Naib Raeeskan koffaivaa faraithakah MVR 35,000 dheyn ninmi bill anburaa Majleehah fonuvaalaifi
image
ކުރިން ނައިބު ރައީސްކަން ކުރައްވާފައިވާ ބައެއް ބޭފުޅުން: ---
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ނައިބު ރައީސުންނަށް އިނާޔަތް ދޭން ނިންމި ބިލް އަނބުރާ މަޖިލީހަށް ފޮނުވާލައިފި

ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް މަހަކު 35،000 ރުފިޔާގެ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހުން ނިންމި ބިލް، ތަސްދީގު ނުކުރައްވާ، އެބިލް އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާން، އިބްރާހިމް ހޫދު ވިދާޅުވީ، ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލު ފާސްކޮށްފައިވަނީ ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ނޫންކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން އެބިލާމެދު އަލުން ވިސްނެވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ހޫދު ވިދާޅުވި އެވެ. 

ހޫދު ވިދާޅުވީ މާލީ އިނާޔަތް ދޭން ކަނޑައަޅާފައިވާ ގޮތުން، ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން މަގާމުގައި ހުންނެވި ވަކި މުއްދަތެއް ނެތް، ނުވަތަ އިމެއް ނެތްކަމަށް ހޫދު ވިދާޅުވި އެވެ.

"މިސާލަކަށް މީހަކު ނައިބު ރައީސްކަން ކުރައްވަފާނެ ދެ މަހަށް ވެސް، އެމީހަކަށް ވެސް އިނާޔަތް ލިބޭ. އަނެކަކު ނައިބު ރައީސްކަން ކުރައްވަފާނެ ފަސް އަހަރު ނުވަތަ ދިހަ އަހަރު ވެސް. އެހެންވިއްޔާ އިނާޔާތް ދޭނެ އުސޫލަކީ ކޮބައިކަން އެބިލުން ނޭނގޭ،" ހޫދު ވިދާޅުވި އެވެ. 

މަޖިލީހުގެ 32 މެމެބަރުންގެ ވޯޓުން ނިންމި މި ނިންމުމާ އެއްގޮތަށް އެލަވަންސް ލިބޭނީ ޖިނާއީ ކުށެއް ސާބިތުނުވާނަމައެވެ. ނައިބު ރައީސްކަން ކުރައްވާ ބޭފުޅުންގެ ތެެރެރެއިން މިވަގުތު ބަންދުގައި ހުންނެވީ އަހުމަދު އަދީބު އެކަންޏެވެ. 

މި ބިލަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ހުށަހެޅުއްވި ބިލެކެވެ. ނައިބު ރައީސްކަން ކޮށްފައިވާ މީހަކު ދައުލަތުގެ އެހެން މަގާމެއް އަދާކުރަމުންދާ ނަމަ އިނާޔަތު ފައިސާ ނުލިބޭނެއެވެ.

ރައީސްކަން ކޮށްފައިވާ މީހުންނަށް މިހާރުވެސް އިނާޔަތްދެ އެވެ. އެގޮތުން ކޮންމެ ބޭފުޅަކަށް މުސާރައިގެ ގޮތުގައި 75،000 ރުފިޔާ އަދި ދިރިއުޅޭ ތަނަށް 10،000 ރުފިޔާ ދެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކުގެ އޮފީސް ހަރަދުގެ ގޮތުގައި މަހަކު 87،000 ރުފިޔާ ދެ އެވެ.
ހިޔާލު