Media Council aai Home Ministry in Mashvara koffi
image
މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީން މަޝްވަރާކޮށްފި
ސީއެންއެމް
0 ކޮމެންޓް
 

މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީން މަޝްވަރާކޮށްފި

މީޑިޔާގެ ދާއިރާގައި ހުރި ކަންކަން ހައްލުކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން، މޯލްޑިވްސް މީޑިޔާ ކައުންސިލާއެކު މިއަދު މަޝްވަރާކޮށްފިއެވެ.
ހޯމް މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މޯލްޑިވްސް މީޑިޔާ ކައުންސިލުން ވަނީ އެކައުންސިލް ހިންގުމާއި، މަތިކޮށްފައިވާ މަޞްޢޫލިއްޔަތު އަދާކުރުމުގައި ހުރި ގޮންޖެހުންތައް ހުށައަޅާ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

މީޑިޔާ ކައުންސިލްގެ އެދިގެން ބޭއްވި މި ބައްދަލުވުމުގައި އެކައުންސިލުން ހުށައެޅި މައިގަނޑު ކަންބޮޑުވުންތަކަކީ ބަޖެޓް ލިބުމުގައި ހުރި ދަތިކަމާއި، މެންޑޭޓް ތަންފީޒުކުރުމުގައި ހުރި ޤާނޫނީ ހުރަސްތަކެވެ. މީގެއިތުރުން މީޑިޔާގެ ދަފްތަރާއި، ނޫސްވެރިންގެ ދަފްތަރު އެކުލަވާލުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން މީޑިޔާތައް ރަޖިސްޓްރީ ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މިނިސްޓްރީގެ ފަރާތުން ބައްދަލުވުން ޗެއަރކުރެއްވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޛީރު ވިދާޅުވީ އެކަންކަން އަވަހަށް ހައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަ ށެވެ.

މީގެއިތުރުން މީޑިޔާ ކައުންސިލާ ގުޅިގެން މީޑިޔާގެ ދާއިރާގެ ކުރިއެރުވުމަށް މަސައްކަތްކުރައްވަން ބޭނުންވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އެމަސައްކަތް ކުރައްވާނެކަމަށް ނަޒީރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި މީޑިޔާ ކައުންސިލްގެ ރައީސް ހިދާޔަތުﷲގެ އިތުރުން އެކައުންސިލްގެ ބައެއް މެމްބަރުންނާއި، އިދާރީ ބޭފުޅުން ބައިވެރިވެލެއްވިއެވެ. މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަލީ ނަޛީރުގެ އިތުރުން ޑިރެކްޓަރ، ކޮމިއުނިކޭޝަން ޙަފްޞީ ޢަބްދުﷲ އާއި ސީނިއަރ ޕޮލިސީ އެގްޒެކްޓިވް ނިޝާނާ ހަސަން ބައްދަލުވުމުގައި ބައިވެރިވިއެވެ.
ހިޔާލު