Islam dheenaa dhekolhah foiy liyumuge thereya Muslim vee meehaage vaahaka
image
ޔޯރަމް ވެން ކްލަވޭން---
1 ކޮމެންޓް
 

އިސްލާމްދީނާ ދެކޮޅަށް ފޮތް ލިޔުމުގެ ތެރޭގައި މުސްލިމްވި މީހާގެ ވާހަކަ

ނެދަލެންޑްސްގެ ސިޔާސީ މައިދާނުގައި އިސްލާމްދީނާ ދެކޮޅަށް އެންމެ ބާރަށް އަޑުއުފުލި ގާނޫނު ހަދާ މަޖިލިހުގެ މެންބަރު މި އަހަރުގެ ކުރީކޮޅު ވަނީ އޭނާ މުސްލިމްވިކަން އިއުލާންކޮށްފަ އެވެ.
ޔޯރަމް ވެން ކްލަވޭން އޭގެ ކުރިން ވަނީ އިސްލާމްދީނަކީ ބޮޑު ދޮގެއް ކަމަށާއި، ގުރުއާނަކީ ވިހައެއް ކަމަށް ބުނެ މުސްލިމުންނާއި އިސްލާމްދީނަށް ފުރައްސާރަކޮށްފަ އެވެ.

އެކަމަކު މިހާރު އުމުރުން 40 އަހަރުގެ ޔޯރަމް އިސްލާމްވުމަށްފަހު ބުނެފައި ވަނީ އިސްލާމްދީނާ ދެކޮޅު ފޮތެއް ލިޔަން އުޅުމުގެ ތެރޭގައި އިސްލާމްދީނުގެ ހަގީގަތް އޭނާއަށް ދަސްވެއްޖެ ކަމަށެވެ.

"އެ ފޮތް ލިޔުމުގެ ތެރޭގައި އޭރު އަހަރެން އިސްލާމްދީނާ މެދު ދެކޭ ގޮތް ބަދަލު ކުރުވަން ވަރަށް ގިނަ ކަންކަން ދިމާވި،" ނެދަލޭންޑްސްގެ ޓީވީ ޝޯއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އިސްލާމްދީނާ ދެކޮޅު ފޮތެއްގެ ގޮތުގައި ނެރެން އުޅުނު ފޮތުގެ ނަން މިހާރު ބަދަލުކޮށްފައިވަނީ "އެޕޮސްޓޭޓް: ފްރޮމް ކްރިސްޓިއެނިޓީ ޓު އިސްލާމް އިން ދަ ޓައިމް އޮފް ސެކިއުލާ ޓެރާ" އަށެވެ.

ދީނުގެ އިލްމުން މަތީ ތައުލީމް ހާސިލްކުރި ޔޯރަމް ބުނީ އޭނާ އިސްލާމްދީނާ މެދު ދެކުނު ގޮތް ބަދަލުވީ ފޮތް ލިޔުމުގެ މެދާ ހިސާބުން ކަމަށެވެ. އެހެންކަމުން އެފޮތުގައި މިހާރު ހިމެނެނީ އިސްލާމްދީނު ދިފާއުކުރުމުގެ ވާހަކަ އެވެ.

ޔޯރަމް ބުނީ އިސްލާމްދީނާ ބެހޭ ރަނގަޅު މައުލޫމާތު އޭނާއަށް ލިބުނީ ކެމްބްރިޖު ޔުނިވަސިޓީގެ ޕްރޮފެސަރެއްގެ ފަރާތުން ކަމަށެވެ. އެއީވެސް އިސްލާމްދީނު ގަބޫލުކުރި އަބްދުލް ހާކިމް މުރާދް ނަމަކަށް ކިޔާ މީހެކެވެ.

"ދެން އަހަރެން ކިޔަން ފެށީ ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ ހަޔާތުގެ ވާހަކަތައް. އެހިސާބުން ދަސްވީ މުޅިން އާ ވާހަކަތަކެއް،" ތުރުކީގެ ނޫހަކަށް ޔޯރަމް ކިޔައިދިނެވެ.

މިދިޔަ ނޮވެމްބަރު މަހު އިސްލާމްވުމަށްފަހު ޔޯރަމް މިހާރު އަންނަނީ ދީނުގެ ކަންކަން އިތުރަށް ދަސްކުރަމުންނެވެ.

"އާއިލާގެ ބައެއް މީހުން ހީކުރީ އަހަރެން މޮޔަވީ ކަމަށް. އެކަމަކު އަހަރެންގެ އަންހެނުންނާއި ބޭބެ ވަރަށް އުފާވޭ އަހަރެން ބޭނުންވާގޮތަށް ނިންމުން ނިންމީމަ". ޔޯރަމް ބުންޏެއެވެ.
ހިޔާލު

ރައްޔިތުން

ކާމިޔާބު ވެއްޖެ ތިގޮތް ދޫނުކޮށް ހިފަހައްޓައިފިނަމަ