Miee Aa'vahtharehge dustbin eh baa?
image
މަގުމަތީގައި ހުރި ސައިކަލެއްގެ ވަށިގަނޑަށް ކުނި އަޅާފައި -- ފޮޓޯ: ސީއެންއެމް
ގުފްތަގު އަޖީރު
0 ކޮމެންޓް
 

މިއީ އާ ވައްތަރެއްގެ ޑަސްބިނެއް ބާ؟

މާލެއަކީ ތޮއްޖެހި ބާރުވެފައިވާ ތަނެކެވެ. މާލޭގައި ދިރިއުޅޭ "އެންމެން އެއްފަހަރާ" މަގު މައްޗަށް ނުކުމެއްޖެނަމަ، މަގުމަތި ފުރޭނެކަމަށް ދެކޭ ބަޔަކުވެސް އުޅެއެވެ. އެހެން ނަމަވެސް އެންމެން މަގުމައްޗަށް ކުނި އަޅައިފިނަމަ މަގުތައް ވެސް އެއްފަހަރާ ފުރޭނެ ކަމާމެދު ވިސްނާލަނީ ކިތައް މީހުން ބާއެވެ. 
މާލޭ މަގުތަކަށް ކުނި އަޅާ މައްސަލަ ހައްލު ކުރުމަށް ތަފާތު މީހުން ތަފާތު ފޯމިއުލާތައް ނެރުނެވެ. އެގޮތުން ކުނި އަޅާ މީހުންނަށް ފާރަލާން ފުލުހުންނާ ހަވާލުކުރުމާ، ކެމެރާ ހަރުކުރުމާ، ޖޫރިމަނާ ކުރުމުން ފެށިގެން ގޮސް ކުނި އަޅާ މީހުންގެ ނަން އިއުލާނު ކުރާނެ ކަމަށްވެސް އީޕީއޭއާއި ސިޓީ ކައުންސިލް ފަދަ ތަންނަތުން އިއުލާނުކުރިއެވެ. 

ކަން މިހެން އޮއްވާ މާލޭ މަގުމަތިން "އާވަތަރެއްގެ ޑަސްބިނެއް" ލޮލުގައި އަޅައިގަނެއްޖެއެވެ. އެއީ ސައުކަލުތަކުގެ ވަށިގަނޑެވެ. މީއަލަށް ފެށި ކުޅިވަރެއް ނޫންނެވެ. ސައިކަލުތަކުގެ ވަށިގަނޑަށް ކުނި އަޅާ މީހުން އެކަން ކުރަނީ، ފަހަރެއްގައި މަގު މައްޗަށް ކުނި ނާޅަން ކަމަށް ވެދާނެއެވެ. އެހެންވާނަމަ ކުނި އުފުލުމުގެ ޒިންމާ ވަށިގަނޑުލީ ސައިކަލު ގެންގުޅޭ މީހުންނާ ހަވާލުކުރަންވީ ނޫންތޯއެވެ؟ ވަށިގަނޑުލީ ސައިކަލު ގެންގުޅޭ މީހުންނަށް މާލޭ ސިޓީކައުންސިލުން މުސާރަ ދޭން ފަށަންވީ ނޫންތޯއެވެ؟ 



މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭ މަގުތަކަށް ކުނި އަޅާފައި އޮތް މިންވަރު އަންގައި ދިނުމަށް ޓުވީޓެއްވެސް ކުރައްވާފައެވެ. ޓްވީޓު ބަލާލާފައި ލަދުން ބޯ ފަޅައިގެންދާވަރުވެއެވެ. ނިދާފައި ބާ ގޮދަޑި ވެސް އެއްލާލަނީ މަގު މައްޗަށެވެ. ސޯފާ ސެޓުވެސް ނެރި މަގު މައްޗަށް ދޫކޮށްލަނީއެވެ. 



ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ މާލޭ މަގުމަތީގައި ޑަސްބިން ނުބެހެއްޓެނީ އެކަށީގެން ނުވާ މިންވަރަށް އެ ޑަސްބިންތަކަށް ކުނި އަޅާތީކަމަށެވެ. އެގޮތުން ބޮޑެތި ގޮދަޑި ފަދަ ތަކެތި ގެނެސް ޑަސްބިނަށް އެޅުމާ، ކުނިވެފައި ހުންނަ ކާބޯތަކެތި އެޅުންފަދަ ކަންކަން ކުރަމުން ގެންދާތީ ޑަސްބިން ބަހައްޓަން ދަތީ ކަމަށެވެ. އެހެންކަމަށް ވާނަމަ ކޮންމެ ޑަސްބިނަކާއެކު ފުލުހެއް ފޯރި މަރަން ބަހައްޓަންވީ ނޫންތޯއެވެ؟ ނުވަތަ ކޮންމެ ޑަސްބިނަކަށް އަޅުވާފައި ސީސީޓީވީ ކެމެރާއެއް ބަހެއްޓުން ވެސް ބުއްދި ވެރިއެވެ. 

އެކަށީގެން ނުވާ މިންވަރަށް ކުނި އަޅާތީ ޑަސްބިން ނުބަހައްޓާތީ އެކަމުގެ ހުރިހާ ބުރައެއް އުފުލަން މިޖެހެނީ މަގުމަތި ބޭނުންކުރާ އާންމުންނެވެ. 

ކުނީގެ މައްސަލައަށް އޮތް ހައްލަކީ ކޮބާ؟ 

ކުނީގެ މައްސަލަ ދިމާވެފައިވަނީ ހަމައެކަނި މާލެއަކަށް ނޫނެވެ. މިއީ މުޅި ދިވެހި ރާއްޖެއަށް ދިމާވެފައިވާ "ވަބާ" އެކެވެ. ކުނީގެ މައްސަލަ ހައްލު ކުރުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ފަރުދީ ޒިންމާ ނެގުމެވެ. ފަރުދީ ޒިންމާ ނުނެގޭނަމަ ދައުލަތުން އެމީހަކަށް އެކަށީގެންވާ ފަދަ އަދަބެއް ދީގެން ނަމަވެސް ކުނި މެނޭޖު ކުރުމުގެ ކަންކަން ހަރުދަނާކުރުން ވަރަށް މުހިންމެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަަމަށް "ވާރުތަވީ އެއްވެސް ގޮތަކަށް މެނޭޖު ނުކޮށްހުރި ކުނި ގޮނޑުތަކެއްކަމަށް" ފިޝަރީޒް އެންޑް އެންވާރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް ވަނީ ވިދާޅުވެފައެވެ. ކުޑަހުވަދޫ ކުނި މެނޭޖްމެންޓް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވާރަމެންޓް މިނިސްޓަރު ވިދާޅުވީ އާ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ކުނީގެ މައްސަލަ އޮތީ ވަރަށް ވެސް ގޯސް ދަރަޖައަކަށް ގޮސްފައި ކަމަށެވެ. 

ކުނީގެ ސަބަބުން ދިވެހިރާއްޖޭގެ ރަށްރަށުގެ އަތިރިމަތި ގޮނޑުވެ، ފަރުތައް މަރުވެ، ފަތުރުވެރިކަން ވެސް ހަލާކުވެދާނެކަމުގެ ބިރު އަންނަނީ ހީވަމުންނެވެ. ކުނި މެނޭޖު ނުކުރެވިއްޖެނަމަ ފަތުރުވެރިކަމާއެކު މަސްވެރިކަން ވެސް ހަލާކުވާނެއެވެ.
ހިޔާލު