Lanka ga Muslimunnah hamalaa dheythee social media anehkaa ves block koffi
image
ޗިލޯ ގައި ހަމަނުޖެހުން އުފެދިފައި -- ފޮޓޯ: ޑެއިލީ މިރާ
0 ކޮމެންޓް
 

ލަންކާގައި މުސްލިމުންނަށް ހަމަލާ ދޭތީ ސޯޝަލް މީޑިއާ އަނެއްކާވެސް ބްލޮކްކޮށްފި

ސްރީ ލަންކާގެ ދެ ސަރަހައްދެއްގައި މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން އުފެއްދުމާއި ގުޅިގެން އެގައުމުގައި ސޯޝަލް މީޑިއާ އަނެއްކާ ވެސް މަނާކޮށްފި އެވެ. 
ޑެއިލީ މިރާ ނޫހުން ބުނާ ގޮތުގައި ވަޓްސްއެޕް، ފޭސްބުކް އަދި ޔޫޓިއުބް ބޭނުން މަނާކޮށްފައިވާކަން އެގައުމުގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ވަނީ އުއިލާންކޮށްފަ އެވެ. 

ރިޕޯޓުތައް ބުނާ ގޮތުން އެގޮތަށް ނިންމީ ޗިލޯ އާއި ކުލިޔަޕިޓިޔާ ގައި ހަމަނުޖެހުންތަކެއް އުފެދުނު ކަމުގެ އަޑު ފެތުރުމާއި ގުޅިގެންނެވެ. އެގޮތުން ކުލިޔަޕިޓިޔާ، ބިންގިރިޔާ އަދި ދުއްމަލަސުރިޔާގައި މިއަދު ހެނދުނު 6 އެއް ޖަހަންދެން ކާފިއު އިއުލާން ކުރި އެވެ. 

އޭގެ އިތުރު ޗިލޯ ސަރަހައްދުގައި ވެސް ކާފިއު އިއުލާން ކުރި އެވެ. ޑެއިލީ މިރާ އިން ބުނީ ޗިލޯގެ ޓައުން ހޯލަށް ބަޔަކު ވަނުމުން ފުލުހުން ވައިގެ ތެރެއަށް ބަޑި ޖެހި ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެމީހުން ޓައުން ހޯލަށް ދިޔެއީ ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ފަތުރާފައިވާ ފޭސްބުކް ޕޯސްޓެއް ފެނިގެން ކަމަށެވެ. އެ ޓައުނުގެ ހުރިހާ ފިހާރަތައް ވެސް ވަނީ މިހާރު ބަންދުކޮށްފަ އެވެ.

ފުލުހުންނާއި އަސްކަރިއްޔާ އިން ދަނީ އެތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރޮއިޓާޒް ނޫހުން ބުނީ މިއީ މިދިޔަ މަހު ދިން ހަމަލާތަކަށްފަހު މުސްލިމުންނާ ދެކޮޅަށް އުފެދުނު އެންމެ ބޮޑު ހަމަނުޖެހުން ކަމަށެވެ. 

އެގޮތުން މިސްކިތްތަކާއި، މުސްލިމުންގެ ފިހާރަތަކަށް ގެއްލުންދީފައިވާ ކަމަށްވެއެވެ. ނަމަވެސް މިހަބަރުތައް ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައެއް ނުވެ އެވެ.

ނަސާރާ ދީނުގެ މީހުންގެ މެޖޯރިޓީ އޮންނަ ޗިލޯގައި މިސްކިތްތަކަށް ގާ އުކާ، މީހަކަށް ހަމަލާދީފައިވާ ކަމަށް ވެސް ރޮއިޓާޒް އިން ބުނެ އެވެ. އޭގެ އިތުރުން ކުރުނެގަލާގައި ވެސް ވަނީ މުސްލިމަކަށް ހަމަލާދީގެން ބަޔަކު ހައްޔަރުކޮށްފަ އެވެ. 

ނަމަވެސް ބުދިސްޓުންގެ ގިނަ އެ ސަރަހައްދުގެ މީހުން ދަނީ އެމީހުން ދޫކޮށްލުމަށް ފުލުހުންނަށް ބާރު އަޅަމުންނެވެ. ލަންކާ އަށް ދިން ހަމަލާތަކަށްފަހު ގިނަ މިސްކިތްތަކާއި މުސްލިމުންގެ ގެތަކަށް ވަނީ ގެއްލުން ދީފަ އެވެ. 

ނަމަވެސް މުސްލިމް ކައުންސިލް އޮފް ލަންކާ އިން ބުނީ ލިބުނު ގެއްލުމާއި، އެކަންކަމާ ގުޅިގެން ހައްޔަރު ކުރި މީހުންގެ އަދަދު ސާފު ނޫން ކަމަށެވެ. ލަންކާގެ ނެގޮމްބޯގައި ދިރިއުޅޭ ޕާކިސްތާނު މުސްލިމުން ވެސް ވަނީ އެތަނުން ބޭރުކޮށްފަ އެވެ. 

މީގެ ހަފްތާއެއް ކުރިން ވެސް ނެގޮމްބޯގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މުސްލިމުންނާ ނަސާރާއިންގެ ބަޔަކާ ދެމެދު ހަމަނުޖެހުން އުފެދުނެވެ. އެފަހަރުވެސް ބަޔަކު މަރުވި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.  
ޓެރަރިޒަމް ލަންކާ
ހިޔާލު