Vaahaka: Mivaadhu
image
ވާހަކަ: މިވާދު--
ފަތުހުﷲ އަހުމަދު
0 ކޮމެންޓް
 

ވާހަކަ: މިވާދު

(ނުވަވަނަ ބައި)
ފޯނު ނަގައި ނަންބަރުތައް ހާވަން ފެށީމެވެ. އޭރު މުޅި މީހާ ވަނީ ދާ ހިތްލާ ފޯވެފައެވެ. މީހާގެ ހަރަކާތްތައްވަނީ އަވަސް ވެފައެވެ. ނަސީބު ދެރައީ ކަމެއް އަހަރެންގެ ތަގުދީރުގެ ކުރެހުން މޮޅީ ކަމެއް ނުވިސްނުނެވެ. އަޒީމާގެ ނަންބަރެއް ފޯނަކުން ނުފެނުނެވެ. ހަނދާންނަށް އައީ އޮފީހުގައި ބޭއްވުނު ފޮތުގައި އޭނާގެ ނަންބަރު ލިޔެވުނު ހަނދާނެވެ. ދެވަނަ ފަހަރު ބޮލަށް ސަވާރުވީ މާ މޮޅު ހިޔާލެކެވެ. ޒިޔާން އަތުން އަޒީމާގެ ނަންބަރު ހޯދުމެވެ. ކޮންމެ ގޮތެއް ވިޔަސް މިހާރު އޮތް ހަމަ އެކަނި މަގަކީ އެއީއެވެ. އަހަރެން މިވަނީ އޮފީހުން ކަނޑައިލައިފައެވެ. މައްސަލަ ސާބިތު ނުވި ނަމަވެސް، ނޫހުގެ ވެރިންގެ މެދުގައި އަހަރެންގެ އިތުބާރުގައި ސޭލް އެޅުވުނީމައެވެ.

ކުޑަ ހިތްވަރެއް ކޮށްގެން އަޒީމާގެ ނަންބަރު ފޯނަށް އަރައިފިއެވެ. ލަސް ނުކޮށް އަހަރެން ގުޅާން ފެށީމެވެ. އަނެއްކާ ވެސް މާޔޫސްކަމުގެ މައްޗަށް މާޔޫސްކަން ފުންމައިލިއެވެ. އަޒީމާގެ ފޯނުގެ ހިދުމަތް އޮތީ ވަގުތީ ގޮތުން ކަނޑާލައިފައެވެ. ފޯނަށް ލިބެމުންދާ މެސެޖު އަޑުއަހަން ބޭނުން ނުވާތީ ހައެއްކަ ފަހަރު މިހާރު ގުޅައިލެވިއްޖެއެވެ. ލިބެނީ އެއް ޖަވާބެކެވެ. އިވެނީ އެއް އަޑެކެވެ.

އެންމެ ފަހުން އަތުގައި އޮތް ގަޑިއަށް ބަލައިލީމެވެ. ރޭގަނޑު ދިހައެއް ޖަހަނީއެވެ. ރޯދަމަހާ ބަލައިފަ މިއީ ދަންވަރު ކަމަށް ނުނިންމޭނެއޭ ހިތް ބުނެލިއެވެ. އަވަސްއަވަހަށް މަތި އޮމާން ކޮށްލައިގެން ބޭރަށް ނުކުތީމެވެ. އިތުރު ގޮތެއް ނެތިގެންނެވެ. ސައިކަލްގައި އިން އިރު ވެސް ހަނދާނުގައި އެނބުރެމުން ދިޔައީ އަޒީމާގެ ހިޔާލުތަކެވެ. އޭނާގެ ބުނުން ތަކެވެ. އެ ބުނުންތަކުގެ ފަހަތުގައި ފޮރުވިފައިވާ މާނަތަކެވެ.

ސައިކަލް މަޑުކޮށްލުމަށްފަހު ޕާކުކޮށްލީމެވެ. ސީދާ އަޒީމާގެ ގޭގެ ކުރިމައްޗަށެވެ. ދޮރޯށި ކައިރިއަށް ހުއްޓިލަމުން ރަނގަބީލަށް ފިތައިލީމެވެ. ދެތިން ފަހަރު ރަނގަބީލުވުމަށް ފަހު އަޑު ކެނޑުނެވެ. އަނެއްކާ ވެސް ރަނގަބީލަށް ފިތައިލީމެވެ. ދެވަނަ ފަހަރަށް ރަނގަބީލުވީ އިރަށް އިނގިރޭސި ބަހުން މެސެޖެއް އިވުނެވެ. އެތެރެއަށް ވަންނަންވީ ކަމުގެ ސިގުނަލް ލިބުނެވެ. އެކި ދިމަދިމާއަށް ކަޅި އުކަމުން، އެތަން މިތަން ބަލަމުން ބަރު ފިޔަވަޅުތަކެއް އަޅަމުން ދޮރޯށިން އެތެރެއަށް ވަނީމެވެ.

"އަޒީމާއާ ބައްދަލު ވެދާނެތޯ" ސިހިފައި އަހަންނަށް ބަލައިލެވުނީ ކުރިމަތީގައި ހިނިތުންވެލައިގެން ހުރި އަންހެން މީހާއަށެވެ.

"މިވާދު ހަމަޖެއްސެވީ މި ގަޑިއަށްތޯ؟" އެމީހާ ސާފު ދިވެހިބަހުން ބުނެލިއެވެ.

"އަޅުގަނޑަށް މިވާދެއް، އައި މީން އެޕޮއިންޓްމަންޓެއް ނުލިބުނު" ހާސްކަން އިތުރުވަމުން ދިޔައެވެ. "ނަންގަނެ ދެއްވާ އިސްމާއިލް، ނޫހުގައި އުޅޭ އިސްމާއިލް ބައްދަލުކޮށްލަން އައިސް ހުރި ވާހަކަ"

ގޯތި ތެރޭގައި ހުރި ގޮނޑިއަކަށް އިޝާރާތް ކުރުމަށްފަހު އެމީހާ އެތެރެއަށް ވަނެވެ. ފުސް ބިއްލޫރި ޖަހައި ނިވާކޮށްފައިވާ ކޮށިގަނޑެއްގެ ކައިރިއަށް ގޮސް ފޯނު ނަގައިގެން ވާހަކަދައްކާ މަންޒަރު އަހަންނަށް ފެނުނެވެ. އަހަންނަށް ބަލައިލެވުނީ އެ ގޯތި ތެރެއަށެވެ. ހީވަނީ ބަގީޗާއެއްގައި އިނދެވޭހެންނެވެ. އެކި ޒާތްޒާތުގެ މާގަސްތައް ތަރުތީބު ކަމާއެކު ހިނިތުންވެލައިގެން ތިއްބެވެ. ހުރިހާ މަލެއް ވެސް އަހަންނާ ދިމާއަށް ބަލަމުން ހިނިތުންވެގެން ތިބި ކަހަލައެވެ. ހުވަނދުމަލެވެ. އިރުދޭމަލެވެ. އަސުރުމަލުގެ އާއިލާ އެއްކޮށެވެ. ނަޔާޑޭޒީމަލެވެ. ލިލީމަލެވެ. އޯކިޑްގެ ކުލަބަރިއެއްކޮށެވެ.

އަހަންނަށް ހިންދިރުވައިލެވުނެވެ. ގޯތި ތެރޭގައި އެއްވަސް ވެފައިވަނީ ހުވަނދުމަލާއި އިރުދޭ މަލުގެ ހުވަނދު ވަހެވެ. ދެތިން ފަހަރަކު އެތެރެއަށް ނޭވާ ހިފަހައްޓައިލެވުނެވެ.

"ދުރުވޭ އެތެރެއަށް" އެއްކަލަ އަންހެން ކުއްޖާގެ އަޑަށް އަހަންނަށް ބަލައިލެވުނެވެ. "މެޑަމް ވިދާޅުވީ މާދަމާ އޮފީހުން ބައްދަލު ކޮށްލައްވާށޭ. މި ވަގުތު ބައްދަލުކޮށްލެވެން ނެތްވާހަކަ. އަދި ވިދާޅުވީ މެޑަމްގެ ކާޑު ދެއްވާށޭ. މިކޮޅަށް ދުރުވޭ ބައެއް މައުލޫމާތު ނޯޓުކޮށްލައްވަން ޖެހޭ"

ހިތަށް ވެރިވަމުން ދިޔައީ މުޅީން ތަފާތު ޝުއޫރުތަކެކެވެ. ކުރެވެމުން ދިޔައީ އެހެން ކަހަލަ އިހުސާސެކެވެ. އަޒީމާގެ ފެންވަރާއި އޭނާގެ ހައިބަތު ކުރީން އަހަންނަށް ނޭގުމަކީ ކުރެވުނު މޮޔަ ކަމެކޭ މިހާރު ހިތަށް އަރައެވެ. އެދުވަހު އަހަންނަށް ހެދުނީ ގޯހެއްކަން މިހާރު ވިސްނެން ފެށުނެވެ. އަޒީމާއާ ބަލައިފަ އަހަރެން މީ ކާކު ހެއްޔެވެ؟ ހަގީގަތުގައި ޗީޕުވީ އަޒީމާއެއް ނޫނެވެ. އަހަރެންނެވެ. އެކަމަކު އެ ދުވަހު އަހަންނަށް ބުނެވުނީ އިދިކޮޅަށެވެ. ނަގާން އުޅެނު ރަހުމަތުގެ ވިލާގަނޑު އަހަންނަށް ސިފަވީ ތޫފާނެއްގެ ސިފައިގައެވެ.

އެ ދުވަހު އެޅުނީ ކަތި ފިޔަވަޅެއްކަން މިއަދު އަހަންނަށް ވިސްނެއެވެ. އިއްޔެ މަޝްހޫރު ނޫސްވެރިއަކަށް ވިޔަސް، މިއަދު އަހަންނަކީ މީހުންގެ ފުރައްސާރައިން ތަތްތެޅިފައިވާ މީހެކެވެ. އަހަރެންގެ ވާހަކަ ނުދައްކާ މީހަކު ރާއްޖެއަކު ނުތިބޭނެއެވެ. ގެއަށް އާދެވުނުތާ އަދި މިވީ ފަސް ގަޑީއިރު ތެރޭގައި ޖަވާބު ދޭން ޖެހުނު ފޯނު ކޯލުގެ އަދަދު ތިން އަކުރަށް ބަދަލުވީ ސަބަބެއް ނެތީމައެއް ނޫނެވެ. 

މާޔޫސްކަމާއެކު އަހަރެން ބޭރަށް ނުކުތީމެވެ. މަޑުމަޑުން ހިނގައިފައި ގޮސް ސައިކަލަށް އެރީމެވެ. އެންމެ ފަހު ފަހަރަށް އަޒީމާގެ ފަސްފަންގިފިލާއަށް އިމާރާތްކޮށްފައިވާ ފުރިހަމަ އެ ގަނޑުވަރެއް ފަދަ ގެއަށް ބަލައިލީމެވެ. އަހަންނަށް ސިހުން ލިބުނެވެ. އަޒީމާ ސީދާ އަހަންނާ ދިމާއަށް ބަލަން ހުރީމައެވެ. ތިންވަނަ ފަންގިފިލާއިން ބަލައިލި ނަމަވެސް، އަހަންނަށް އޭނާ ސާފުކޮށް ފެންނަމުން ދިޔައެވެ. އަހަންނަށް އަތް ހިއްލައިލެވުނެވެ. ބަދަލުގައި އަޒީމާ ވެސް ވައިގެ ތެރޭގައި އަތް ހޫރައިލިއެވެ. އުފާވެރިކަމުގެ ވިންދެއް ފައިގެ ބޮޑުވާ އިނގިލިން މައްޗަށް ދަތުރުކޮށްލިއެވެ. އަޒީމާ އަދި ވެސް އަހަންނާ ގުޅުން ބާއްވަން ބޭނުންވި ކަން ކަށަވަރު ވީމައެވެ.

ކުއްލިއަކަށް ހިޔާލުތަކުގެ ދުނިޔެއިން ނުކުމެވުނެވެ. އޭރު އަޒީމާ ދެތިން ފަހަރަށް އަހަންނަށް ގޮވައިލައިފިއެވެ.

"ކަމެއް ނުވޭ" އަހަރެންގެ ރާގު ބަދަލުވިއެވެ. އަޒީމާ އެކަން ދެނެގަތެވެ.

"މިހާރު ދެން ކައިވެނީގެ ކަންކަން މި ނިމެނީތާ" އަހަރެން ހިނިތުންވެލީމެވެ. "އަޒީ ބޭނުންވާ ގޮތަށް ގެންދިޔައީމަ ހަމަ ރަނގަޅުވާނެ"

 "ކާވެންޏަށް އަދި މިވީ ދެ މަސް" އަޒީމާ އަހަރެންގެ އުނގުނުގައި ބޯ އަޅައިގެން އޮވެ އަހަރެންގެ އަތްތިލައިގައި ފިރުމައިލިއެވެ. "ވަރަށް ގިނަ އާ ކަންކަން ދަސްވެއްޖެ. ދިރިއުޅުމަކީ ކިހާ ބޮޑު ހިތްހަމަ ޖެހުމެއް ކަން އެނގިއްޖެ. ބަނޑުގައި މިވާ ދަރިފުޅަށް ޓަކައި އަހަންނަށް ވެސް ވަރަށް ފޮނި އުއްމީދުތަކެއް އެބަ ކުރެވޭ"

"އަޒީ ބޭނުންވާ ގޮތަށް ކަންކަން ކޮށްދެވޭތީ އަހަރެން ވަރަށް ހިތްހަމަ ޖެހޭ" އަހަރެން ހިނިތުންވެލީމެވެ.

"ކޮން ނަމެއް ކިޔާނީ މި ބޭބީއަށް" އަޒީމާ ބަނޑުގައި އަތްޖައްސާ ލަމުން އަހަންނަށް ބަލައިލިއެވެ.

"އަދި ޖިންސު ވެސް އެނގުނީމަތާ ނަން ހޯދޭނީ" އަހަރެން ގާތަށް ހިނިއައެވެ.

"ދެން. މަ ބޭނުންވަނީ އަންހެން ކުއްޖެއް" އަޒީމާ އޭނާ ބޭނުންވި ކަންތައް ބުނެދިނެވެ. "އަންހެން ކުއްޖެއް ނަމަ ކިޔާނީ ކޮން ނަމެއް؟"

 (ނުނިމޭ)
ހިޔާލު