MIRA medhuverikoh dhaulathah libunu aamdhanee dhahvehje
image
މީރާ: މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ ވަނީ 1.3 ޕަސެންޓް ދަށްވެފައި--ފޮޓޯ: މިހާރު
0 ކޮމެންޓް
 

ފުރަތަމަ ކުއާޓަރުގައި މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 1.3 ޕަސެންޓް ދަށްވެއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައިވަނީ 4.93 ބިލިޔަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މީރާ މެދުވެރިކޮށް ދައުލަތަށް ފަސް ބިލިޔަން ރުފިޔާގެ އާމްދަނީ އެއް ލިބުނެވެ.

އެހެންކަމުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ މީރާ އިން ކުރިން ލަފާކުރި ވަރަށް ވުރެ 3.1 ޕަސެންޓް ދަށްވެފަ އެވެ. މީރާ އިން ބުނީ އާމްދަނީ ދަށްވެފައިވަނީ ބައެއް ފަރާތްތަކުން ޖީއެސްޓީ އާއި ގްރީންޓެކުހުގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓާއި، ބީޕީޓީ ފައިސާ ނުދައްކާތީ ކަމަށެވެ.

އޭގެ އިތުރުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީގެ ތެރޭގައި 194.1 މިލިޔަން ޑޮލަރު ހިމެނޭއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ ޑޮލަރު ލިބުނު ވަރު ވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ 2.8 ޕަސެންޓް ދަށްވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީގެ 47 ޕަސެންޓް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އަދި ދެ ވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ވިޔަފާރި ފައިދާ އިން ނަގާ ބީޕީޓީންނެވެ.
ހިޔާލު