Budget ithurah beynunkuraanama Raeesge huhdha beynunvaagoi hadhaifi
image
ރައީސް ސޯލިހު އަދި ފިނޭންސް މިނިސްޓަރު އަމީރު.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ބަޖެޓް އިތުރަށް ބޭނުންކުރާނަމަ ރައީސްގެ ހުއްދަ ބޭނުންވާގޮތް ހަދައިފި

ބަޖެޓުގައި ސަރުކާރުގެ އޮފީސްތަކަށް ކަނޑައަޅަފައިވާ މިންވަރަށް ވުރެ އިތުރަށް ބޭނުން ކުރަން ޖެހިއްޖެނަމަ، އެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ހުއްދައެއް ބޭނުންވާ ގޮތަށް ހަމަޖައްސައި، އެކަމަށް އުސޫލެއް އެކުލަވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި "ބަޖެޓް ބައިކުރުމާއި އެއް ބައިން އަނެއް ބަޔަކަށް ބަދަލުކުރުމުގެ އުސޫލު"ގައި ބުނެފައިވަނީ ބަޖެޓް ކޮށްފައިވާ ވަރަށް ވުރެ ފަސް ޕަސެންޓް އިތުރަށް ހަރަދު ކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓަރަށް ދެވޭނެ ކަމަށެވެ. އެކަމަކު އެއަށް ވުރެ އިތުރަށް ހަރަދު ކުރަން ޖެހިއްޖެނަމަ އެކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް އެ އުސޫލުގައި ބުނެ އެވެ.

އޭގެ އިތުރުން ބަޖެޓުގައި ހިމެނޭ ޕްރޮޖެކްޓެއްގެ އަގަށް 30 ޕަސެންޓަށް ވުރެ ބޮޑު ބަދަލެއް އަންނަ ނަމަ، އެ ކަމަށް ވެސް ރައީސްގެ ހުއްދަ ލިޔުމަކުން ބޭނުންވާނެ ކަމަށް އާ އުސޫލުގައި ބުނެފައި ވެއެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ މިއަދު އާންމުކުރި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ބަޖެޓާއި އެކުގަ އެވެ. އެހެންކަމުން އާ އުސޫލަށް އަމަލު ކުރަން، އަންނަ އަހަރުގެ ބަޖެޓާއި އެކު ފަށާއިރު، ބަޖެޓް އެކުލަވާލުމުގައި އަންނަ އަހަރު އިދާރާތަކުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އެ އުސޫލުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރުގެ މިނިސްޓްރީ ތަކާއި އެހެނިހެން އިދާރާތަކުގެ ހަރަދުތައް ޕްލޭން ކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަދި ވަކި ހާއްސަ ކަމަކަށް ބަޖެޓް ކުރާ ފައިސާ އެހެން ކަމަކަށް ބޭނުން ނުކުރެވޭނެ ކަމަށް ވެސް އާ އުސޫލުގައި ބުނެފައި ވެއެވެ.

މިހާރު އޮންނަ ގޮތުން ނަމަ އިތުރަށް ބަޖެތް ބޭނުންވާނަމަ އެކަމަށް ރައީސްގެ ހާއްސަ ހުއްދައެއް ބޭނުމެއް ނުވެ އެވެ. އަދި ބަޖެޓް ކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ހަރަދު ކުރުމުގެ ފުރުސަތު ވެސް މިހާރު އޮންނަ ގޮތުން ފަސޭހަ އެވެ.
ހިޔާލު