Audit report hushanaalhaathee Adhaalathaai DRP ah joorimanaage biru!
image
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން -- ފައިލް ފޮޓޯ
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

އޮޑިޓް ރިޕޯޓު ހުށަނާޅަނީ އަދާލަތާއި ޑީއާރްޕީ، ބޮޑު ޖޫރިމަނާއެއް އައުން އެކަށީގެންވޭ

އިލެކްޝަންސް ކޮމިޝަނަށް އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން އޮޑިޓް ރިޕޯޓް ހުށަނާޅަނީ އަދާލަތު ޕާޓީއާއި ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި އެކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކްރަމް ސީއެންއެމް އަށް ވިދާޅުވީ އޮޑިޓް ރިޕޯޓް ހުށަހަޅާފައި ވަނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)، މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ކަމަށެވެ. އަދި އޮޑިޓް ރިޕޯޓް ހުށަހާޅަފައި ނުވަނީ އަދާލަތު ޕާޓީއާއި ޑީއާރުޕީ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ކޮންމެ މީލާދީ އަހަރެއް ނިމޭތާ 90 ދުވަހުގެ ތެރޭގައި އެ ސިޔާސީ ޕާޓީގެ އޮޑިޓް ރިޕޯޓް، އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރެއް މެދުވެރިކޮށް، އޮޑިޓް ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓާ ޖެނެރަލްއަށް ހުށަހަޅަންވާނެ އެވެ.

އެހެންކަމުން އެ މުއްދަތު މިއަދަށް އެވަނީ ހަމަވެފަ އެވެ.

ފައިސާއާއި ތަކެތި ހޯދުމުގައާއި ހިސާބު ބެލެހެއްޓުމުގައި ގަވާއިދާ ހިލާފުވެއްޖެނަމަ، ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައިވާ ގޮތުން، އެފައިސާއާއި ތަކެތީގެ އަގުގެ ދެގުނައަށްވުރެ ބޮޑުނޫން އަދަދަކުން އެޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެ އެވެ. އަދި އެއްވެސް މާލީ ރިޕޯޓެއް ނުވަތަ އޮޑިޓް ރިޕޯޓެއް ހުށަހަޅައިފައިނުވާނަމަ، 20،000ރ އާއި 50،000ރ އާދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ވެއެވެ. އަދި ކޮންމެ ޕާޓީއަކުން ވެސް އެޕާޓީއެއްގެ ފައިސާގެ ކަންކަން ބަލަހައްޓަން މީހަކު ކަނޑައަޅަން ވާނެ ކަމަށް އެގާނޫނުގައި ބުނެއެވެ. އަދި އެފަރާތް ވެސް 5،000ރ އާއި 10،000ރ އާދެމެދު އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ވެއެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ އަހަރު ވެސް ޑީއާރުޕީން އޮޑިޓް ރިޕޯޓް ހުށަހަޅާފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިވަގުތު ނުވަ ސިޔާސީ ޕާޓީއެއް ހިމެނެ އެވެ. އޮޑިޓް ރިޕޯޓް ހުށަހެޅި ހަތަރު ޕާޓީއާއި އޮޑިޓް ރިޕޯޓް ހުށަނާޅާ ދެ ސިޔާސީ ޕާޓީއާއެކު ދެން ހިމެނެނީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އެވެ. އެ ތިން ޕާޓީއަކީ ދާދިފަހުން އުފެއްދި ޕާޓީތަކަށްވުމުން އޮޑިޓް ރިޕޯޓު ހުށަހާޅާކަށް ނުޖެހެ އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރެއެވެ. ކޮންމެ އަހަރަކަށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި ފާސްކުރާ ބަޖެޓްގެ އެއް ޕަސެންޓް ސިޔާސީ ޕާޓީތަކަށް ކަނޑައަޅައެވެ. އަދި ބަޖެޓްގެ ފައިސާ، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭކަމަށް ވެސް ގާނޫނުގައި ބުނެފައި ވެއެވެ.
ހިޔާލު