Hafthaa bandhuga Bhutan ge bodu vazeeru bali meehunah faruvaa dhenee
image
ބޫޓާން ގެ ބޮޑުވަޒީރު ލޮޓޭ ޝެރިންގް -- ފޮޓޯ: އޭއެފްޕީ
0 ކޮމެންޓް
 

ހަފްތާ ބަންދުގައި ބޫޓާނުގެ ބޮޑުވަޒީރު ބަލި މީހުންނަށް ފަރުވާދެނީ

ބޫޓާން ގައި ޑރ. ލޮޓޭ ޝެރިންގް ކޮންމެ ހޮނިހިރު ދުވަހަކުވެސް ބަލި މީހުންނަށް ފަރުވާދެ އެވެ. އޭނާ ހާއްސަވަނީ ސާޖަރީތަކަށެވެ. އެކަމަކު ހަފްތާގެ ރަސްމީ މަސައްކަތް އޮންނަ ދުވަސްތަކާއި ވަގުތުތަކުގައި ލޮޓޭ ޝެރިންގް އަކީ އެގައުމުގެ ބޮޑު ވަޒީރެވެ. 
"މިކަމަކީ ސްޓްރެސް ފިލުވަން ކުރާ ކަމެއް،" ބޫޓާންގެ ބޮޑުވަޒީރު ވިދާޅުވި ކަމަށް އޭއެފްޕީން ރިޕޯޓު ކުރެ އެވެ. 750،000 މީހުންގެ އާބާދީއެއް އޮންނަ ބޫޓާނުގެ ތިންވަނަ ޑިމޮކްރެޓިކް އިންތިހާބުގައި އޭނާ އިންތިހާބުވީ މިދިޔަ އަހަރު އެވެ. 

"ބައެއް މީހުން ގޮލްފް ކުޅެނީ، އަނެއް ބަޔަކު އާޗަރީ (ތީރު ޖެހުން)، އަޅުގަނޑު އެންމެ ކުރާ ހިތްވާ ކަމަކަީ އޮޕަރޭޝަން ކުރުން. އަހަރެން މި ހޮސްޕިޓަލުގައި ހޭދަ ކުރަނީ ހަފްތާ ބަންދު ދެދުވަސް އެކަނި،" އުމުރުން 50 އަހަރުގެ ޝެރިންގް ވިދާޅުވި އެވެ. ދުނިޔޭގެ "ގްރޮސް ނެޝަނަލް ހެޕިނެސް" ނުވަތަ އެންމެ އުފާވެރި ގައުމުތައް ބަލާ މިންގަނޑުން ލިސްޓުގެ އެއްވަނައިގައި އުޅެނީ ފަރުބަދަ މަތީ ގައުމެއް ކަމަށްވާ ބޫޓާނެވެ. އެގައުމުގެ 60 އިންސައްތަ ޖަންގަލި އޮންނަނީ އަދިވެސް އެންމެ ކުރިން އޮތް ގޮތަށް ބާއްވާފަ އެވެ. 

ވެރިރަށް ތިމްޕޫގައި ޓްރެފިކް ލައިޓެއް ނުހުރެ އެވެ. ދުންފަތުގެ ވިޔަފާރި ކުރުން މަނަ އެވެ. އަދި ޓީވީ ބެލުން ހުއްދަވީވެސް 1999 ވަނަ އަހަރުގަ އެވެ. ނަމަވެސް ކޮރަޕްޝަނާއި، ފަގީރުކަމާއި، ގޭންގުތަކާއި، ވަޒީފާ ނެތުމުގެ މައްސަލަ އެގައުމަށް ވެސް ދިމާވެ އެވެ. 

 

ހިޔާލު