Vaahaka: Mivaadhu
image
މިވާދު--
ފަތުހުﷲ އަހުމަދު
0 ކޮމެންޓް
 

ވާހަކަ: މިވާދު

(8 ވަނަ ބައި)
"ހެޔޮހާލުގައި ކަލާ ތިހެން ހިނިތުން ވެފައި ހުރޭ" ފޯނު ނަގައި ކަންފަތުގައި ޖައްސައިލީމެވެ. "ސާދާ ލޮލާއި ދެ ތުންފަތާ ފެނުނަސް މި ހިތްފުރޭ"

"ސާބަސް" އަޒީމާ ހޭން ފެށިއެވެ. "ތިޔައީ ހިތުގެ އެންމެ ފުނުން ނުކުންނަ ލަފުޒު ތަކެއްތަ؟"

"އަޒީ ހީކުރަނީ އަހަރެން މި ވަނީ ގިރިޓީ ލޯތްބެއް ކަމަށްތަ؟" އެނދުގައި އޮށޯވެލަމުން އަހަރެން ހަމަޖެހިލީމެވެ. "ލޯތްބަކީ އޭގެ ޒާތުގައި އިހުސާސްތަކެއް. ޖަޒުބާތުތަކެއް. އެއީ ފިޠުރީ ގޮވުމަކުން އުފަންވާ ކުލުނެއް"

"ތިބުނީ؟" އަޒީމާ ސުވާލުކޮށްލީ އަހަންނަށެވެ.

"މި ބުނީ އެ ދުވަހު އަޒީމާގެ މިވާދެއް އަހަންނަށް ލިބުނުކަން އެއީ އަހަރެންގެ ނަސީބޭ. ފުރަތަމަ ވިސްނުނީ އެއީ ބަދުނަސީބެއްކަމަށް" ހަމަޖެހިލައިގެން ވާހަކަ ފެށީމެވެ. "ނޫސްވެރިއަކަށްވީތީ އެތައް ބަޔަކާ ބައްދަލުވޭ. އެތައް ބަޔެއްގެ އިހުސާސްތަކާއި އެމީހުންގެ ހަޔާތުނާމާތައް އަޑު އެހޭ. އަނެއްކާ އަހަރެން ނޫހުގައި ލިޔަމުން މި ދަނީ މީހުންގެ ހަޔާތުގެ ވާހަކަތައް. ކޮލަމެއް ހަދައިގެން މި ލިޔަނީ މީހުންގެ ކާމިޔާބީތައް. އެމީހުން އެހައި ހިސާބަށް ދިޔުމަށް ކުރި ދަތުރުގެ ވާހަކަ"

"ދެން އަހަންނަކީ ތި ކަހަލަ މީހެއްތަ؟" އަޒީމާގެ ސުވާލު ވެއްޓުނީ އަހަރެންގެ ކަންފަތަށެވެ.

އެ ވަގުތު ހަނދާނުގެ ލެންސު ފުންމައިލީ ސީދާ އަޒީމާއާއެކު ދެކެވުނު ވާހަކަތަކަށެވެ. ރަސްމީ ހައިސިއްޔަތުން ރަސްމީ ހެދުމުގައި ކުރެވުނު ތަޖުރިބާތަކަށެވެ.

"އަޅުގަނޑު މިއީ ކުރީން މީހުންނަށް އެޕޮއިންޓްމަންޓް ދީ އުޅޭ މީހެއް ނޫން" އަޒީމާގެ ރަސްމީ ރާގުގައި ވާހަކަދެއްކިއެވެ. "ނަމަވެސް، ނޫހުގައި އިސްމާއިލް ލިޔަމުންދާ ކޮލަމު، 'މިވާދު' އެއީ މުޅި ރާއްޖޭގައި ވެސް ނަން ހިނގާ ކޮލަމަކަށް ވެއްޖެ. އަހަރެންގެ ވެސް މަގުސަދެއް އެބައޮތް. ބޭނުމެއް އެބައޮތް. އިސްވެ މި ކޮލަމުގައި އަހަރެންގެ ވާހަކަ ޖެހުމަށް ހުށަހެޅީ ވެސް އެހެންވީމަ. އަސްލު އިއްސެގެ ކޮލަމަށް އެރޭތޯ"

"އަޅުގަނޑުގެ ކޮލަމަށް ޝައުގުވެރިވި ކަމަށް ޓަކައި ޝުކުރު އަދާކުރަން. އަދި އަޅުގަނޑަކީ ވެސް މި ދާއިރާއަށް ވަރަށް އާ މީހެއް. މަސައްކަތް މި ކުރަނީ ކިޔުންތެރިން ގަޔާވާ ކަހަލަ ކޮލަމެއް އުފެއްދޭތޯ. އަޒީމާ ކަހަލަ ރާއްޖެއަށް މަޝްހޫރު ކަނބަލެއްގެ ހަޔާތުނާމާ ހިއްސާކޮށްދެއްވާ ކަމަށް ޓަކައި ވަރަށް އުފާކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ" އަޒީމާއާ ދިމާއަށް އަހަރެން ބަލައިލީމެވެ. އޭނާމެ މޫނުމަތިން ފެންނަމުން ދިޔައީ މުޅީން ތަފާތު މަންޒަރެކެވެ.

ހަޔާތުގެ ވާހަކަ ކިޔައިދިނުމަށް ވުރެ ބޮޑަށް އޭނާ ބޭނުންވަނީ އެހެން ކަމެއްކަން އަހަންނަށް ދޭހަވާން ފެށިއެވެ. އޭނާގެ ހަރަކާތް ތަކުން އެކަން ޔަގީން ކުރެވެން ފެށުނެވެ. އަޒީމާގެ ކޯޓުގެ އެންމެ މަތީ ދެގޮށުގައި ޝަހާދަތް އިނގިއްޔާއި މެދު އިނގިލި ޖައްސައިލިއެވެ.

"ސޮރީ. އަހަރެން ބޭނުންމެއް ނޫން" އަޒީމާގެ މަގުސަދު އަހަރެންގެ ކުރިމަތީގައި ފިލްމެއް ފަދައިން ކުޅުނު ތަން ފެނިފައި ދެކޮޅު ހެދީމެވެ.  

"ހާދަ ބިރެއް ތިޔަ ގަންނަނީ. އިއްސެ އަދި މާ އާވީމަ ވާގޮތެއް ތީ. ފުރުސަތުގެ ބޭނުން ކުރާން ދަސްކުރާންވާނެ" އަޒީމާ އައިސް އަހަރެންގެ ފުރަގަހުން ބުރަކަށީގައި ފިރުމައިލިއެވެ.

"މިއީ އޮފީސް. އަހަރެން މިއައީ ރަސްމީ މަސައްކަތެއް ކުރަން" އަހަރެން ކޮޅަށް ތެދުވީމެވެ.

"ކޮންތާކަށް ދަނީ؟" އަޒީމާ އަހަރެންގެ އަތުގައި ހިފިއެވެ. "އޮފީހަސް ގެޔަސް، ވާނީ އެއްގޮތެއް"

"ސޮރީ" އަހަރެން ގާތަށް ރުޅި އާދެވުނެވެ. "ވަރަށް ބޮޑަށް ސޮރީ. އަހަރެން މީ ތި ހީކުރާ ކަހަލަ ޗީޕް މީހެއް ނޫން"

އަޒީމާގެ އަތްފޮޅުވާލީމެވެ. ބޭރަށް ނުކުންނަށް އަހަރެން ހިނގައިގަތީމެވެ.

"ދޭ. މިތަނުންދޭ. މިތަނުން ގޮސްގެން ލިބޭނެ މޮޅެއް ހޯދަންދޭ. ނަސީބަށް ފުރަގަސްދީގެ ހޯދޭނެ މަންފާއެއް ނެތް. ފުރުސަތު ލޮލުގެ ކުރިމައްޗަށް ތިލަވީމަ ނުބަލަންޏާ ދޭ. ދުވެފައިދޭ" އަޒީމާ ބާރުބާރަށް ހަޅޭއްލަވާ ގަތެވެ.

އަހަރެން ފަސް އެނބުރި ބަލައި ވެސް ނުލަމެވެ. ހިނގައިގަތީއެވެ. ލިފްޓުގައި ހުރި އިރު ވެސް އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. ދިވެހީންގެ ތެރޭގައި ވެސް ހާދަ ޒާތްޒާތުގެ މީހުން ތިބޭތާއެވެ. ޖަންގަލީގައި ހުންނަ ބޮޑެތި، ބިޔަ ގަސްގަހުގައި ވެސް ކޫޑި އަޅާނީތާއޭ ބުނެލެވުނެވެ.

ލިފްޓު ހުޅުވާލެވުނެވެ. ލިފްޓުގައި ތިބި އެންމެން އެކުގައި ބޭރަށް ނުކުންނަށް އުޅެގަތެވެ. ނަމަވެސް، އެކަކަށް ވެސް ބޭރަކަށް ނުނިކުމެވުނެވެ. އަހަންނަށް ބަލައިލެވުނީ ލިފްޓުގައިވާ ނަންބަރަށެވެ. ހަތް ފަންގިފިލާގެ އެ އިމާރާތުގެ އެންމެ ތިރިއަށް އާދެވުނުކަމަށް ނަންބަރު ބޯޑުން ދައްކައެވެ. 

ލިފްޓުން ފަހަރަކު މީހަކަށް ނުކުންނަމުން ދިޔައެވެ. ހީވަނީ މީހެއްގެ އަމުރަށް ނުކުންނަހެންނެވެ. އަހަންނަށް ހުރެވުނީ ލިފްޓުގެ އެންމެ ފަހަތުގައެވެ. މީހުން މަދުވުމުން ވާނުވާ ސާފުވާން ފެށިއެވެ. ހީކުރެވުނީ ހަމަ ރަނގަޅަށެވެ. ލިފްޓުން މީހުން ނެރެމުން ދިޔައީ ފުލުހުންގެ އިރުޝާދާއެއް ގޮތަށެވެ. ފުލުހުން ހޯދަމުން ދިޔައީ އަހަންނެވެ. ބޮލުގައި ރިއްސާލިއެވެ. އަޒީމާގެ ދަންތުރާގައި ޖެހުނީ ކަމަށް ހިތްބުނެލިއެވެ.

ސުވާލެއް ނެތި އަހަރެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އަހަރެން ދިފާއުގައި ވާހަކަދެއްކުމަށް މަސައްކަތް ކުރީމެވެ. ނަމަވެސް، ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެގޮތުގައި ތިން ދުވަސް ފާއިތުވިއެވެ. ވާނުވާއެއް ނޭނގިއެވެ. ތުހުމަތު ކުރެވެނީ ކޮން ކަމެއްގައި ކަން ސާފެއް ނުވެއެވެ. ކުރި މަސައްކަތުން އެނގުނުހާ ވެސް ކަމަކީ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ކަމެވެ.

އަހަރެން ކުރީ ކޮން ވައްކަމެއްތޯ ސުވާލުކުރުމުން ފުލުހުން ދެއްކީ އަތުގައި އޮތް ދަބަހުގައި އޮތް ސިޓީ އުރައެކެވެ. އެއީ އަހަރެން ދަންނަ ސިޓީ އުރައެއް ނޫންކަމަށް ބުނެދިނީމެވެ. އަދި އޭގައި ވަނީ ކޮން އެއްޗެއްކަން އަހަންނަށް ސާފު ނުވާކަމަށް ބުނެދިނީމެވެ. އަހަރެންގެ ކުރިމަތީގައި އެ ސިޓީ އުރަ ކަނޑައިލިއެވެ. ފަންސާސް ހާސް ދިވެހި ރުފިޔާ އަހަރެންގެ ކުރިމަތީގައި އަތުރައިލިއެވެ.

އަހަރެން އިންކާރު ކުރީމެވެ. އޭގައި އަހަރެންގެ އިނގިލީގެ ނިޝާން ހުރިތޯ ޗެކު ކުރުމަށް ބުނެދިނީމެވެ. އަހަރެންގެ އެއްވެސް ނިޝާނެއް ހުރިތޯ ބެލުމަށް އާދޭސްކުރީމެވެ. ގާނޫނުން އަހަންނަށް ލިބިދީފައިވާ ހައްގުތައް ހޯދައިދެއްވުމަށް އެދި އާދޭސްކުރީމެވެ. ކުޑަމިނުން ވަކީލެއްގެ އެހީތެރިކަމަށް އެދުނީމެވެ.

އެ ކަމުގައި އަހަންނަށް އެހީތެރިވީ ޒިޔާނެވެ. ޒިޔާނުގެ މަސައްކަތުން އެ ތުހުމަތުތަކުން އަހަންނަށް މިންޖުވެވުނެވެ. ދެ ހަފުތާގެ ފަހުން އަނެއްކާ ވެސް ހަމަ އަލިކަން އަހަންނަށް ލިބުނެވެ. ދުނިޔެމަތީގެ ސާފު ވައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިވިއެވެ.

"ޒިޔާން ވަރަށް ބޮޑަށް ޝުކުރިއްޔާ" އަހަރެން ޒިޔާނަށް ޝުކުރު އަދާކުރުމަށްފަހު އޭނާގެ އުޖޫރަ ދިއްކޮށްލީ ކޮފީ މޭޒު ކައިރީ އިނދެއެވެ. 

"ތިޔަ މަސައްކަތުގެ އުޖޫރަ އޮތީ ލިބިފަ" ޒިޔާން ހިނިތުންވެލިއެވެ.

"ކިހިނެއް؟" އަހަންނަށް ހައިރާންކަން ލިބުނީ އެހައި ހިސާބުންނެވެ. "ކާކު؟"

"އިއްސެ ސަލާމަތްކޮށްދިނުމަށް އަހަންނަށް މި މަސައްކަތް ހަވާލު ކުރީ އޭނާ" ޒިޔާން ފޯނުގައިވާ ޗެޓު ލޮގެއް އަހަންނަށް ދައްކައިލިއެވެ.

"އަޒީމާ" އަހަންނަށް ދެފަހަރަކު ކިޔައިލެވުނެވެ. "އޯކޭ. ތޭންކްސް"

އެހައި ބޮޑު އުޖޫރައެއް އަޒީމާ ޒިޔާނަށް ދިނުމަށް ފަހު އަހަރެން ސަލާމަތް ކޮށްދިނީ ކީއްވެބާއެވެ؟ އަހަރެން ހައްޔަރުކުރީ އަޒީމާގެ ސަބަބުންނެވެ. އަހަރެން ސަލާމަތް މިވީ ވެސް ހަމަ އަޒީމާގެ ސަބަބުންނެވެ. މިއީ އަނެއްކާ ކުޅިވަރެއް ހެއްޔެވެ؟ ނޫނީ ޖަހައި މަޅިއެއް ހެއްޔެވެ؟ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަންނަށް ޓަކައި އަޒީމާ ހޭދައެއް ކޮށްފިއެވެ. މަސައްކަތްތަކެއް ކޮށްފިއެވެ. 

އަޒީމާއާ މެދު ހިތުގައި ޖެހެމުން ދިޔަ ކުށް ހީތަކުގެ ގޮށްތައް ދޫވާން ފެށިއެވެ. އުފެދި އިތުރުވަމުން ދިޔަ ނަފުރަތުގެ ހުޅުކޮޅުގެ ކުލަ ބަދަލުވާން ފެށިއެވެ. އަހަންނަށް ނުވިސްނަށް އުޅުނަސް ވިސްނެން ފެށުނެވެ. އަޒީމާގެ ޖުމުލަތަކަށް ސަމާލުކަން ދެވެން ފެށުނެވެ. ވިސްނާވިސްނާ ސިކުނޑި ސުމަކަށްދާން ކައިރިވީއެވެ. ހަނދާނުގެ ކިއްލާތަކުގައި ރެނދު އަޅުވާލައިގެން ނަމަވެސް އަޒީމާގެ ޖުމުލަތައް ތިލަ ކުރެވޭތޯ ބެލީމެވެ.

"ނަމަވެސް، އިސްމާއިލް ނޫހުގައި ލިޔަމުންދާ ކޮލަމު، 'މިވާދު' އެއީ މުޅި ރާއްޖޭގައި ވެސް ނަން ހިނގާ ކޮލަމަކަށް ވެއްޖެ. އަހަރެންގެ ވެސް މަގުސަދެއް އެބައޮތް. ބޭނުމެއް އެބައޮތް. އިސްވެ މި ކޮލަމުގައި އަހަރެންގެ ވާހަކަ ޖެހުމަށް ހުށަހެޅީ ވެސް އެހެންވީމަ" އަހަރެން ކަންފަތުގައި އަޒީމާގެ އަޑު ތަކުރާރުވަމުން ދިޔައެވެ. "އަހަރެންގެ ވެސް މަގުސަދެއް އެބައޮތް. ބޭނުމެއް އެބައޮތް... އަހަރެންގެ ވެސް މަގުސަދެއް އެބައޮތް. ބޭނުމެއް އެބައޮތް"

ދެ ފަރާތަށް ބޯ ހޫރުވައިލަމުން އަހަރެންގެ ބޮލުގައި އަތްއެޅީމެވެ. އަޒީމާގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އޭނާ އެ ދުވަހު ކުރާން އުޅުނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ލައިގެން ހުރި ކޯޓުގެ ދެ ގޮށުގައި އަތް ޖައްސައިލީ ކީއްވެ ހެއްޔެވެ؟ އޭނާގެ މަގުސަދަކީ ހަމަ އެއީ ހެއްޔެވެ؟

"ދޭ. މިތަނުންދޭ. މިތަނުން ގޮސްގެން ލިބޭނެ މޮޅެއް ހޯދަންދޭ. ނަސީބަށް ފުރަގަސްދީގެ ހޯދޭނެ މަންފާއެއް ނެތް. ފުރުސަތު ލޮލުގެ ކުރިމައްޗަށް ތިލަވީމަ ނުބަލަންޏާ ދޭ. ދުވެފައިދޭ" އަނެއްކާ ވެސް އަޒީމާގެ ވާހަކަތައް ހިތުގައި ގުގުމަމުން ދިޔައެވެ. "ފުރުސަތު ލޮލުގެ ކުރިމައްޗަށް ތިލަވީމަ ނުބަލަންޏާ ދޭ. ދުވެފައިދޭ"

އަހަންނަށް ވިސްނުނީ ގޯސްކޮށް ހެއްޔެވެ؟ އަހަންނަށް މާނަކުރެވުނީ ގޯސް ކޮށް ހެއްޔެވެ؟ އަހަންނަކީ އަދި އުމުރުން އެންމެ ސައްބީސް އަހަރުގެ މީހެކެވެ. އަޒީމާއަކީ އުމުރުން ތިރީހަށް ގުނާ ހަރު މީހެކެވެ. އޭނާގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ އޭނާ ބޭނުންވީ ކޮންކަމެއް ހެއްޔެވެ؟ ރޯދަމަހެއްގެ މެންދުރު ވަގުތު އޭނާ ހާސިލު ކުރަން އެ އުޅުނީ ކޮން ކަމެއް ހެއްޔެވެ؟ ހައްތަހާ ވެސް ސުވާލެވެ. އަހަންނަކީ މީގެ ކުރީން މިހާ ސުވާލު ގިނަ މީހެއް ހެއްޔެވެ؟ އަހަންނަކީ ހިތުގެ ޝަކުވާތަކަށް ކާންދޭ މީހެއް ހެއްޔެވެ؟

 (ނުނިމޭ)
ހިޔާލު