Dhaulathun Raees Yameen aai dhekolhah SC gai mahsalaeh isthiunaaf kohfi
image
ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ރައީސް ޔާމީން ޖަލަށް ގެންދަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
0 ކޮމެންޓް
 

ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް ސްޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފް ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ދެކޮޅަށް ދައުލަތުން ސްޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފް ކުރުމުން، އެ މައްސަލަ ބުރާސްފަތި ދުވަހަށް ޝެޑިއުލް ކޮށްފި އެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުގެ އަމުރަކާއި އެކު ރައީސް ޔާމީނުގެ ނަމުގައި ހުރި ބޭންކް އެކައުންޓްތަކެއް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އާ އެކު ފްރީޒް ކޮށްފައި ވެއެވެ. އަދި ރައީސް ޔާމީނާ ދެކޮޅަށް މަނީލޯންޑަރިންގެ ދައުވާ އުފުލާފާއިވާއިރު އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ވެސް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމީނާ ދެކޮޅަށް ނެރުނު ދެ އަމުރު ވެސް ފަހުން ހައި ކޯޓުން ވަނީ ބާތިލް ކޮށްފަ އެވެ.

ސްޕްރީމް ކޯޓުން ހާމަކޮށްފައިވާ ޝެޑިއުލްގައި ބުނެފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން (ޕީޖީ) ރައީސް ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވަނީ ކޯޓް އަމުރުގެ މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލާގެ އިތުރު ތަފްސީލެއް ސްޕްރީމް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ. އަދި އެ މައްސަލާގައި ޕީޖީގެ ބަހެއް ވެސް މިހާތަނަށް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ބުރާސްފަތި ދުވަހުގެ 10:15 އަށް ސްޕްރީމް ކޯޓުގައި ޝެޑިއުލް ކޮށްފައިވާ މައްސަލަ ބަލާނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
ހިޔާލު