑުމަޑުން އަހަރެންގެ މޫނަށް ބަލައިލިއެވެ. ޝަކުވާތަކުން ފުރިގެންވާ ބެލުމެކެވެ.
"މިހެން މިވީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟" އުނދަގޫ ރާގެއްގައި އެމީހާ ސުވާލުކުރީ އަހަންނާއެވެ.
"އަހަރެން ވެސް އަހަން މިއުޅެނީ ހަމަ ތިޔަ ސުވާލު..." އަހަރެން ޖަވާބު ދިނީމެވެ. ނަމަވެސް އެ އަޑެއް އެމީހާއަކަށް ނީވޭ ކަހަލައެވެ.
"އަހަންނަކީ ކިހައި އުފަލުގައި އުޅުނު މީހެއް؟ އަހަންނަކީ ކިހައި ތަނަވަހުގައި އުދުހުނު މީހެއް؟ އަހަންނަށް މި ގޮތް ދިމާވީ ކީއްވެ؟ ކަލޭއަށް މިކަން އެނގޭނެ. މި ސުވާލުގެ ޖަވާބު ކަލޭއަށް ދެވެންވާނެ" ހުއްޓުމެއް ނެތި އެމީހާ ސުވާލު ކުރަމުން ދިޔައެވެ.
އަހަންނަށް ވިސްނެން ފެށުނެވެ. އަހަންނަށް އެ ބުނާ ސުވާލުތަކެއްގެ ޖަވާބުތަކެއް އެނގެންވީ ކީއްވެ ހެއްޔެވެ؟ އެއީ އަހަރެންގެ ކާކު ހެއްޔެވެ؟ އަހަންނަކީ އެމީހާގެ ކާކު ހެއްޔެވެ؟ އަހަންނާ އޭނާ ވައްތަރުވުން އެއީ އަހަރެންގެ ކުށެއް ހެއްޔެވެ؟ ނޫނީ އޭނާގެ ކުށެއް ހެއްޔެވެ؟

"އޭ ކަލޭއަށޭ މި ގޮވަނީ" އެމީހާ އަހަރެންގެ މޫނަށް ފުންކޮށްބަލައިލިއެވެ.
"އަހަރެން ކީކޭތަ ބުނަންވީ؟" އަތާއިފައިން ހަރަކާތް ކުރީ އަނގައިން ބަހެއް ބޭރު ނުވުމުންނެވެ.
"ތެދަށް ބުނަންވީ. ވެގެން އުޅޭ ގޮތް ކިޔައި ދޭންވީ. ކަލޭ އަހަންނަށް މިހެން ހެދީ ކީއްވެގެންކަން ބުނެދޭންވީ. އަހަންނަށް މިހާލު ޖެއްސި ގޮތް ބުނެ ދޭންވީ" ފަހަރަކު އަކުރަކަށް ބާރުލަމުން، އެމީހާއަށް ޖުމުލަތައް ފުރިހަމަކޮށްލެވުނީ ހަމަ ކިރިޔާއެވެ.
"މަ.. މަ ކީއްކުރީ. މަ މި ކަލޭއަށް ކަމެއް ކުރާން ކާކު؟" އަހަންނަށް މިވާ ގޮތެއް ނޭނގުނެވެ. އަނގައިން ބަހެއް ނުބުނެވެއެވެ. ވާހަކަދައްކަން މި ޖެހެނީ އަތުންނެވެ. ހަރަކާތްތަކުންނެވެ. މޮޅު ކަމަކީ އަހަރެންގެ ޖުމުލަތައް އެމީހާއަށް ދޭހަވާތީއެވެ. އަކުރުން އަކުރަށް އޭނާއަށް މޭރުންވާތީއެވެ.
"ކަލޭތީ.. ކަލޭތީ އަހަންނަށް މި ހުރިހާ ކަމެއް ޖެއްސި މީހާ. ކަލޭތީ އަހަރެންގެ އުފާތައް ފޭރިގަތް މީހާ. ކަލޭތީ އަހަރެންގެ ވަޒަނުން އަހަރެން ބޭރުކޮށްލި މީހާ" އެމީހާ ރުޅި ގަދަވިއެވެ. ދަތްކުނޑި ވިކައިގަންނަމުން އަހަންނާ ދިމާއަށް ފުންމައިގަތެވެ.
އަހަންނަށް ފަހަތަށް ޖެހިލެވުނީ ހަމަ ކިރިޔާއެވެ. އެއާއެކު އެ މީހާ ބަނޑުވަތަށް ވެއްޓުނެވެ. ގާތަކު މައްޗަށެވެ. އަހަންނަށް ފެންނަނީ އޭނާގެ ފުރަގަހެވެ. މޫނުގެ ދެ ފަރާތުން ލޭގެ ރޮނގެއް ދުވެލިއެވެ. ހައިރާންކަމާއެކު އަހަންނަށް ބަލައިލެވުނެވެ.

އެހާލުގައި އެމީހާ އެ އުޅުނީ އަހަންނަށް ހަމަލާ ދޭން ހެއްޔެވެ؟ ނޫނީ އަހަންނާ ކުރިމަތިލާން ހެއްޔެވެ؟ ނޫނީ އަހަންނާ ސުވާކުކުރާން ހެއްޔެވެ؟ އޭނާއަށް އަހަރެން ފެންނަނީ ކިހިނެއްބާވައެވެ؟ އަހަންނަކީ އޭނާ ހީކުރާ މީހާ ހެއްޔެވެ؟ އެމީހާއަށް އެ އުޅެނީ އޮޅިގެން ހެއްޔެވެ؟ އަހަރެން މީހަކަށް ދެރައެއް ދިނިން ހެއްޔެވެ؟ މީހަކަށް ދެރައެއްދޭން އަހަރެން މީ ކާކު ހެއްޔެވެ؟ މީހަކަށް ދެރައެއް، ގެއްލުމެއް ދޭވަރަށް ވުރެ އަހަރެން މާ ނިކަމެއްޗެވެ. އަނެއްކާ ވެސް އެއްކަލަ ވިސްނުންތައް ފެށުނީއެވެ.
މީހަކަށް ދެރަ ގޮތެއް ވިޔަސް އަހަންނަށް އެކަމާ ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ ކުރިމަތީގައި އެ އޮތީ ނިކަމެތި މުސްކުޅިއެކެވެ. އެމީހާ އެ އޮތީ މީހެއްގެ އެހީތެރިކަމަށް ބޭނުން ޖެހިފައެވެ. ވެއްޓުނު ގޮތުން އެމީހާގެ މޫނު ޒަހަމު ވީހެއްޔެވެ؟ އޭނާގެ ހެޔަށް ގޮތެއް ވީހެއްޔެވެ؟ ހިރިވެސް ނުލައި އެ އޮންނަނީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ބަލަން މި ހުރެވެނީ ކީއްވެހެއްޔެވެ؟ އަހަރެންގެ ހިތެއް ނެތީ ހެއްޔެވެ؟ މިހެން ހުރެގެން ކަމަކު ނުދާނެއެވެ. އިންސާނިއްޔަތު ކަމަށް ޓަކައި ވެސް އެމީހާއަށް އަޅައިލަން ޖެހޭނެއެވެ. ހިތްތިރިކޮށް، ހަމްދަރުދީވާން ވާނެއެވެ.
މަޑުމަޑުން ތިރިވެވުނެވެ. އެމީހާގެ އަތުގައި ހިފައިލީމެވެ. އެއްވެސް އެއްޗެއްގައި އަތެއް ނުޖެހުނެވެ.
(ނުނިމޭ)
ހިޔާލު

އިރާ

ވަރަށް ޝައުގުވެރި ފެށުމެއް 🙂

ގާބެ

ސަރ ކިހިނެއްތަ ވާހަކަ ލިޔަން ވަގުތު ހޯދަނީ ތިހާ ބިޒީކޮށް އުޅެމުން ވެސް.... ވާހަކަ ސަޅި ހަމަ... ޕްރައުޑް އޮފް ޔޫ ސަރ

ހަސަންކޮ

ފަތޫބެ ހާދަ މޮޅޭ... ވަރަށް ރީތި ވާހަކަތައް

ވާހަކަ

އިލުމުހުރި ބޭފުޅެޅެއްގެ ލިޔުމަކާއި ވަރަށް ވައްތަރު

އަސްލު

ވާނުވާގަ މި ހުންނަނީ... ތަންކޮޅެއް އަވަހަށް ބުނެބަ ވެގެން އުޅޭ ގޮތެއް... މަ މިހާރު މޮޔަ ވެއްޖެ މިއަށް ވަދެވުނީމަ

ސަލް

ހަމަ ވަރަށް ސަޅި