Kuru Vaahaka: Mamma
image
ޝަހްޒާ މުހައްމަދު
1 ކޮމެންޓް
 

ކުރު ވާހަކަ: މަންމަ

"ދަރިފުޅު،  ތިސޯޓުލައިގެން ނީންނައްޗޭ ، އިރުކޮޅަކުން ބައްޕަގެ ރައްޓެއްސެއް އެބައާދެއޭ ބައްޕަ ބުނި"
ސިޓިންރޫމުގެ ސޯފާގައި ދެފައި ނަގައިގެން އިން ސޯޅަ އަހަރުގެ ނޯޔާގެ މޫނުމަތީގައި ހީވީ އެއްޗަކުން ޖެހިހެންނެވެ. މޫނު ކުނިކޮށްލާފައި އުނގުގައި އޮތް ކުޝަން ސޯފާމައްޗައް ޖަހާފައި ތެދުވެގެން ދިޔައީ ކުދިކިޔަމުންނެވެ.

"ދުވަހަކު މަންމައަށް ކަމަކު ނުދާނެ، އަޅެ ގޭތެރޭގަ އުޅެވޭތަ ފުލްކިޓްގަ"

ނޯޔާ ގޮސް ކޮޓަރިއަށް ވަންއިރު ނުޒުހާ ހުރީ އޭނާގެ މޫނުމަތިން ފާޅުވި ހުރިހާ ކުލައެއްބަލާށެވެ. ނުޒުހާ މާނޭވާއެއް ބޭރުކޮށްލިއެވެ. ނުޒުހާއަކީ ޓީޗަރެއްގެ އިތުރުން ލިޔުންތެރިއެވެ. ނުޒުހާ އިނީ އޭނާގެ ބްލޮގްގައި ލިޔާނެ އާ އެއްޗަކާއި މެދު ވިސްނަން ލެޕްޓޮގެ ސްކްރީނަށް ނަޒަރު ހުއްޓައިގެންނެވެ. ދަރިފުޅުގާތުގައި ބުނެވުނު ކުޑައެއްޗެއްގެ ސަބަބުން އޭނާ ހެދިގޮތުން ނުޒުހާ އަށް ލިޔަންވީ އެއްޗެއް ވިސްނުނެވެ. ނުޒުހާ ޓައިޕްކުރަން ފެށިވެ.

" ލޯބިވާ މަންމާއެވެ. މިއަދު މަންމަގެ އަގު ވަރަށްރަނގަޅަށް ވަޒަންކުރެވެއެވެ. މަންމާއެވެ. މަންމަ ދުނިޔޭގައި ހުރިނަމަ ބުނަންބޭނުން އެތައް ވާހަކައެއް އެބަހުއްޓެވެ. މަންމާއެވެ. މަންމަ ހިތުގައި ޖެހޭފަދަ ކަމެއްކުރެވިފައިވާނަމަ މަޢާފުކުރައްޗެވެ. މަންމަ ކޮށްދިން ކަންތައްތައް ދުވަހަކުވެސް ހިތަކުން ނުފިލާނެއެވެ.

އެންމެ ދުރުހަނދާނަކަށް ހުންނަނީ މަންމަ ހެނދުނުގެ ނާސްތާއަށް ތައްޔާރުކޮށްދޭ ހަނދާނެވެ. މަންމަ ރޮށިދަމާއިރު ކައިރީގައި ކުޑަފުށްފޮޅަކުން ރޮށިދަމަން އިނދެފަައި ފުށްކޮޅު ހަޑިވެގެން ކިތަންމެ ބޮޑާހޭކިޔަސް މަންމަހިނިތުންވެފައި އަނެއްކާވެސް ފުށްކޮޅެއްދެއެވެ. އެދުވަހު އެހެން ނުހެދިނަމަ އަހަންނަށް އެހާކުޑައިރު ރޮށިދަމަން ދަހެއްނުވީހެވެ. އެންމެންނަށް ރޮށިފިހެ ކާންހެދިއަސް އަހަންނަށް ވަކިން ބިންބިފުށް ކައްކާދެނީ އެ އަހަންނަށް މިރުވީމައެވެ. ބިންބި ފުނޑާފައި ތުނި ހުދުފޮތިކޮޅެއްގަ ފުރާނާފައި ކައްކައިދެނީ ކިހާލޯބިން ކަމެއް އަދި އެއީ ކޮންމެ ދުވަހަކު ކުރަން ކިހާ ބުރަކަމެއްކަމެއް އަހަންނަކަށް ނުވިސްނެއެވެ. ނަމަވެސް އެންމެތުއްތު އިރުންފެށިގެން އެކަން އެގޮތައް އެތައްދުވަހެއްވަންދެން ކުރިހަނދާން އަހަރެންވެއެވެ. އަދިވެސް ބިންބި ފުށްރަހަ އަރުތެރޭގައި ދޭކަހަލެވެ. މަންމާއެވެ. އެންމެ ފަަރަކު ވެސް ޝުކުރިއްޔާއޭވެސެ ނުބުނެވުނެވެ.  

މަންމާ އެވެ. ކިތައްރޭގެ ނިދި ނަގާލާފައި އަހަރެންގެ ޚިދުމަތުގަ ހުރިންހެއްޔެވެ. އަދިވެސް ހަނދާންހުރެއެވެ. ދުވާލު ހަތަރުދަމު ބުރަކޮށް މަސައްކަތްކޮށްފަވެސް އަހަރެން ކިތަންމެލަހުން ނިދިޔަސް ނިދަންދެން އުނދޯލި ހެއްލަދީގެން ލަވަ ކިޔާދެން އިންނަމެއްނޫންހެއްޔެވެ. މަންމަ އެންމެގިނައިން ކިޔައިދިން މަދަހަ " ފަށަމެއިސްމަފުޅު..." އާއި" ނިޢުމަތް އެ ހޯއްދެވީމީ..." ފަދަ މަދަހަތައް އަދިވެސް އަހަރެންގެ ހިތުގެ އެންމެ އަޑީގައި ބިންވަޅުނެގިފައިވެއެވެ. " ދޯބަދަން"  "ކަޓީ ޕަތަންގ" "އަބީމާން" ފަދަ ފިލްމުތަކުގެ ހިންދީ ރީތިލަވަތައް އަދިވެސް ހަނދާންވެއެވެ. މަންމައަށް ނޭނގުނު ނަމަވެސް އެމަދަހަތަކާއި ލަވަތަކަކީ އަހަރެންގެ އެންމެ ފުން އިހްސާސްތަކާއި ކުޅެލާ ހަނދާންތެކެވެ. އެންމެފަހަރަކު އެވާހަކަ މަންމަގާތު ބުނެލެވުނުނަމައޭ ހިތަށް އަރައެވެ.   

އަހަރެން ކުޑައިރު އެހެންކުދިންނާއި އެންމެ ތަފާތުވަނީ ލާފައިހުންނަ ކުލަކުލައިގެ ރީތިހެދުންތަކެވެ. މަންމަ އެހެދުންތައް ފަހާދިނީ ކިހާލޯބިންކަމެއް އެއިރު ނުވިސްނުނަސް މިހާރުއެނގެއެވެ. މަންމަ ފަހާއިރު ކައިރީގަ ބަލަންނީންނަމަ އަހަންނަށް ފަހަންދަހެއްނުވީހެވެ. މަންމަގެ ހުނަރަށް އެއްފަހަރުވެސް ތައުރީފު ކޮށްލެވުނުނަމައޭ ހިތައްއަރައެވެ. އެއްފަހަަރަކު ބޮޑުއީދަށް މަންމަ ފަހައިދިން ހަތަރުކުލައިގެ ހަތަރު ހެދުން އަދިވެސް ހަނދާންވެއެވެ. އެއިރު އަހަރެންގެ އުމުރުން ބާރަވަރަކަށް އަހަރުވެދާނެއެވެ. އެތަނުން ދަނބުކުލައިގެ ގޮޅިޖެހި ފޮތީގައި ހުދުކުލައިގެ ރިބަން އަޅާފައި ފެހި މިޑީ އަހަންނަށް ތަންކޮޅެއް ދިގުވެގެން ކަމުނުގޮސްގެން ރުއިހަނދާންވެއެވެ. މަންމަ އެހެދުން ފަހާދިނީ އަހަރެންގެ އުމުރާއު ގުޅޭގޮތަށް ކަމެއް އަހަންނަކަށް ނުވިސްނުނެވެ. އެހެދުން މަންމައަށް ވަރަށްރީތިވިއެވެ. ނަމަވެސް އަހަންނަށް ކަމުނުދިޔައީތީ އެދުވަހު ހިނގާލަންވެސް ނުދިޔައީއެެވެ. އަހަރެން ބޮޑާހޭކިގޮތުން މަންމަދެރަވި މަންޒަރު އަދިވެސް ހިތައްސިފަވެއެވެ. އެދުވަހު އަހަންނަށް ވިސްނުނުނަމައެވެ.

މަންމާއެެވެ. މަންމަައަކީ އަހަންނަށްޓަކާ އެތައް ގުރުބާނީއެެއްވި ހިއްވަރުގަދަ ކަނބަލެކެވެ. ވަރަށް ކުޑައިރު ހިނގި އެންމެ ހާދިސާއަކުންވެސް އެކަން ވަރަށްރަނގަޅަށް ސާބިތުވެއެވެ. އެއިރު އަހަންނަށްވާނީ ފަސްވަރަކަށްއަހަރެވެ.  މަންމައިނީ  ކޮއްކޮ ވިހަންކައިރިވެފައެވެ. ބޮޑު ބަނޑުގެ ސަބަބުން ހެލިފެލިވާން އުނދަަގޫވާހިސާބުގައެވެ. އެދުވަހު އަހަރެން މަންމައާއި އެކު ގިފިލީގައި ހުރެފައި ،މަންމަ އެއްޗެހި ފެންލާން ހުއްޓާ އަމިއްލައަށް ފެންވަރަން ވެގެން ވަޅަށް ދާނިގަންބާލިތަނާ، މާބަރުވެގެން އަހަންނަށް ނުހިފެހެއްްޓި ދާންޏާއި އެކު ވަޅަށް ވެއްޓުނީ ބިރުވެރި ގޮތަކަށެވެ. ދާނި ބިންދައިގެންްގޮސް ދަނޑީގެ ކޮޅު އަހަރެންގެ ވައަތު ބުމަޔަށް ހެރުނެވެ. ވަޅުގެ ފެންގަނޑު އަހަރެންގެ އިސްކޮޅަށް ވުރެ ފުނެވެ.  ސިކުންތުކޮޅެއްގެ ތެރޭގައި ބޮވެމުންދިޔަފެނާއި އެކު ނޭވާހުސްވަމުން ދިޔަކަމުގެ އިހުސާސްކުރެވުނެވެ. ކުއްލިއަކަށް ބަލަންނުހުރެ މަންމަ ބޮޑު ބަނޑާއިއެކު ޖެހިލުމެއްނެތި ވަޅަށް ފުންމާލައި އަހަރެންގެ ފުރާނަ ސަލާމަތް ނުކުރިނަމަ އެދުވަހަކީ އަހަރެންގެ ހަޔާތުގެ ފަހުދުވަސްކަމުގައި ވެސް ވެދާނެއެވެ. އެއީ ކޮންފަދަބޮޑު ގުރުބާނީއެއްހެއްޔެވެ. އެހީއަށްއެދެން ވަގުތު ބޭކާރުނުކޮށް އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެ އަހަަރެން ސަލާމަތްކުރީ ކިހާމަތިވެރި ކުލުނެއްގެ ސަބަބުންހެއްޔެވެ. މަންމާއެވެ. އެއްފަަހަރުވެސް ޝުކުރު އަދާކޮއްލެވުނުނަމެއެވެ.

މަންމަ އަހަންނަށް ކަންތައްތައް މަނާކުރީ އަހަރެނަށް ރަނގަޅަކަށްކަަން އެއިރު ނުވިސްނެއެވެ. އެއްވެސް ކުއްޖަކަށް ބޮޑުވެގެން އަންނައިރު އެކަމެއްނުވިސްނެއެވެ. މަންމަމެންގެ ޒަމާނުގައި ތަރުބިއްޔަތުކުރުމުގެ ގޮތްތައް ތަފާތުނަމަވެސް އެހުރިހާކަމެއްކުރީ ހަމަ ލޯބިން، ރަނގަޅުގޮތުގަ ތަރުބިއްޔަތު ކުރަންކަމެއް އެއިރު ނުވިސްނެއެވެ. ބޭރަށްދިއުން މަނާކުރުމުން ރުޅިއާދަވެއެވެ. ހިންހަމަނުޖެހި ދެރަވެއެވެ. ނަމަވެސް  މަންމަ އެގޮތަށް ކަންތައްކުރީ ބޭރަށް ގޮސް ގޯސްމަގަކުން ހިނގައިދާނެތީއެވެ. މިނިވަންކަމަށް ހުރަސްއަޅާކަށްނޫނެވެ. އެއްދުވަހު ކުދިބަޔާއެކު ގޮސް، ގެއެއްގެ ކުންނާރު ގަހަކުން ކުއްނާރުބިންކަން މަންމައަށް އެނގިގެން އަތުގައި އިލޮށިފަތިން ބޮޑިއެއް އެޅިއެވެ. ވީ ދިލަހޫނު ތަދުގެ ސަބަބުން އެކަން ދުވަހަކުވެސް ހަނދާނުންފޮހެވިގެންނުދެއެވެ. އެދުވަހަށްފަހު ދުވަހަކުވެސް އެހެންގެއެއްގައި އޮތްއެއްޗެއްގައި އެގޭމީހުންގެ ހުއްދައާއި ނުލައި އިނގިލިކުރިވެސް ޖައްސާލަންނުކެރެއެވެ. އެހެން ނުހެދި ނަމަ ފަހަރުގަ އެއަށްވުރެ ބޮޑެތި ސިއްރުކަންތައްކުރެވުން ވެސް އެކަށީގެންވެއެވެ. އަދަބުދީގެން ވެސް ރަނގަޅު އަޚްލާގު ދަސްކޮށްދިނީތީ މަންމައަށް ޝުކުރުއަދާކުރަން މިއަދު ބޭނުމެވެ. ނަމަވެސް މިހާރު ވަރަށްލަސްވެއްޖެއެވެ.

މަންމާއެވެ. ކިޔެވުމަށްޓަކައި ރަށުން ފުރައިގެން މަންމައާއި ވަކިން މާލެއައި ދުވަހަކީ ހަޔާތުގެ އެންމެހިތާމަވެރި އެއްދުވަހެވެ. ނުރުއިނަމަވެސް ކަރުބުޑުގައި އެއްޗެއްތާށިވެފައި ހުރިކަލައެވެ. ފަހުވަގުތު މަންމަގެ މޫނަށް ބަލާލެވުނުއިރު މަންމަހުރީއަސަރުންފުރިގެންވާ ހިނިތުންވުމެއްގައެވެ. އެހިނިތުންވުން އެއިރު މާނަނުކުރެވުނުނަމަވެސް މިހާރު ސިފަވަނީ އެއީ އުއްމީދުގެ ހިނިތުންވުމެއްކަމުގައެވެ. އަހަރެން ކިޔަވައިގެން މޮޅުމީހަކަށްވާން މަންމަކުރި ފޮނިއުންމީދެވެ. ކިޔެވުމަށްހޭދަކުރި ދުވަސްތަކުގައި މަންމަމަތިން ވަރަށް ހަނދާންވިއެވެ. މަންމަގެ އަތުންކައްކާ މީރުކާއެއްޗެއްސެވެ. ކޮންމެރެއަކު އަހަރެން ނިދަން އޮށޯތުމުން ބޮލުގަ މާފިރުމާލާ ފިރުމުމެވެ. އަމިއްލައަށް މަސައްކަތް ކުރަންެފެށުމުން އެހުރިހާ ދުވަހު މަންމަ ކޮށްދިން މަސައްކަތް ހާދަ ހަނދާނެއްވިއެވެ.

ކިޔަވައިނިމިގެން އަހަރެން މީހަކާ އިންނަން އުޅެގަތް ހިސާބު އެއީ މަންމައާއި ދިމާއަށް ކަނޑިއުފުލާލެވުނުކަމެކެެވެ. އެހާއަވަހަށް މީހަކާއިންނަން މަންމަ ބޭނުންނުވީ އަހަންނާއި މެދު ދެކެމުންއައި ހުވަފެންތަކެއްހުރުމުންކަން، އަސްލުގަ އެދުވަހު އިހުސާސްނުވިއެވެ. އަހަންނަށް ދެރައެއްލިބިދާނެތީ ކަންބޮޑުވެގެންކަން ނޭނގުނެވެ. ނަމަވެސް މަންމަގެ ނުރުހުމުގަވެސް އެކަންކުރުމުން ވެސް ދެންވެސް މަންމައަހަންނަށް މައާފުކުރީމުއެވެ. ދިމާވި ހުރިހާ ދަތިތަކެއްގައި އެންމެގާތުގައި ހުރެ އެހީވެދިނީމުއެވެ.  

ފުރަތަމަ ދަރިފުޅު ވިހެއިދުވަހަކީ މަންމަގެ އަގު ފުރަތަމަފަހަރަށް ވަޒަންކުރެވުނުދުވަހެވެ. ވިހާކޮޓަރީގައި ގަދަވޭނުގައި އޮތްއިރު އަހަރެންގެ އެތްއަތުގައި ހިފަހައްޓާލައިގެން އަނެއްއަތުން ފިރުމާލަފިރުމާލާ ވަރުބަލިކަމެއްނެތި ހުރީ ލޯބިވާމަންއެވެ. އެވަގުތު މަންމަގެ ގައިގާ ބައްދާލާފައި ޝުކުރުއަދާކުރަން ވެސް ބޭނުންވިއެވެ. ދަރިއަކު ދުނިޔެއަށް ގެނައުމަކީ ކިހާބޮޑު ވޭނެއްކަން އެނގުނީ އެދުވަހުއެވެ. އަހަރެންގެ މަންމަވެސް އެހުރިހާވޭނެއްއުފުލިއެވެ. އެވަރުން ނުފުދެއެެވެ. ގެންގުޅެބޮޑުކޮށް ޚުދުއަހަރެން ވެސް މަންމައަކަށްވީދުވަހުވެސް އެންމެގާތުގަ އެންމެ ހިނދުކޮޅަަކަށްވެސް ދުރަށްނުގޮސް ހުރީއެެވެ.  

އަހަރެން ޓީޗިންގ ކޯސް ހަދަން ފެށިއިރު ކުޑަދަރިއަކުއޮތެވެ. ކިޔަވުމުގެ މުހިންމުކަން ވިސްނި ކިޔަވަންފެށީ އެދަރިފުޅުގެ ކުރިމަގާއިމެދުވިސްނާފައެވެ. ގެއާއި ގޯއްޗާއި އާއިލާގެއެހެން މެންބަރުން ދޫކޮށް ކަމާއިކަންފަށާފައި އައިސް އަހަރެން ކިޔަވާ ނިމެންދެން ދަރިފުޅުފުބާލާދޭން އިނީ މަންމަހިތުން ރުހުމުން، ލޮލުން ބޮލުންއެދިގެންނެވެ. އެބޮޑު ގުރުބާނީވެގެން އަހަންނަށް އެހީނުވިނަމަ މިއަދު އަހަރެން މިހުރި މަގާމުގައި ނުހުރެވުނީހެވެ. މިއަދު އަހަންނަކީ އެތައްދަރިންނެއް ތަރުބިއްޔަތު  ކުރަންޖެހިފައިވާ ބޮޑު ޒިންމާއެއްއަދާކުރާ މީހެކެވެ. މަންމަގެ އަގުހުރި ފިލާވަޅުތަކާއި އެހީތެރިކަން ނުލިބުނުނަމަ އަހަންނަކީ އެއްވެސް މީހަކަށްނުވެވުނީހެވެ.

މަންމާއެވެ. ކުދިކުދި ކަންކަމުންފެށިގެން ބޮޑެތިކަންކަމާއި ހަމައަށް ވެސް މަންމަގެ އެހީތެރިކަމާއި ލޯތްބަކީ އަގުކުރެވޭނެ އެއްޗެއްނޫނެވެ. މަންމައަށް އަދާކުރަންބޭނުންވާ ކޮންމެ ޝުކުރަކަށް މަލެއްހަދިޔާކުރާނަމަ ދުނިޔޭގެ ހުރިހާބަގީޗާއެއްވެސް ހުސްވާހާވާނެއެވެ. ނަމަވެސް އެޝުކުރު އަދާކުރުމުގެ ފުރުސަތު އަހަންނަކަށްނުލިބުނެވެ. މަންމަ ވަކިވީ ކުއްލިގޮތަކަށެވެ. އެފަދަކަމަކަށް އަހަރެން ތައްޔާރުނުވެ ހުއްޓައެވެ. މަންމަހިތުގަ ޖެހޭފަދަ ކަންކަން ކުރެވުނެވެ. އެއްޗެހި ބުނެވުނެވެ. އެއީ ކޮންމެ މީހަކަށްވެސް އަންނާނެދުވަހެއްކަން އެނގޭއިރު ތައްޔާރުވެވުނުނަމައޭ ހިތައްއަރައެވެ. އަމަލާއި ބަހުން މައްމަދެކެ ލޯބިވާމިންވަރު ހާމަކުރެވުނުނަމައޭ ހިތަށްއަރައެވެ. "

ނުޒުހާ، ލިޔުން އަޕްލޯޑް ކޮށްލުމަށްފަހު ލެޕްޓޮޕް ނިއްވާލުމުގެ ކުރިން ފޭސްބުކް ޗެކްކޮށްލިއެވެ. މުޅި ފީޑް ފުރިފައިވަނީ 'މަދަރސްޑޭ' ގެ ތަހުނިޔާތަކާއި ސެލްފީތަކުންނެވެ. އެންމެ ހައިރާންވީ ނޯޔާ ލާފައިވާ ފޮޓޯފެނުމުންނެވެ. އެފޮޓޯ ނެގި އިރެއްވެސް އޭނާ ހަނދާނެއްނެތެވެ. ނޯޔާ ހަތަރުކަޅި ހަމަކޮށް ރީތިކޮށް ވާހަކަދެެއްކި ދުވަހެއްވެސް މިފަހަކުން ނާދެއެވެ. ނުޒުހާއަށް ބުނެވޭ އެއްޗެއްސާއި ކުރެވޭ ކަންތައްތަކުން ނޯޔާ ހުންނަނީ އަބަދު މޫނުހަދާފައެވެ. " ހެޕީ މަދަރސްޑޭ، ބެސްޓް މޮމް" ހެޕީ ފޭސް އަކާއެކު ޖަހާފައި އޮތުމުން ނުޒުހާ ގާތަށް ހިނިއައެވެ. ވީއުފަލަށްވުރެ އެކަން މަޖާވެފައެވެ. މިޒަމާނު ކުދިންނަށް ހީވަނީ މަންމައިންގެ ދުވަހު ފޮޓޯއެއްލެވުމުން އެއީ މަންމައަށް އަދާކޮށްދޭންޖެހޭ ހުރިހާ ހައްގެއްއަދާކުރެވުނީކަމުގައެވެ. ކުރިމަތީގައި މަންމައާއި ލޯބިން ވާހަކަދައްކާނުލެވުނަސް، އަބަދު މަންމަދެކެ ހިންހަމަނުޖެހިފަތިއްބަސް ހެވެވެ. ނުޒުހާ ހިތައްއެރިއެވެ. މިގޮތަށްވެސް އިހުސާސް ފާޅުކުރިތީ އޭނާގެ ދަރިފުޅުރަނގަޅެވެ. އަދި އެދަރިފުޅަށްވެސް ވިސްނޭނެއެވެ. މަންމަގެ އަގުވަޒަންކުރެވޭނެއެވެ.  

-ނިމުނީ-  
ހިޔާލު

ކާފަ

ވަރަތް ކުރު