Hiley degree Male' ge rayyithunnah ekani thoa?
image
ދިވެހި ދަރިވަރުންތަކެއް ދަސްވެނިވުމެއްގައި -- ފައިލް ފޮޓޯ
އިބްރާހީމް ރިޒްވި
7 ކޮމެންޓް
 

ހިލޭ ޑިގްރީ މާލޭގެ ރައްޔިތުންނަށް އެކަނިތޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން އެއްމެ ބާރަށް އަޑުއިވިގެންދިޔަ، އަދި އާއްމުންގެ މެދުގައިވެސް އެއްމެ މަގުބޫލު އެއް ވާހަކައަކަށް ވެގެން ދިޔައީ ފުދުންތެރިކަން ކުޑަ އާއިލާތަކަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ލުއި ފަސޭހަގޮތެއްގައި މަތީ ތައުލީމާއި ތަމްރީނުދެވޭނެ ފުރުސަތުތަކެއް ހޯދައިދޭނެ ވާހަކައެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނަށްވުމާއި، ގިނަ ބަޔަކު މަތީ ތައުލީމަށް ފެންބޮވައިގެންފައި ހުރިވަރު ބޮޑުކަމުން މިއީ ހަގީގަތަކަށް ވާނެކަމަށް ވަރަށް އުއްމީދުކުރެވުނު އެއްވާހަކައެވެ. ކަންވެގެން ދިޔައީ މިހެނެއް ނޫނެވެ. ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެގޮތްވިއްޔޭ ބުނެ ވައުދު ފުއްދައިފިއެވެ. ކެމްޕެއިން ތެރެއިން ވައުދުވީ ގޮތަކަށް ނޫނެވެ. ވައުދު ތަންފީޒުކުރަން ތިބި ފަރާތްތަކަށް ފަހުމުވި ގޮތަށް ކަމަށްވެދާނެއެވެ. ހަމަ ޔަގީނުންވެސް އާއްމު ރައްޔިތުން ބޭނުންވި އަދި އާއްމު ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ނޫނެވެ.
ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެގޮތް ހަމަޖެހުންކަމުގެ ވައުދު ފުއްދުނު ވާހަކަ އަޑު އެހީ ހިތާމައާއެކުގައެވެ. ކުރި އުއްމީދާއި އިތުބާރު ގެއްލިގެން ދިޔަކަމުގެ ހިތި ހިތު ތެރޭގައި ހިންދާލައިގެންނެވެ. މުޅި ރާއްޖެއަށް ބަލާލިކަމުގައިވިޔަސް، މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތެރެއިން މެއިން ކެމްޕަސް މާލެއިން ބޭރުގައި ހުންނަނީ އެއްމެ އަތޮޅުއްގައެވެ. އެހެނިހެން ރަށްރަށުގައި މި ސެންޓަރޭ، އެ ސެންޓަރޭ ކިޔާ އެކި ނަންނަމުގައި ތަންތަންހުރެއެވެ. އެހެންނަމަވެސް، އެތަންތަނުންދޭ ހިދުމަތް އެނގޭނީ އެތަނުން ހިދުމަތެއް ހޯދަން މަސައްކަތްކުރީމައެވެ. އެ ދޭ ހިދުމަތުގެ ފެންވަރު ބަލާނެ ހަމައެކަކުވެސް، ހަމަ އެއްމެ މުއައްސަސާ އެއްވެސް މިގައުމުގައި ހުރިކަމެއް ނޭންގެއެވެ. މިކަން މިހެން އޮތް އިރު، ދެން އޮތް ގޮތަކީ އަރާ ފުރައިގެން މާލެއައުމެވެ. މަތީ ތައުލީމު ހޯދުމަށެވެ.

ޑިގްރީއަށް ހިލޭ ކިޔެވޭނެ ގޮތްވުމުން ޑިގްރީއަށް ކިޔަވަން މާލެއަންނަން ޖެހިއްޖެއެވެ. ޑިގްރީއަށް ވަންނަން ޝަރުތު ބަލާލިއިރު، އޭލެވެލް ހަދާފައި ހުންނަންޖެހެއެވެ. ޑިޕްލޮމާއާއެކު ޑިގްރީ ދޭނަމަ، އޯލެވެލްގެ މިންވަރަކުން ވަދެވެއެވެ. މުޅި ގައުމުގައިވެސް އޯލެވެލް ނިންމާ ކުދިންގެ ތެރެއިން އޭލެވެލް ހަދަނީ 30 އިންސައްތައެއްހާ ކުދިންނެވެ. އެހެންވީމާ، މި ވައުދު ބިނާވެފައި މިއޮތީ މި 30 އިންސައްތައެއްހާ ކުދިންނަށް ކަމަށްވެދާނެއެވެ. ދެން ބެލީ ސެޓްފިކެޓް ޕްރޮގްރާމަކަށް ވަދެވޭތޯއެވެ. ބަލާލިއިރު، އެއަށް ވަދެވެއެވެ. އެހެންނަމަވެސް، ސެޓްފިކެޓް ލެވެލް ޕްރޮގްރާމްއަކަށް މި ވައުދުގެ ތެރެއިން ހަރަދެއް ނުކޮށްދެއެވެ. އެހެންވީމާ މިކަމެއްވެސް ވާކަށް ނެތެވެ.

ފުދުންތެރިކަން ކުޑަ ބައެއް މީހާ ހުންނާނީ ޑިޕްލޮމާ ހަދައިގެން ނޫންކަން ސަރުކާރަށް ނޭންގުނީ ކަންނޭންގެއެވެ. މިކަމާއި ވީ ދެރައިން ރަހްމަތްތެރިޔަކާއި ވާހަކަ ދައްކާލީމެވެ. އޭނާ ބުނީ އަދި މާ ދެރަ ވާހަކައެކެވެ. އޭނާގެ ޑިގްރީއަށް ވަދެވޭ ފެންވަރު ހުރި ވާހަކައެވެ. ނަމަވެސް ސަރުކާރުން 100 އިންސައްތަ ހަރަދުކުރާ މަރުކަޒުތަކުން އޭނާ ކިޔަވަން ބޭނުންވާ ކޯހުގެ ޖާގަފުރި، އިތުރަށް ކުދިން ނުނަގާކަމަށް އަންގާފަވާ ވާހަކައާ، ދެން އަމިއްލަތާކުން ކިޔަވަންޏާ އަމިއްލައަތުން އޭނާ ކިޔަވާ ޕްރޮގްރާމަށް 50 އިންސައްތަ ފީ ދައްކަން ޖެހޭ ވާހަކައެވެ. އެހެންވެ ކިޔެވޭނެ ގޮތެއް ނެތި ހުރިވާހަކައެވެ. ދެން ވާހަކަ ދައްކާލެވުނީ ރަށުގައި ހަމަ އެއްކޮށް ކިޔަވަން އުޅުނު އެހެން ރަހްމަތްތެރިޔަކާއެވެ.

އޭނާ އަމިއްލަ ހަރަދުގައި މާލެގައި ކުދިން ބަހައްޓާ ގެއެއްގައި ހުރެ ޑިޕްލޮމާ ފުރިހަމަކޮށް ރަށަށް އައިސްހުރި ދުވަސްވަރެވެ. އިތުރަށް ކިޔަވަން ގަސްތުނުކުރަންހޭ އަހާލެވުނު މޮޔަ ހިތައް އެރިއެވެ. އޭނާ ކިޔަވަމުންދިޔަ ޕްރޮގްރާމްގެ ޑިގްރީ މަރުހަލާގައި ކިޔެވުމަށް ސަރުކާރުން އަހަރަކު ހަރަދުކުރަނީ 16000 ރުފިޔާ އޭ ބުންޏެވެ. އޭނާ މާލޭގައި ކުދިން ބަހައްޓާ ގެއެއްގައި ދިރިއުޅެން (ކުއުމާއި، ލާ އަންނައުނު ދޮވުމާއެކު) މަހަކު 2500 ރުފިޔާ ދައްކަންޖެހޭ ވާހަކަ ބުންޏެވެ. އަހަރަކު އޭނާ އަތުން އަހަރު 30،000 ރުފިޔާ މިކަމަށް ހަރަދުކުރަންޖެހޭކަމަށް ބުންޏެވެ. ވީމާ ކިޔެވޭނެގޮތެއް ނެތިގެން ހުރީ ކަމަށް ބުންޏެވެ.

މި އޮތީ ވައުދު ފުއްދިފައި ނޫންހެއްޔެވެ. ގައުމުގެ ހާލަތާއި ނުބައްދަލު ވައުދު ވާތީ ދެރައެވެ. އެ ވައުދު ފުއްދާނެކަމަށް ގަބޫލުކުރެވޭތީވެސް ދެރައެވެ. މިއީ ފުދުންތެރިކަން ކުޑަ އާއިލާއަށާއި، އެކި އަތޮޅުތަކުން ކިޔަވަން ބޭނުންވެފައި ތިބި ގިނަ ބަޔަކަށް ޖެހުވުނު ދަންތޫރައަކަށްވެސް ވެދާނެއެވެ. ދެރައީ ހުރިހާ ދަރިވަރުންނަކީ އޯލެވެލްއިން ފާސްވާ ދަރިވަރުންނޫންކަން ސަރުކާރަށް ނޭންގުނީމައެވެ. ހަގީގަތަކީ އޯލެވެލްއިން ފާސްވުންވެސް މިހާރު ބިނާވެފައިއޮންނަނީ ފުދިފައިތިބޭ ނުވަތަ ގަނަތެޅިގެންވެސް ހޯދާ ރުފިޔާއިން ޓިއުޝަންވެސް ދެވޭ ދަރިވަރުންނަށްކަމެވެ. ޓިއުޝަން ނުހޯދި، އެގޮތް މިގޮތުން ސާނަވީ އިމްތިހާނު ނިމޭއިރު ފާސްނުވެއްޖެނަމަ، ދެން ކިޔެވޭނެ ގޮތެއް ނެތެވެ. މީހުންގެ އަތުން ސަލާންޖަހައިގެން ޑިގްރީއަކަށްވުރެ ދަށް ހުރިހާ މަރުހަލާއެއް ފުރިހަމަކުރަން މިޖެހެނީ އަމިއްލައަށެވެ. ޑިގްރީ ނިމެންދެން ކިޔެވޭނެ ކަމުގައި ވިދާޅުވި ވައުދު ހަނިވެގެން މިދިޔައީ ފުދުންތެރި އާއިލާތަކަށް، މާލެގައި އުޅޭ އާއިލާތަކަށް، އޯލެވެލްއިން ފާސްވެ ނުވަތަ އޭލެވެލްވެސް ނިމޭ ދަރިވަރުންނަށް އެކަނި ކިޔެވޭ ކިޔެވުމަކަށެވެ. މި ނޫން އެންމެން މުސްތަގުބަލު ކުރަހާނެ ޕްލޭނެއްނެތި ގަނަތެޅޭނީ ދޯއެވެ.
ހިޔާލު

ާަަްްާހަލީމް

ކޮންގޮތަކުންތޯ ހިލޭ؟ އަޅުގަޑުގެ ދަރިފުޅު ކިޔަވަނީ ގަައުމީ ޔުނިވަރސިޓީގަ ، ކޮންމެ ސެމީސްޓާ އަކަށް 4700 ރުފިޔާ ދައްކަންޖެހޭ

ހުސްޖޯކު

މި އާޓިކަލްގެ މޮޅުކަން ވަޒަންކޮށްލަން ސަރުކާރުގެ ކޮންމެސް ފަރާތެއްގެ ބަހެއްވެސް ހޯދަލިނަމައޭ ހިތަށް އަރާ

ޙާލި

ފެބުރުއަރީ ގައި ލާގެން އުޅޭ އެއްޗެއްތީ އަދިވެސް ހަމަޖައްސައިނުދޭ

ރާއްޖޭގެ ރައްތައް

މާލޭގަ އުޅެނީ ގިނައިން ދިވެހިރާއްޖޭގަ ރައްތަކުން އަސާސީ ހިދުމަތްތައް ނުލިބޭތީ އައިސްގެން އުޅޭ އެކިއެކި ރައްރަށައް ނިސްބަތްވާ މީހުން. މާލޭގެ ގިނަމީހުން ގެދޮރު ކުއްޔައްދީފަ ގޮސްއުޅެނީ ބޭރުގެ އެކިއެކި ގައުމުތަކުގަ، މާލޭމީހުންނަައްވުރެ ރައްރަށުމީހުން އަތުގަ ޑިގްރީއާ މާސްޓާރޒް ޕީއެޗްޑީ ގިނަވާނެ، ރާއްޖޭގަ ކޮންމެ ރަށެއްގަ ހިލޭ ޑިގްރީއައް ކިޔައިވަދިނުމަކީ ކުރަންޖެހޭ ހަރަދައްބަލާއިރު އަދި މިގައުމުގަ ވާނެކަމެއްނޫން އެއީއަކީ، މާލޭގަ ގިނައިންކިޔަވަނީވެސް ރާއްޖޭގެ ރައްތަކުގަމީހުން، މަވެސް ކިޔަވަންއައީ މާލެ.

ޙާލު

ޥަރައް ފުރިހަމަ އާޓިކަލްއެއް ސަރުކާރުން މިކަމަށް އަވަސް ހައްލެއް ހޯދަދޭނެ ކަމަށް ހީކުރަން

ޡަތ

ވަރަށް ރަނގަޅު ލިޔުމެއް.

ކޮލެޖު ބޯއި

ހާދަ މޮޅު ނޫސްވެރިއެކޭ. ބޭނުންވާ ކޮންމެ ޕޮއިންޓަކަށް ބޭނުންވާ މީހަކު، ބޭނުންވާ ހިސާބަކުން އެބަ ދިމާވޭ.