Vaahaka: Mivaadhu
image
ވާހަކަ: މިވާދު--
ފަތުހުﷲ އަހުމަދު
1 ކޮމެންޓް
 

ވާހަކަ: މިވާދު

(ހަތްވަނަ ބައި)
"ބަލަ އަހަރެން ވެސް ވާހަކަ މި ދައްކަނީ މަޑުމަޑުންނެއްނު" އަހަރެން ބޭނުންވީ އިސްމާއިލަށް ވިސްނައިދޭށެވެ.

"އެންމެ ރަނގަޅު. އަހަރެން ވެސް ވާހަކަ މި ދައްކަނީ މަޑުމަޑުން" އިސްމާއިލްގެ އަޑު މަޑުވިއެވެ. އޭނާ ވެސް ވައި އަޑުން ވާހަކަދައްކަން އެއްބަސްވިއެވެ.

ޔަލްވީ ފޯނުގައި ހުރެ އެނބުރިލީ އެ ވަގުތުއެވެ. އަހަރެން ހިނިތުންވެލީމެވެ. އިސްމާއިލް ބަލައިލީ އަހަރެންގެ މޫނަށެވެ.  އަހަރެން ނިތުން އިޝާރާތްކޮށްލީމެވެ. ޔަލްވީއަށް ހިނިތުންވެލުމަށް އެދިއެވެ. އިސްމާއިލް އަހަރެން ބޭނުންވި ގޮތަށް ކަން ކޮށްލިއެވެ.

"ތި ވަރުގެ ކަމެކޭ. މިހާރު އަހަރެން ބުނާ ގޮތަށް ކަންތައް ކުރި ނަމަ މި ތަނުން ސަލާމަތް ވެގެން މާލެ ދެވުނުތާ ކޮން ދުވަހެއް. ކަލޭ މާ ގޮތް ދައްކަން އުޅޭތީ ވާގޮތެއް ތިވަނީ ވެސް" އަހަރެން ވާހަކަދައްކަމުން ދިޔައީ އިސްމާއިލާ ދިމާއަށް ގުދުވެ އޮވެއެވެ.

"ކިހިނެއްތަ މަ ހަދަންވީ؟" ބަލިކަށި ރާގެއްގައި ލަސްލަހުން ވައި އަޑުން އިސްމާއިލް ބުނެލިއެވެ.

"ކަލޭ ދެން ވެސް މިލަހަނދުވަރުދޭ ރޭރޭ ބޭރަށް ނުނިކުންނާތި. ކަލޭއަށް ވެސް އެނގޭނެ މިއީ ފަޅު ރަށެއްކަން. ފަޅުރަށް ރަށަށް މިލަހަނދުވަރު ވެސް ދޭނެކަން. އެކަމުން އުފާ ހޯދާން ކަލޭ ނުވާނެކަން" ޝަހާދަތް އިނގިލި ނަގައި އިސްމާއިލްގެ ލޮލާ ކައިރިކޮށްލީމެވެ.

"އެރޭ ހަނދު ހުރީ އެންމެ ބޮޑު ވެފަ" އިސްމާއިލް އުޅުނީ ދިފާއުގައި ވާހަކަދައްކާށެވެ. "އަހަރެން ބޭނުންވީ އެ މަންޒަރު ބަލައިލަން ނުކުންނަން. އަހަރެން ހިޔެއް ނުކުރަން ކަލޭ އެތަނަށް އަންނާނެ ކަމަކަށް"

"އަދިވެސް ކަލޭއަށް އަހަންނަކީ ކާކު ކަން ނޭނގޭދޯ. ކަލޭއަކީ ކާކުކަން އަހަންނަށް ވިސްނިއްޖެ. އަހަރެން ވެސް ހިތުގައި ތިޔަ ސުވާލު ތަންކޮޅެއް ކުރިން އޮތް. އެކަމަކު މިހާރު އަހަންނަށް ވިސްނިއްޖެ. ކަލޭ ވެސް ބޮލެއް ހުރިއްޔާ މި ހިނގާ ކަންކަމުން އަހަންނަކީ ކާކުކަން މިހާރު ވިސްނެން ވާނެ" އަހަރެން ބޭނުންވީ އިސްމާއިލަށް ވިސްނައިދޭށެވެ.

"ދެން ކޮބައިތަ ކަލޭގެ މަގުސަދަކީ؟" އިސްމާއިލް ދިޔައީ ސީދާ ސުވާލަށެވެ.

"ވިސްނައިދިނުން. ކަލޭއަށް އަންގައިދިނުން. ކަލޭއަކީ ކާކުކަން ކަލޭއަށް ބުނެދިނުން" އަހަރެން ވެސް ޖަވާބު ދިނީ ސީދާ ސުވާލަށެވެ.

"އަހަންނަކަށް ނުވިސްނޭ" އިސްމާއިލް ހާސްވިއެވެ.

"އެހެންވީމަތާ މި ވިސްނައިދެނީ. ބައެއް މީހުންނަށް ވިސްނޭނީ ތަންކޮޅެއް ފަހުން. އަނެއް ބައި މީހުންނަށް ތަންކޮޅެއް ކުރީން" އަހަރެން ހިން ދެމިލީމެވެ. "ތިވަރު ކަލޭއަށް ވިސްނުނު ކަން ވެސް އެ ވަރަށް ބޮޑުވަރު. ތިންފިލާގެ ތެރެއަށް ނުވަންނަނީސް ކަލޭއަށް ތިކަން އެނގުން އެ ނަސީބެއް"

"ކޮން މިލަ ހަނދުވަރެއްތަ؟" އިސްމާއިލް އަހައިލިއެވެ.

"ކަލޭ އަބަދުވެސް ބުނަމެއްނު ފަޅު ރަށްރަށަށް މިލަހަނދުވަރުދޭނޭ" އަހަރެން ހިނިތުންވެލީމެވެ. "އެއީ އަހަރެން ބުނާ އެއްޗެއް ނޫނެއްނު"

އިސްމާއިލް ވިސްނަން ފެށިކަން މޫނުމަތީގެ ކުލަވަރުން ހާމަވިއެވެ.

"ނުވިސްނޭ. ހަނދާނަކަށް ނާދޭ" އިސްމާއިލުގެ ސިކުނޑި ސުމަކަށް ދިޔަ ކަހަލައެވެ.

"އާނ. ފަޅުރަށަށް ކިތައްމެ ރީތި ހަނދުވަރެއް ދިނަސް އަހަރުމެންނަށް އެކަމުގެ އުފަލެއް ނުލިބޭނެ. އެކަމުގެ އުފާ ލިބޭނީ އެ ފަޅު ރަށެއްގެ ބަޔަކަށް. އަނެއްކާ ފަޅު ރަށެއް ވީމަ އެތަނުގައި ރަސްކަން ކުރާނީ ފަޅުކަން. އެކަނިވެރިކަން" އަހަރެން ގޮނޑީގައި އިށީނދެލީމެވެ. "ކޮންމެ ގޮތަކަށް މާނަކުރިޔަސް ކަލޭގެ އެ ބުނުމަކީ ހަމަ ތެދެއް"

"އަހަރެން ކީކޭތަ ބުނީ؟" އިސްމާއިލް އަނެއްކާ ވެސް ސުވާލުކުރިއެވެ.

"ޔަލްވީއަށް ތިޔަ ހުރިހާ ވާހަކައެއް ކިޔައިދީ! އަހަރެން ހުންނާނަން އަޑުއަހަން" އަހަރެން ބަލައިލީ ޔަލްވީ އަށެވެ. އޭރު އޭނާ ފޯނު ކަންފަތުން ނައްޓައިލަނީއެވެ.

"ބޭބެ ގޮވައިލިންތަ؟" ޔަލްވީ ހިނިތުންވެލިއެވެ.

ނޫނެކޭ ބުނުމުގެ ގޮތުން އިސްމާއިލް ބޯ ތަޅުވައިލަމުން ހިނިތުންވެލިއެވެ.

"މި ގުޅައިލީ ބޭބެގެ ޑޮކުޓަރަށް. މިބުނީ ވަސޭހަތްދޭ މީހާއަށް. އަހަންނަށް މިހާރު ހީވަނީ ބޭބެ މިހާރު އެ ވާހަކަތައް ކިޔައިދޭން ބޭނުންވާހެން. ބޭބެ ވެސް މިހާރު މިކަމުގެ ތެރެއިން ނުކުންނަށް ބޭނުންވާހެން" ޔަލްވީ އިށީނީ އަހަރެންގެ އުނގުމަތީގައެވެ.

އަހަރެން ބޭނުންވީ ތެދުވާށެވެ. ޔަލްވީގެ ހަށިގަނޑުގެ ތެރެއިން ފަސޭހަކަމާއެކު އަހަންނަށް ތެދުވެވުނެވެ. ޔަލްވީއަށް ހީވީ ވައިރޯޅިއެއް އޭނާގެ ގައިގެ ތެރެއިން މައްޗަށް އެރި ހެންނެވެ. ސިހިފައި އޭނާ ބަލައިލީ އަހަންނާ ދިމާއަށެވެ. ނަސީބަކުން އޭނާއަކަށް އަހަރެން ނުފެނެއެވެ. އިސްމާއިލް ގާތަށް ހިނިއައެވެ. އަހަރެން ޝަހާދަތް އިނގިލި ނޭފަތުގައި ޖައްސައިލީމެވެ. އިސްމާއިލަށް ވިސްނުނެވެ.

"ކިހިނެއްވީ؟" ޔަލްވީ ހައިރާން ކަމާއެކު އިސްމާއިލަށް ބަލައިލިއެވެ. "ކީއްވެ ވައިރޯޅިއެއް މައްޗަށް އަރަންވީ"

"ވެދާނެއްނު އެހެން މީހަކު ގޮނޑީގައި އިންދާ އިށީނދެވުނީ ކަމަށް" އިސްމާއިލް ވެސް ހިނިތުންވެލިއެވެ.

"ކީކޭ؟" ޔަލްވީ ބިރުގަތެވެ.

"އެ ހީވި ގޮތެއް. ކޮއިފު ނިންޖަން ބަލިވާތީ ހީވާ ގޮތެއް އެ" އިސްމާއިލް ބަލައިލީ އަހަރެންގެ ތުންފަތުގެ ހަރަކާތަށެވެ.

"އެހެން ކަންނޭނގެ މިވަނީ" ޔަލްވީ ވެސް އެއްބަސްވިއެވެ. "ބިސާމު އައީމަ ދާން ކަމަށް މި އިންނަނީ. އެކަމަކު ދެން ދެވޭނީ ޑޮކުޓަރު އައީމަ ބުނާ އެއްޗެއް ބަލައިފަ. ބޭބެ ވެސް އިހަށް އަރަމާކޮށްލާ"

ޔަލްވީ ފޯނު ނެގިއެވެ. މަޑުމަޑުން ލަވައެއް ޖަހައިލިއެވެ. އަހަންނަށް ވެސް އެއްމެ ރީތި އެއްލަވައެވެ.

"ހަނދާންވާން ފަށައިފިދޯ" އިސްމާއިލް ބަލައިލީ އަހަރެންގެ މޫނަށެވެ. "ހަނދުވަރު ދިނަސް ހަނދެއްނެތެ..."

"އަހަންނަށް އެހަނދާންތަކުގައި އުދުހިލަން ފުރުސަތެއް ދީފަ އިއްސެ ހިމޭނުން އޮވެބަލަ އާދޭސްކޮށްފަ. އެ ލަވަ އަޑުއަހައިލައިގެން ނަމަވެސް އެ ހަނދާންތަކަށް ވިސްނައިލަން ފުރުސަތުދީބަލަ" އަހަރެން ބޭނުންވީ ހަމަޖެހިލާށެވެ. މާޒީގެ ސަފުހާތަކުން ހިތް އުފާކޮށްލާށެވެ.

އަހަންނާ އިސްމާއިލާ ދެމުގައި ކުރެވެމުން ދިޔައީ ހަރަކާތްތަކެކެވެ. ބަދަލު ކުރެވެމުން ދިޔައީ އިހުސާސްތަކެކެވެ. ހަނދާންތަކެކެވެ. ނިތުން ނިތަށް ފޮނުވުނު މެސެޖުތަކަކުންނެވެ. ކުރު އެހެނަސް ފޮނި ހަނދާންތަކެކެވެ. އެއާއެކު މާޒީގެ ފުންކަނޑުގެ ތެރެއަށް އަހަންނަށް ފުންމައިލެވުނެވެ.

 (ނުނިމޭ)
ހިޔާލު

ކައްބެ

ވރަށް ރީތި އެކަމަކު މާކުރު