Raajje ah ran vana hoadhaidhin Dheema Asian Hope Tournament ga
image
ޓީޓީ މުބާރާތެއްގެ ތެރެއިން ދީމާ -- ފޮޓޯ: ސޯޝަލް މީޑިއާ
0 ކޮމެންޓް
 

ރާއްޖެއަށް ރަންވަނަ ހޯދައިދިން ދީމާ އޭޝިއާ ހޯޕްސް މުބާރާތުގައި

ޓޭބަލް ޓެނިހުން ރާއްޖެއަށް ރަންވަނަ ހޯދައިދީފައިވާ ފާތިމަތު ދީމާ އަލީ މިހާރު ކުރިއަށްދާ އޭޝިއަން ހޯޕްސް ޓޯނަމެންޓުގައި ރާއްޖެ ތަމްސީކުރާނެ އެވެ. ސިންގަޕޫރުގައި ކުރިއަށްދާ މި މުބާރާތަކީ އޭޝިއާގެ އެންމެ ބޮޑު އެއް ޓޭބަލް ޓެނިސް މުބާރާތެވެ. 
ދީމާ ވަނީ އުމުރުން 11 އަހަރުގައި ރާއްޖެ އަށް ރަންވަނަ ހޯދައިދީފަ އެވެ. އެގޮތުން ސައުތު އޭޝިއަން ޓޭބަލް ޓެނިސް ޓޯނަމަންޓުގެ ރަންވަނަ ދީމާ ހޯދީ މި ސަރަހައްދުގެ އެހެން ގައުމުތަކުގެ މޮޅު ކުޅުންތެރިން ބަލި ކުރުމަށް ފަހުގަ އެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ މުބާރާތުގައި ދީމާ ކުރިމަތިލާން ޖެހޭނީ މުޅި އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިންނާ އެވެ. ދީމާގެ ކޯޗު ޝިއުރީ އިބްރާހިމް ބުނީ ސައުރު އޭޝިއާ ޓޯނަމަންޓަށް ވުރެ ވަރުގަދަ ޕަފޯމަންސެއް ފެނިގެންދާނެ ކަމަށެވެ. 


ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވީ "ރާއްޖޭގެ ސުޕަސްޓާ ދީމާ އޭޝިއާ ހޯޕްސް ޓޯނަމަންޓުގައި މިއަދު ވާދަކުރާނީ އޭޝިއާގެ ހުރިހާ ހިސާބަކުން އެންމެ މޮޅު ކުޅުންތެރިންނާ ދެކޮޅަށް" ކަމަށެވެ. 

ދީމާ އާއި ކޯޗު ޝުރާއު ރާއްޖެ ފަހުރުވެރިވާނެ ފަދަ ކާމިޔާބެއް މި މުބާރާތުން ހޯދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަހްލޫފު ވިދާޅުވި އެވެ. 


އެއްވެސް މެޗަކުން ބަލި ނުވެ ރަން މެޑަލް ހޯދި ދީމާއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް ކުރިން ވަނީ ބައްދަލުކުރައްވާ މަރުހަބާ ވިދާޅުވެފަ އެވެ. 


ދީމާގެ ނަން އެންމެ ފުރަތަމަ މީޑިއާތަކަށް އަރާފައި ވަނީ އުމުރުން އެންމެ 7 އަހަރުގައި ލަންކާގެ ޓޭބަލްޓެނިސް މުބާރާތަކުން ރަން މެޑަލް ހޯދުމުންނެވެ. 

ދީމާގެ މަންމަ ކުރިން ސީއެންއެމް އަށް ކިޔައިދިން ގޮތުގައި ޓޭބަލް ޓެނިހަށް ދީމާގެ ޝައުގުވެރިކަން ލިބުނީ އުމުރުން 5 އަހަރުގައި ފިހާރައަކުން ފެނުނު ރެކެޓެއްގެ ސަބަބުންނެވެ. 

އެއަށްފަހު ދީމާ ވަނީ ރެކެޓު ގަނެ އަމިއްލަ އަށް ގޭގައި ޕްރެކްޓިސްކޮށް، ހުނަރު ތަރައްގީ ކުރުމަށްޓަކައި އިންޑް ޓީޓީ އެކަޑެމީ އަށް ގޮސްފަ އެވެ. މިހާރުވެސް ދީމާ ދަނީ ހުނަރު ތަރައްގީ ކުރުމަށް ގިނަ ތަމްރީންތައް ކުރަމުންނެވެ.
ހިޔާލު