Kulhudhuffushi local market ge 32 golhi ah edhi 60 meehun, guruathulun maadhamaa
image
ކުޅުދުއްފުށި ލޯކަލް މާކެޓް -- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ކުޅުދުއްފުށި ލޯކަލް މާކެޓުގެ 32 ގޮޅިއަށް އެދި 60 މީހުން، ގުރުއަތުލުން މާދަމާ

ކުޅުދުއްފުށި ލޯކަލް މާރުކޭޓުގެ 32 ގޮޅިއަށް އެދި 60 މީހަކު ކުރިމަތިލާފައިވާ ކަމަށާއި، ގޮޅިތަކަށް ގުރުއަތުލުން މާދަމާ އޮންނާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ. 
ކައުންސިލުގެ ރައީސް އަބްދުއްލަތީފް ހަސަން ސީއެންއެމް އަށް ވިދާޅުވީ އެރަށު ހޮސްޕިޓަލު ކައިރީ ގާއިމުކޮށްފައިވާ 32 ގޮޅިއަށް އެދި 60 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެފަރާތްތަކުގެ ތެރެއިން ލޯކަލް މާރުކޭޓުގެ ގޮޅި ލިބޭ މީހުންގެ ގުރު ނެގުން އޮންނާނީ މާދަމާ ރޭ 21:30 ގައި އެރަށު ނޯތު އޮފީސް ކޮމްޕްލެކްސްގައި ކަމަށް ލަތީފް ވިދާޅުވިއެވެ. 

ލަތީފް އިތުރަށް ވިދާޅުވީ އެ ގޮޅިތަކުން ވިއްކާނީ ރާއްޖޭގައި އުފައްދާ ތަފާތު ބާވަތްތަކުގެ ކާނާ ކަމަށެވެ. 

އޮފީސް އަދި ފާހަނާ ބައެއް ވެސް ހިމެނޭހެން އެތަން ހަދާފައިވާއިރު އެތަން އިމާރާތްކޮށް ނިމިފައި ހުންނަތާ އަހަރެއްހާ ދުވަސްވެއްޖެއެވެ. ހޯމް މިނިސްޓްރީން އެރަށުގައި އިމާރާތްކޮށްދިން އެ ލޯކަލް މާރުކޭޓު ހުޅުވުން ލަސްވެފައި ވަނީ މިނިސްޓްރީން ކުރަން ޖެހޭ ބައެއް މަސައްކަތްތައް ނުނިމިގެންނެވެ. އެކަމަކު މިދިޔަ މާޗު މަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުޅުދުއްފުއްޓަށް ވަޑައިގެން އެތަން ރަސްމީކޮށް ހުޅުއްވައިދެއްވިއެވެ.

އޭގެ ދެ މަހެއްހާ ފަހުން ގޮޅި ލިބޭ މީހުންގެ ގުރު ނެގުން ބޭއްވުމަށް ނިންމިއިރު އާންމުން އަންނަނީ ގުރު ނެގުން ލަސްވެގެން ޝަކުވާތައް ކުރަމުންނެވެ.
ހިޔާލު