Sheikh Rasheed ah inaayai dheyn Majleehun faaskuri bill anburaa fonuvaalaifi
image
ކުރީގެ އުއްތަމަ ފަނޑިޔާރު ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމް -- ފޮޓޯ: ޕީއެސްއެމް ނިއުސް
މުހައްމަދު ފަތުހުﷲ
2 ކޮމެންޓް
 

ޝެއިހް ރަޝީދަށް އިނާޔަތް ދޭން ފާސްކުރި ބިލް އަނބުރާ ފޮނުވާލައިފި

ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމަށް އިނާޔަތާއި އިމްތިޔާޒުތައް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖލީހުން ފާސްކުރި ބިލް ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުވާލައްވައިފި އެވެ. 
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާން، އިބްރާހިމް ހޫދު ވިދާޅުވީ، ފަނޑިޔާރުންނަށް އިނާޔަތް ދިނުމާ ބެހޭ ބިލް އަނބުރާ ފޮނުވާލައްވާފައިވަނީ އެބިލް ގާނޫނުއަސާސީއާ ފުށުއަރާތީ، އެބިލާމެދު އަލުން ވިސްނެވުމަށެވެ. 

ދައުލަތަށް މާލީ ބުރަ އުފުލަން ޖެހޭ ގޮތަށް އޮތް އެ ބިލް ފޮނުވާލީ ގާނޫނުއަސާސީގެ 75 ވަަނަ މާއްދާއާ ހިލާފު ކަމަށް ރައީސް ދެކެވަޑައިގަންނަވާތީ ކަމަށް ހޫދު ވިދާޅުވި އެވެ.

ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމަށް އިނާޔަތާއި އިމްތިޔާޒުތައް ލިބިދޭ ބިލް ރައްޔިތުންގެ މަޖލީހުން ފާސްކޮށްފައި ވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 25 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. އެބިލަށް ނުފެންނަ ކަމަށް 20 މެމްބަރަކު ވޯޓް ދެއްވި އިރު، ވަކިގޮތަށް ވޯޓް ދެއްވަން ބޭނުންނުވާ ދެ މެމްބަރުން ތިއްބެވި އެވެ. 

ސަރުކާރު ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީން އެ ބިލު ފާސްކުރުމާ ދެކޮޅެވެ. 

މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސާސީއަށް އަމަލު ކުރުމުގެ ކުރިން، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމަށް އިނާޔަތާއި އިމްތިޔާޒުތައް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ، އެބިލް ދިރާސާ ކުރުމަށް ވަގުތީ ކޮމެޓީއަކަށް ފޮނުވާފައިވަނީ އޭޕްރީލް މަހުގެ 24 ދުވަހުގެ ޖަލްސާގަ އެވެ. ރައީސް މައުމޫނުގެ ސަރުކާރުން ގާއިމުކޮށްފައިވާ، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖީލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވީ ޝެއިހު މުހައްމަދު ރަޝީދު އިބްރާހީމް އެވެ.

އެ ޖަލްސާއަށްފަހު، ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީގެ ބައްދަލުވުމެއް އެންމެ 10 މިނެޓަށް ބޭއްވުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، ހުށަހަޅާފައިވާގޮތަށް ވަގުތީ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. 

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ އެބިލް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެމްބަރު އަދި ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ރިޔާޒު ރަޝީދު އެވެ. 

ފަނޑިޔާރުންގެ ގާނޫނަށް ރިޔާޒު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށާއި، އަދި ގާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ)ގެ ދަށުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ނިންމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް ހާއްސަ އިނާޔަތާއި އިމްތިޔާޒުތައް ދައުލަތުން ދޭންޖެހޭނެ ކަމަށެވެ.

ޝެއިހު މުހައްމަދު ރަޝީދު އިބްރާހިމަކީ އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު ޝަރަފުވެރިކަމާއެކު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. 

އެބިލު މަޖިލީހަށް ތައާރަފް ކޮށްފައިވަނީ ވެސް އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ޖަލްސާގަ އެވެ. ހަމަ އެޖަލްސާގައި ވަނީ އެބިލަށް ބަހުސް ކުރުމާއި މަޖިލީހަށް ބަލައިގަތުމާއެކު، ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަށް ހޮވާ އެކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވާފަ އެވެ. އަދި ބުދަ ދުވަހުގެ ޖަލްސާއަށްފަހު، އެންމެ 10 މިނެޓްގެ ބައްދަލުވުމަކަށްފަހު ކޮމެޓީން ވަނީ އެބިލް، ކޮމެޓީން ފާސްކޮށް، މަޖިލީހަށް ފޮނުވުމަށް ނިންމާފަ އެވެ. 

ފަނޑިޔާރުންގެ ގާނޫނަށް ރިޔާޒު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރާ ވަގުތީ ކޮމެޓީގައި ހިމެނޭ ފަސް މެމްބަރުންނަކީ، ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު އެވެ. 

އޭޕްރީލް 24 ވަނަ ދުވަހުގެ ޖަލްސާއަށް އެބިލް އެޖެންޑާ ކޮށްފައިވަނީ، އެބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އެހައި، އެބިލަށް ބަހުސް ކުރުމަށެވެ. 

އެގޮތަށް އަވަސް އަރުވާލައިގެން ބިލުގެ އެއްމަރުހަލާއާ ވިދިގެން އަނެއް މަރުހަލާ ކުރިއަށް ގެންދިއުމަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ގެންދެވީ ދެކޮޅު ހައްދަވަމުން ނެވެ. އަދި ވަކިމީހަކަށް ނުވަތަ ވަކި ފަރުދަކަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އަވަސް އަރުވާލައިގެން އުޅުއްވާއިރު، ސަރުކާރުން މަޖިލީހަށް ހުށަހެޅި ރައްޔިތުންނާ ގުޅުންހުރި މުހިއްމު ބިލްތަކެއް މަޖިލީހުގައި ހިފެހެއްޓި ނުނިމި ހުރިކަން ފާހަގަކުރައްވައި އެމްޑީޕީގެ މެމްބަރުން ވަނީ ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ހިޔާލު

ކަތީބުން

ރަށްރަށުގައި އެބަތި 30 އަހަރަށްވުރެ މާދިގު މުއްދަތުގައި ސަރުކާރަށް ރަޝީދު މެންނަށްވުރެ މާބޮޑުތަނުން ޚިދުމަތް ކުރި ކަތީބުންނާއި އަދި އެނޫން މަޤާމްތައް ފުރި މީހުންވެސް އެމީހުންނަށް އޮތީ ކޯއްޗެއް. ؟؟؟؟

ރަމްޒާ

ޝައިޚް ރަޝީދައް އިނާޔަތް ދިނުން ހައްގު..