Vaahaka: Mivaadhu
image
ފަތުހުﷲ އަހުމަދު
3 ކޮމެންޓް
 

ވާހަކަ: މިވާދު

(ފަސްވަނަ ބައި)
"ސުބުހާނަﷲ މި އޮތީ. މި ތަނުގައި ކީއްކުރީބާ؟ އަވަހަށް ނަގަމާ ބަހީ. ބަލައިގެން ނަގައްޗެ" ދުވެފައި އައި ދެމީހުންގެ ތެރެއިން އަންހެން ކުއްޖާ މާނާވައިލަމުން ބުނެލިއެވެ.
"ޔަލްވީ ޑޮކުޓަރަށް ގުޅައިބަ. ނިތްމަތި ވެސް މި އޮތީ ފެޅިފަ" ޒުވާން ފުރައިގެ ފިރިހެން މީހާ އެމީހާގެ ނިތްމަތީގައި އަތް އަޅައި އޮބައިލިއެވެ.
"ބިސާމު ބާރަށް ހިފަހައްޓާ. ލޭ މަނާވާނެ އޭރުން" ޔަލްވީގެ އަވަސް ހަރަކާތްތައް ފެނިފައި އަހަރެން ހައިރާންވިއެވެ.

އަހަންނަށް އިނދެވުނީ ހާސްވެގެން އުޅުނު ދެ ޒުވާނުންގެ ހަރަކާތްތަކަށް ބަލާށެވެ. އެމީހުންނަށް އަހަރެން ހަމަ ނުފެންނަނީ ހެއްޔެވެ؟ ނޫނީ ހާސްވެފައި ތިބި ވަރުން އަހަރެން އިންކަން ވެސް ނޭގުނީ ހެއްޔެވެ؟ އަހަންނަކީ އެމީހުންނަށް ވެސް މުހިއްމު މީހަކަށް ނުވަނީ ކަން ނޭނގެއެވެ. އެއީ މައްސަލައެއް ހެއްޔެވެ؟
ޔަލްވީ ފޯނުގައި ހުރެ އަހަންނާ ދިމާއަށް ހިނގައި ގަތެވެ. އަނެއްކާ އޭނާއަށް އަހަރެން ފެނުނީ ހެއްޔެވެ؟ އޭނާއަށް ޝައްކުވީ ހެއްޔެވެ؟ އަހަރެން ކުރިކަމެއް ކަމަށް އޭނާއަށް ވިސްނުނީ ހެއްޔެވެ؟ އަހަންނަށް ކޮޅަށް ތެދުވެވުނެވެ. މަޑުމަޑުން ފަހަތަށް ޖެހެވެން ފެށުނެވެ. ޔަލްވީ ވެސް އަހަންނާ އެއްވަރަށް ކުރިއަށް ޖެހެމުން ދިޔައެވެ. އޭނާ ބަލަމުން ދިޔައީ ސީދާ އަހަންނާ ދިމާއަށެވެ. މަޑުމަޑުން ދެފަރާތަށް ބަލައިލިއެވެ. އަތުގައި އޮތް ޓޯޗު ބައްތި ނަގައި އަހަންނާ ދިމާއަށް އަލިކޮށްލިއެވެ. ޓޯޗުގެ އަލި އަމާޒުވީ އަހަރެންގެ ލޮލަށެވެ. އަހަރެންގެ ކަޅިއަށެވެ. މުޅިތަން ހުދުވިއެވެ. ތަންދޮރު ވަކިވާވަރެއް ނުވިއެވެ. މުޅި މޫނު އެކުގައި ފުސްވިއެވެ. ދެންވީ ގޮތެއް އަހަންނަކަށް ވެސް ނޭނގުނެވެ.

ހަށިގަނޑަށް ލުއިވި ކަހަލައެވެ. މަޑުމަޑުން ދެ ލޯ ހުޅުވައިލީމެވެ. ހައިރާން ކަމާއެކު އަހަންނަށް ބަލައިލެވުނީ މައްޗަށެވެ. ވަރުބަލިކަމެއް ނެތި ފަންކާގެ ޒިންމާ އަދާކުރަނީއެވެ. ކަނާއަތް ފަރާތަށް ބަލައިލީމެވެ. ފެނުނީ ހުދު ކުލައިގެ ފާރެކެވެ. މަޑުމަޑުން ވައަތް ފަރާތަށް ބަލައިލީމެވެ. ހައިރާންވެ އަނގަހުޅުވުނެވެ. ހުދުކުލައިގެ އެނދުމަތީގައި އެ އޮތީ ކާކު ހެއްޔެވެ؟ އޭނާ މިތަނަށް ވެސް އައީ ހެއްޔެވެ؟ އޭނާގެ ނިތްމަތީގައި އެވަނީ ކޮން މަލަންގަނޑެއް ހެއްޔެވެ؟ އަތަށް އައިވީ ގުޅައިފައި އެވަނީ ކީއްވެ ހެއްޔެވެ؟ ގާތުގައި އެ އިނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟

ހައްތަހާ ވެސް ސުވާލެވެ. އަހަރެންގެ ހިތުގައި މި އުފެދޭ ސުވާލުތަކަށް ފުރިހަމަ ޖަވާބު ނުލިބެނީ ކީއްވެ ހެއްޔެވެ؟ އަހަރެން މި ކޮޓަރިއަށް ގެނައީ ކާކު ހެއްޔެވެ؟ އަހަރެންގެ ފަހަތުން އޭނާ އެ އުޅެނީ ކީއްވެ ހެއްޔެވެ؟ އަހަންނާ އޭނާއާ ކޮންމެ ވެސް ގުޅުމެއް އޮތީއެވެ. ނިތަށް ބަރު ޖެހިފައިވާ ހެން ހީވެގެން އަތް ޖައްސައިލެވުނީ ނިތުގައެވެ. އަތުގައި ހަރު އެއްޗެއް ޖެހުނެވެ. ހަރު އެއްޗެއް ނޫނެވެ. މަލަންގަނޑެކެވެ. އަހަންނަށް ބަލައިވުނީ އެމީހާގެ މޫނަށެވެ. ދެވަނަ ސިކުންތުގައި އަތްޖައްސައިލެވުނީ ނިތުގައިވާ މަލަންގަނޑުގައެވެ. އެމީހާ ވެސް އެތަނުގައި މަލަންގަނޑެއް އެޅީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ނިތުގައި މަލަންގަނޑެއް ހަރުކުރީ ކާކު ހެއްޔެވެ؟ އަހަންނަށް ކަމެއް ވީހެއްޔެވެ؟ އަހަންނަށް ގެއްލުމެއް ލިބުނީ ހެއްޔެވެ؟ ސުވާލުތަކުން ބަރުޖެހި ބޮލަށް އުނދަގޫވާން ފެށިއެވެ. މަޑުމަޑުން ބޮލުގައި ހިފައިލީމެވެ. ބޮލަށް ބާރުވަމުން ދިޔަވަރަކަށް ލޮލަށް ވެސް ބާރުވަމުން ދިޔައެވެ.

ކުއްލިކުއްލިއަށް ބޮލުގައި ރިއްސަނީއެވެ. ބޮލުގެ ނާރުތައް ކެނޑައިގެންދާން އުޅޭހެން ހީވާނީއެވެ. އެ ހާލުގައި ވެސް އަހަންނަސް ބަލައިލެވުނީ އެމީހާގެ ހާލަތަށެވެ. އެ ފަކީރު ވެސް އުޅެނީ އެ ހާލުގައެވެ. ނޯވެވިގެން ތެޅިފޮޅެނީއެވެ.
"އިސްމާއިލްބޭ... އިސްމާއިލްބޭ... ލޯ ހުޅުވަބަލަ" ޔަލްވީ ކަންބޮޑުވަމުން ދިޔައެވެ.
"އިސްމާއިލްބޭ" ބިސާމު ވެސް ކަންބޮޑުވެފައިވާ ހާލު އިސްމާއިލްގެ ފައިގައި ހިފެހެއްޓޭތޯ އުޅުނެވެ. އެއާއެކު ނަރުހުން ވެސް އިސްމާއިލަށް ހޭހަން ކުރެވޭތޯ އުޅުނެވެ.
އަހަންނަށް އެ ވަރުވާއިރު ވެސް އަޅައިލާނެ މީހަކު ވެސް ނާދެއެވެ. އަހަންނަށް އެހީވާނެ މީހަކު ނެތީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ވެސް މި ވަނީ ހަމަ އެއް އުނދަގޫ ތަކެކެވެ. އަހަންނަކީ މީހަކަށް ނުވަނީ ހެއްޔެވެ؟ ނޫނީ އަހަންނަކީ އެމީހުންނާ ގުޅުމެއް ނެތް މީހަކަށްވާތީ އަޅައި ނުލަނީ ހެއްޔެވެ؟ ސުވާލުތަކާއި ޝަކުވާތަކުން ފުރިފައިވާ ސިކުނޑިއަށް ބާރުބޮޑުވަމުން ދިޔައެވެ. ތަންދޮރު ވަކި ނުވާވަރަށް ބޮލުގައި ރިއްސައިގަތެވެ. ދެންވީ ނުވީއެއް ނޭނގުނެވެ.
"އަން މި އެތިކޮޅު ކައިލާ. މިހާރު ބޭބެ ޖެހޭނެ ވަރަށް ހިތްވަރު ކުރަން. އަދި އިރާދަކުރެއްވިއްޔާ ބޭބެއަށް އެނބުރި ގެއަށް ދެވޭނެ" ސަމުސާ އަނގަޔާ ކައިރިކޮށްލަމުން ޔަލްވީ ބަލައިލީ އިސްމާއިލްގެ މޫނަށެވެ.

އިސްމާއިލް ވެސް މައުސޫމު ގޮތަކަށް ޔަލްވީގެ މޫނަށް ބަލަން އިނެވެ. އިސްމާއިލްގެ އަނގަ ހުސްވާއިރަށް ޔަލްވީ ކައިއެތި ކޮޅު ސަމުސާއިން ނަގާ އިސްމާއިލަށް ލަވާލައެވެ. ރިހައާއި ރޮށި މޮޑެފައި ހުރި ގޮތުން ވެސް ކާހިތް ކުރުވައެވެ. އަހަންނަށް އިނދެވުނީ އެ މަންޒަށް ގެއްލިފައެވެ. ޔަލްވީ ސަމުސާ ދިއްކޮށްލާ ގޮތުގައި ވެސް ތަރުތީބެއް ވެއެވެ. ތިން ފަހަރު ލަވައިލުމަށްފަހު ޖޫސްތަށި ދިއްކޮށްލައެވެ. އެ ހަރަކާތްތަކުގައި މާނައެއް އެކުލެވެމުން ދިޔައެވެ. ކުއްލިއަކަށް ކާހިތްވާ ފެށިއެވެ. ބަނޑުގައި އަތް ޖައްސައިލެވުނެވެ. ނަމަވެސް އަހަންނަށް ކާންދޭނީ ކާކު ހެއްޔެވެ؟ ޔަލްވީ ވެސް އިސްމާއިލް ވެސް އެ ތިބީ އަހަރެންގެ ކުރިމަތީގައެވެ. އެމީހުންނަށް އަހަރެން ނުފެންނަނީ ކަން ނޭނގެއެވެ.

މަޑުމަޑުން ކޮޅަށް ތެދުވީމެވެ. އިސްމާއިލްގެ ކުރިމައްޗަށް ޖެހިލީމެވެ. މިފަހަރު އިސްމާއިލަށް އަހަރެން ފެނުނެވެ. އޭނާ ކެއުން ހުއްޓައިލިއެވެ. ހިންދިރުވައި ވެސް ނުލައެވެ. އިސްމާއިލްގެ ކަޅި ހުއްޓުން އެރިއެވެ. ޔަލްވީ ބަލައިލީ އަހަރެންނާ ދިމާއަށެވެ. ޔަލްވީގެ ތިރީ ތުންފަތް ކުރިއަށް ނެރެލަމުން ލޮލަށް ގޮތެއް ހަދައިލިއެވެ. އަހަންނަށް މާނަ ކުރެވުނީ ރަނގަޅަށެވެ. ޔަލްވީއަށް އަހަރެން ނުފެނުނީއެވެ. ނަސީބު ކިތައްމެހާ ވެސް ރަނގަޅޭ ހިތްބުނެލިއެވެ. އަހަރެން މިއުޅެނީ ޔަލްވީއާ ވާހަކަދައްކާ ހިތަކުން ނޫނެވެ. އަހަރެން ބޭނުންވަނީ އިސްމާއިލްއާ ވާހަކަދައްކާށެވެ. އޭނާ ލައްވާ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ.

"މިހާ ބަނޑުހައިވެފަ އިންނަ އިރު ކީއްވެތަ އަހަންނަށް ނުދީ ތި ކަނީ؟" ލާނެތް ހިނިތުންވުމަކާއެކު އިސްމާއިލާ ދިމާއަށް ބަލައިލީމެވެ. "ކަލޭ އަކީ ވަރަށް ފޮނި ވެސް މީހެއް"
"ދާން އުޅޭށޭ. މި ބުނީނު ދާން އުޅޭށޭ" ކުއްލިއަކަށް އިސްމާއިލް ހަޅެއްލަވައި ގަތެވެ. ބާރުބާރަށެވެ.
"ކަލޭ ކޮން ރުޅިއެއް އަންނާކަށް؟ އަދި ރުޅިއަންނަ ވަރު ކަމެއް އަހަރެން ނުކުރަން" އިސްމާއިލް އަހަންނާ ދިމާއަށް ބަލަން ހުރުމުން އަހަރެން ގާތަށް ވެސް ރުޅިއައެވެ.
"ކަލޭ ގާތުގައި މި ބުނަނީނު މިތަނުން ދާން އުޅޭށޭ" އިސްމާއިލް އަތުން އިޝާރާތްކުރާން ފެށިއެވެ. އަހަރެން ވަނީ ޔަލްވީގެ ފުރަގަހަށެވެ. އެއަށްފަހު ޔަލްވީގެ ކޮނޑާ ދިމާއިން ބޯދިއްކޮށްލަމުން އިސްމާއިލާ ދިމާއަށް ބަލައިލީމެވެ. ޔަލްވީ އިނީ ވާނުވާ ނޭނގިފައެވެ.
"ކަލޭއަށް ތިޔަ ކަނީ އަމިއްލަ އަތުން ތަ؟ އަމިއްލައަށް ކާން ނޭނގެނީ ތަ؟" އަހަރެން ބޭނުންވީ އިސްމާއިލް ރުޅި އަރުވާށެވެ. "ބަލަ އަހަރެން ވެސް ކަލޭއަށް ކާން ލަވައިދީފާނަމޭ. ކީއްކުރަންތަ އަންހެން ކުއްޖަކު ލައްވާ ތިކަން ކުރަނީ. ހަމަ ޅަ ކުދީން ފައްކަލީއޭ ދޯ. ކޮންމެ ކުއްޖަކަށް ވެސް ކަލޭ ހަދަނީ ތިހެންނޭ. ފާޑެއްގެ އެޕޮއިންޓްމަންޓެކޭ، ކީކޭތަ އަދި މޮޅުކޮށްލަން ކިޔާނީ ދިވެހި ނަމެކޭދޯ. ހޫމް ފާޑެއްގެ މިވާދެއް ހަމަ ޖައްސަނީއޭ ކިޔައފަ، ހަމަ ގަންނަނީ އެއް ގަނޑެއް. ޖަހަނީ އެއް ކުޅިއެއް. ކަލޭ ހީކުރީ އެހެންމީހުންނަށް ނޭނގޭ ކަމަށްތަ؟"
"އަހަންނަށް އަމިއްލައަށް ކެވޭނެ. ކަލޭ ގާތަކު އަހަރެން ނުބުނަން މިތަނަށް އަންނާކަށް. މިބުނީނު މިހާރު މިތަނުން ދާށޭ" އިސްމާއިލް އިނގިލި ދިމާކުރަމުން ދިޔައީ އަހަންނާ ދިމާއަށެވެ. ނަމަވެސް އަމާޒުވަނީ ޔަލްވީ އަށެވެ.

"ބޭބޭ. ކިނިހެއްތަވީ؟ ކީއްވެތަ ކުއްލިއަކަށް އަހަރެން ދެކެ ރުޅި ތި އައީ" ޔަލްވީ ހައިރާން ކަމާއެކު ސުވާލުކޮށްލިއެވެ.
"ހޫމް އަދި މި އަންހެނަކަށް ވެސް ހާދަ ވަރެއް ވެއްޖޭ ދޯ. މިހާރު އަހަންނަށް ޔަގީން ވެއްޖެ ކަލޭއާ މި ޅަ ކުއްޖާއާ ގުޅުމެއް އޮތްކަން" މޫނަށް ދެތިން ރޫ އަރުވައިލަމުން އަހަރެން ބަލައިލީ އިސްމާއިލަށެވެ. "އެޔޭ ކަލޭގެ ބަލިފަޔަކީ. އެޔޭ ކަލޭގެ ހަލާކަކީ. ޅަ ކުދިންނަށް ކަލޭއާ މާ ގަޔާވާތީ. އެނގިއްޖެތަ؟ ވިސްނިއްޖެތަ؟ އަސްލު ކަލޭ ވެސް މޮޅީ. ކުދީން ހައްދައިލަން ވެސް މޮޅީ. ފައިސާ ވެސް ގިނައީ"

"ކަލޭގާތު ބުނެފީމެއްނު މިތަނުން ދާށޭ. އަހަރެން އަތުން ފައިން ގޯހެއް ނަހަދަނީސް މިތަނުން ރައްކާވާށޭ" އިސްމާއިލް ފުފެން ފެށިއެވެ.
"ނުދާނަން. މި ބުނީނު ނުދާނަމޭ. ކަލޭއަށް އެއްވެސް ކަމެއް ނުކުރެވޭނެ. އަހަންނަށް ގޮތެއް ވެސް ނުހެދޭނެ. އަހަރެން އަތެއް ވެސް ނުވާނެ. އެޔަށް ވުރެ ކަލޭ މާ ބަލިކަށި. މާ ނިކަމެތި" އިސްމާއިލް ރުޅި އަރުވާލެވޭތޯ ބެލީމެވެ.

އިސްމާއިލް އަހަންނާ ދިމާއަށް ހިނގައިގަތެވެ. އަހަރެން ޔަލްވީގެ ބުރަކަށްޓަށް އެރީމެވެ. އެވަރުން ވެސް ޔަލްވީއަކަށް އެކަމެއް އިހުސާސެއް ނުކުރެވުނެވެ. އިސްމާއިލް އެ އާ ބާރުމިނުގައި އައިސް އަހަންނާ ދިމާއަށް ފުންމައިގަތެވެ. އަހަރެން ޔަލްވީގެ ބުރަކަށި މަތިން މުށިގަނޑު މައްޗަށް ފުންމައިލީމެވެ. އޭރު އިސްމާއިލް އޮތީ ޔަލްވީގެ ގައިމައްޗަށް ވެއްޓިފައެވެ.

މަގުސަދު ހާސިލުވުމުން އަހަރެންގެ ގާތަށް ހިނި އައެވެ. އަތްޖަހަމުން ދުރުގައި ބަލަން ހުރެވުނީއެވެ. އިސްމާއިލާއި ޔަލްވީ ތިބި ގޮތް ފެނިފައެވެ. އޭރު ވެސް އިސްމާއިލް އެއް އަތުން ޔަލްވީގެ ބޮލަށް ދަމަނީއެވެ. ޔަލްވީގެ ބޮލުގައި އަނެއް އަތުން ތަޅަނީއެވެ. ޔަލްވީ އާދޭސްކުރަމުން ދިޔައެވެ. ބާރުބާރަށް ހަޅެއް ލަވަމުން ދިޔައެވެ.
ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނެވެ. ހަރަކާތް އަވަސްވެފައިވާ ދެ ތިން މީހުން ކޮޓަރިއަށް ވަނެވެ. އެކަކީ ބިސާމެވެ. އަނެއް މީހާއަކީ ކުރިން ދުށް މީހެކެވެ.


(ނުނިމޭ)
ހިޔާލު

މަސީ

އަހަންނަކީ ކާކުތަ؟ ޖިންނިއެއްތަ؟

އިމްލުބޭ

ވަރަށް ރީތި، ވަރަށް ކިޔާ ހިތުން މި ކިޔަނީ... ކުރިއަށް ދޭ

އިލްމު

ނުނިމެނީ ކީއްވެ ހެއްޔެވެ. ވާހަކަ ހަމަ ދިގީ ހެއްޔެވެ. ނޫނީ ނިިންމަން ބޭނުން ނޫނީ ހެއްޔެވެ. ވާން އުޅޭގޮތް ބުނަން ބޭނުން ނުވަނީ ހެއްޔެވެ.
ބަހުގެއިލްމުވެރިޔާއައް ސައިބަސް