Budget inn ithurah nagaanama amalu kuran jehey gothuge usoolah MMA inn maruhabaa kiyaifi
image
އެމްއެމްއޭ -- ފައިލް ފޮޓޯ
0 ކޮމެންޓް
 

ބަޖެޓުން އިތުރަށް ނަގާނަމަ އަމަލުކުރަން ޖެހޭ އުސޫލަށް އެމްއެމްއޭ އިން މަރުހަބާ ކިޔައިފި

ބަޖެޓުގައި ސަރުކާރުގެ އޮފީސްތަކަށް ކަނޑައަޅަފައިވާ މިންވަރަށް ވުރެ އިތުރަށް ބޭނުން ކުރަން ޖެހިއްޖެނަމަ، އެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ހުއްދައެއް ބޭނުންވާ ގޮތަށް ހަމަޖައްސައި އެކުލަވާލި އުސޫލަށް މަރުކަޒީ ބޭންކުން މަރުހަބާ ކިޔައިފި އެވެ. 
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ޕަބްލިކް ފައިނޭންސްގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ފާސްކޮށްފައިވާ މިންވަރަށް ވުރެ ޚަރަދު އިތުރުނުކުރުމަށާއި، ވަކި ކަމަކަށް ޚަރަދެއް ކަނޑައަޅާފައިވާނަމަ، އެކަމަކަށް ޚަރަދުކުރުމަށްޓަކައި އަމަލުކުރާނެ އުސޫލުތަކެއް ޝާއިޢުކުރުމަކީ ދައުލަތުގެ މާލީ ކަންތައްތައް ހަރުދަނާ ކުރުމަށް އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއް ކަމުގަ އެވެ. 

"ވޭތުވެދިޔަ ދެ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މިއޮތޯރިޓީއިން ފޮނުވާފައިވާ ލަފާގައި، ދައުލަތުގެ ފިސްކަލް އެޕްރޮޕްރިއޭޝަންއާ ގުޅޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް މިއޮތޯރިޓީއިން ބާރު އަޅާފައިވާނެ،" އެ ބަޔާނުގައި ވެއެވެ. 

އެމްއެމްއޭ އިން ދައުލަތުގެ ފިސްކަލް އެޕްރޮޕްރިއޭޝަނަށް ގާނޫނާއި ގަވައިދާއި އުސޫލުތައް މުހިއްމީ ދައުލަތުގެ ރިކަރަންޓް ހަރަދު އަންޑައެސްޓިމޭޓް ކުރެވި، އާމްދަނީ ލިބޭނެ މިންވަރު އޯވައެސްޓިމޭޓް ކުރެވުމުން، އަހަރުން އަހަރަށް ސަރުކާރުގެ ޑެފިސިޓް އިތުރުވަމުންދާތީއެވެ. 

މި ހަފްތާގައި ޝާއިއުކުރި "ބަޖެޓް ބައިކުރުމާއި އެއް ބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލު"ގައި ބުނެފައިވަނީ ބަޖެޓް ކޮށްފައިވާ ވަރަށް ވުރެ ފަސް ޕަސެންޓް އިތުރަށް ހަރަދު ކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓަރަށް ދެވޭނެ ކަމަށެވެ. އެކަމަކު އެއަށް ވުރެ އިތުރަށް ހަރަދު ކުރަން ޖެހިއްޖެނަމަ އެކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް އެ އުސޫލުގައި ބުނެ އެވެ.

އޭގެ އިތުރުން ބަޖެޓުގައި ހިމެނޭ ޕްރޮޖެކްޓެއްގެ އަގަށް 30 ޕަސެންޓަށް ވުރެ ބޮޑު ބަދަލެއް އަންނަ ނަމަ، އެ ކަމަށް ވެސް ރައީސްގެ ހުއްދަ ލިޔުމަކުން ބޭނުންވާނެ ކަމަށް އާ އުސޫލުގައި ބުނެފައި ވެއެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ މިއަދު އާންމުކުރި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ބަޖެޓާއި އެކުގަ އެވެ. އެހެންކަމުން އާ އުސޫލަށް އަމަލު ކުރަން، އަންނަ އަހަރުގެ ބަޖެޓާއި އެކު ފަށާއިރު، ބަޖެޓް އެކުލަވާލުމުގައި އަންނަ އަހަރު އިދާރާތަކުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

މިހާރު އޮންނަ ގޮތުން ނަމަ އިތުރަށް ބަޖެތް ބޭނުންވާނަމަ އެކަމަށް ރައީސްގެ ހާއްސަ ހުއްދައެއް ބޭނުމެއް ނުވެ އެވެ. އަދި ބަޖެޓް ކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ހަރަދު ކުރުމުގެ ފުރުސަތު ވެސް މިހާރު އޮންނަ ގޮތުން ފަސޭހަ އެވެ.
ހިޔާލު