Mas market: Enme agu bodee raiy mas
image
މަސް މާރުކޭޓުގައި ފަރުމަސް ވިއްކަނީ، އެންމެ އަގުބޮޑީ ރަތްމަސް -- ފޮޓޯ: ސީއެންއެމް
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

މަސް މާރުކޭޓް: އެންމެ އަގުބޮޑީ ރަތްމަސް

މަސްމާރުކޭޓުގައި މިރޯދަމަހުގެ އެހެން ދުވަސްދުވަހަށްވުރެ މިއަދު ފަރުމަސް ތިޔާގިވި ނަމަވެސް އަގަށް މާބޮޑު ބަދަލެއް ނާދެ އެވެ. 
މަސްމާރުކޭޓުގައި ފަރުމަހުގެ އެކިބާވަތްތައް ވިއްކަން ހުރިއިރު، ބޮޑެތި ފަރުމަސް ގިނަ އަދަދަކަށް އެބަހުއްޓެވެ. ނަމަވެސް އަގުތަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އެހެންދުވަސްތަކެކޭ އެއްފަދައިން ފަރުމަހުގެ ބާވަތްތަކުގެ އަގު ހުރީ އެއްވަރެއްގަ އެވެ. 

މާރުކޭޓްގައި އެންމެ އަގުބޮޑީ އަބަދުވެސް ރަތް މަހެވެ. މިއަދު މާރުކޭޓުގައި އޮތް އެންމެ ބޮޑު ރަތް މަސް ލިބެންހުރީ 450ރ އަށެވެ. އެންމެ ކުޑަކޮށް ރަތްމަހެއް ލިބެންހުރީ 150ރ އަށެވެ. އެންމެ ބޮޑެތި ގިއުޅާއި ފިލޮޅު ހުރީ 270ރ އަށެވެ. ގިއުޅާއި ފިލޮޅުގެ އިތުރުން ފާނައާއި މާނިޔަމަހާއި ބޮޑެތި ހަނދި މަހާއި ކުރުމަހާއި ފަރުމަހުގެ އެކިބާވަތްތަކާއި ބޯވައާއި ބޯވަ ދިލަމަސްވެސް މާރުކޭޓުގައި ލިބެން އެބަހުއްޓެވެ. 

ހިބަރު ކިލޯއެއް 40ރ އަށް ލިބެންހުރިއިރު، ސީފުޑްގެ ބާވަތްތައް ވިއްކަން އެބަހުއްޓެވެ. އިއްސެއް 200ރ އަށް ލިބެން ލިބެއެވެ.



ކަޅުބިލަމަހާއި (ކަނޑުމަސް)، ކަންނެލީގެ އަގާއި ފަރުމަހުގެ އަގުތައް ވެސް މިރޯދަ މަހުގެ ފާއިތުވި ހަތް ދުވަހާ އަޅާބަލާއިރު، މިއަދު ވެސް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.  

މިއަދު ކަނޑުމަސް ކިލޯއެއް 30ރ އަށް ލިބެންހުރިއިރު، ކަންނެލި ކިލޯއެއް އުޅެނީ 35ރ އަށެވެ. މި ރޯދަ މަހު އާންމުކޮށް ކަނޑުމަހާއި ކަންނެލި ކިލޯއެއް އުޅެނީ 30ރ އާއި 45ރ އާ ދެމެދުގެ އަގުތަކުގަ އެވެ.
ހިޔާލު