Dheebaajaa massala sirru kurun: Court thakuge ithubaaru gelluvaalumuge fiyavalheh!
image
ސާޔާ އަހްމަދު
1 ކޮމެންޓް
 

ދީބާޖާ މައްސަލަ ސިއްރުކުރުން: ކޯޓުތަކުގެ އިތުބާރު ގެއްލުވާލުމުގެ ފިޔަވަޅެއް!

ދައުލަތުން ދީބާޖާއަށް 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ދަމަހައްޓައި ދިނުމަށް އެދި ސުޕްރީމް ކޯޓުގައި އެދުނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގަ އެވެ. އޭގެ އަށް މަސް ފަހުން ލިބުނީ އެ ހުކުމް ދެމެހެއްޓި ހަބަރެވެ. އޭގެ ދެހަފުތާ ވެސް ނުވަނީސް ހުކުމް ތަންފީޒު ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ. މާ ލަސްތަކެއް ނުވެ އަޑުއެހުމެއް ތާވަލުކުރި އެވެ.  އެކަމަކު ކޯޓުން މައުލޫމާތު ސާފުކުރިއިރު، އަޑުއެހުން އޮތީ ސިއްރުކޮށްފަ އެވެ. 
ދީބާޖާ މައްސަލައަކީ ކުޑަ މައްސަލައެއް ނޫނެވެ. މިއީ ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް އަމިއްލަ ކުންފުންޏަކަށް ދޭން ޖެހިގެން އުޅޭ މައްސަލައެކެވެ. މިއީ ފަހަރުގައި ރާއްޖޭގެ ތާރީހުގައި މިފަދަ ބޮޑު އަދަދެއްގެ ފައިސާ ދައުލަތުން އަމިއްލަ ކުންފުންޏަކަށް ދޭން ޖެހުނު ފުރަތަމަ ފަހަރަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މި މައްސަލާގައި ރައްޔިތުންގެ މަސްލަހަތު މިހާ ބޮޑުއިރު ސިއްރުން ކޯޓު މަރުހަލާ ކުރިއަށް ގެންދިޔުމުގެ މަގްސަދާ މެދު ގާނޫނީ ތަޖުރިބާކާރުން ސުވާލު އުފައްދަ އެވެ. 

"ޝަރުއީ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައިވެސް ހުޅުވާލެވިގެން ޝަރީއަތް ބޭއްވުމަކީ ޒަރޫރީ ކަމެއް،" ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ކުރެއްވި ޓްވީޓެއްގައި ވެއެވެ. 


"ހުކުމް ތަންފީޒު ކުރުމަށް ބޭއްވޭ އަޑު އެހުމެއް ސިއްރު  ކުރިކަން މިހާތަނަށް އެނގޭކަށް ނެތް. އެފަދަ އަޑުއެހުމެއް ސިއްރު ކުރަން ޖެހޭ ސަބަބެއް ވެސް ނެތް. މައުޟޫއީ މައްސަލައިގެ އަޑުއެހުންތައް ސިއްރު ނުވާއިރު، ހުކުމް ތަންފީޒު މަރުހަލާ ސިއްރުވުމަކީ ހައިރާން ވާން ޖެހޭ ކަމެއް،" ގާނޫނީ ވަކީލް މުހައްމަދު ޝަފީއު ކުރެއްވި ޓްވީޓެއްގައި ވެއެވެ. 


ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 42 ވަނަ (އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމުގެ) މާއްދާގައި ހުޅުވާލެވިފައިވާ ޝަރީއަތެއްގެ ހައްގު ކޮންމެ ދިވެއްސަކަށްވެސް ލިބެން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެހައްގުން ރައްޔިތުން ނިގުޅައިގަނެވޭނެ ވަކި ހާއްސަ ހާލަތްތަކެއް ވެސް ވަނީ ބަޔާންކޮށްފަ އެވެ. ހުޅުވާލެވިފައިވާ ޝަރީއަތެއް މުހިއްމުވާ ސަބަބު މި މާއްދާގެ ނަމުން އެކަނިވެސް ސާފުވެ އެވެ. 

"ކޮންމެ މީހެއްގެ މަދަނީ ހައްގުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އުފުލުމުގައި ގާނޫނަކުން ގާއިމްކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އާއްމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވޭ،" އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފަ އެވެ. 

އެ މާއްދާގެ (ށ) ގައި ވަނީ އަޑުއެހުމެއް ސިއްރުކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަވެސް "ޑިމޮކްރެޓިކް އުސޫލުތަކާއި ހިލާފުނުވާނެ ގޮތެއްގެ މަތިން ޝަރީއަތެއް އެކުގައި ނުވަތަ ޝަރީއަތުން ބައެއް އާއްމުކޮށް ހުޅުވާ ނުލާ ކުރިއަށް ގެންދިޔުމުގެ ބާރު އެ ޝަރީއަތެއް ކުރާ ފަނޑިޔާރަށް ލިބިގެންވާ" ކަމަށެވެ. އެގޮތުގެ މަތިން އަޑުއެހުމެއް ސިއްރު ކުރެވޭނެ ތިން ހާލަތެއް ބަޔާންކޮށްފައި ވެއެވެ. 


  • މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުން ނުވަތަ މުޖުތަމައުގެ އަމަންއަމާންކަން ގާއިމްކުރުން ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫ އެރިޔަ ނުދިނުން. 

  • ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދިންގެ މަސްލަހަތު ހިމާޔަތް ކުރުން ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަހަތު ރައްކާތެރި ކުރުން. 

  • އާއްމުކޮށް ހުޅުވާލައިގެން ޝަރީއަތް ހިންގައިފި ނަމަ އަދުލު އިންސާފު ގާއިމް ކުރުމަށް އެޅިދާނެ ހުރަހަކުން މިންޖުވުން.


ހުޅުވާލެވިގެން ޝަރީއަތް ހިންގުމަށް ބާރު އެޅުމުގެ ގޮތުން އެ މާއްދާގެ (ރ) ގައި ބުނެފައި ވަނީ މަތީގައި ބަޔާންކޮށްފައިވާ ހާލަތުން ހާލަތެއް މެދުވެރިނުވެއްޖެ ނަމަ "ކޯޓުތަކުން ނެރޭ ހުރިހާ އަމުރުތަކާއި ހުކުމްތައް އިއްވަންވާނީ އާއްމުކޮށް ހުޅުވާލެވިފައިވާ މަޖިލީހެއްގަ" އެވެ. އޭގެ އިތުރުން ހުޅުވާލައިގެން ބާއްވާ ޝަރީއަތްތަކުން ނެރޭ ކޯޓު އަމުރާއި ހުކުމްތައް ބޭނުންވާ ފަރާތްތަކަށް ފެންނާނެހެން ހުންނަންވާނެ ކަމަށް ބުނެފައި ވެއެވެ. 

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން 2015 ގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޯޓުތަކަށް އިތުބާރު ކުރަނީ ރާއްޖޭގެ އެންމެ 15 ޕަސެންޓް މީހުންނެވެ. އިތުބާރު ނުކުރެވޭ ސަބަބުތަކުގެ ތެރޭގައި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މައްސަލަތައް ސިއްރު ކުރުން ހިމެނެ އެވެ. އެކަމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަން އެންޑް އެޑްވޮކެސީ މެނޭޖަރު އައިމަން ރަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

"ބޮޑެތި މަރުގެ މައްސަލަތަކާއި ބޮޑެތި އަދަދުތަކުން ރައްޔިތުންނަށް މާލީ ގެއްލުންވާ ދީބާޖާ މައްސަލަ ފަދަ މައްސަލަތައް ސިއްރުކުރުމުން ޖުޑިޝަރީން އެ ރައްކާތެރިކުރަނީ ކޮން ބައެއްގެ މަސްލަހަތެއްތޯ؟ މިކަންކަން އެނގުމުގެ ހައްގު ރައްޔިތުންނަށް ލިބިގެންވޭ،" އައިމަން ކުރެއްވި ޓްވީޓެއްގައި ވެއެވެ. 


ދައުލަތުން "ދީބާޖާ" ކުންފުންޏަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ދެމެހެއްޓި ހުކުމް ތަންފީޒު ނުކޮށްގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ނިންމީ އުސޫލާ ހިލާފަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ. އެހެންކަމުން އެ މައްސަލަ ބާތިލުކޮށްދިނުމަށް ދައުލަތުން ވަނީ ހުށަހަޅާފަ އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ މައިގަނޑު ވައުދަކީ އިންސާފު ގާއިމް ކުރުމެވެ. އިންސާފު ގާއިމް ކުރެވޭނީ ޖުޑިޝަރީ އިސްލާހުކޮށްގެންނެވެ. އެކަމަށްޓަކައި ސަރުކާރު ހިންގާ މައި ޕާޓީން ކުރިއަށް އޮތް މަޖިލިހަށް ވަރުގަދަ އެޖެންޑާއެއް ވަނީ ތައްޔާރުކޮށްފަ އެވެ. ރައީސް ސޯލިހު މަގާމުގައި ހުވާކުރެއްވުމަށްފަހު ގަލޮޅު ދަނޑުގައި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ އެންމެ މުހިއްމު އެއް ނުކުތާއަކީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ވާހަކަ އެވެ. 

"އަޅުގަނޑު މިއަދު ދިވެހި ދައުލަތުގެ އެންމެ އިސް މަގާމާ ހަވާލުވާއިރު، އަޅުގަނޑަށް ގަބޫލުކުރެވެނީ ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރާއްޖޭގައި އަދުލް އިންސާފު ގާއިމްކުރެވިގެންދާ ތަން ފެނުން ކަމަށް،" ރައީސް ސޯލިހު އެދުވަހު ވިދާޅުވި އެވެ. 

ސަރުކާރުގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލާއިރު އިންސާފަށް އެދިއެދި ތިބި ދިވެހި ރައްޔިތުންގެ އުއްމީދަކީ އާއްމު މަސްލަހަތު ބޮޑު މައްސަލަތަކުގައި ދެފުށްފެންނަ ޝަރީއަތެއް ހިންގޭނެކަން ކަށަވަރު ކުރުމެވެ. ކޮރަޕްޝަނާއި ނުފޫޒުގެ ތުހުމަތުތަކުން އަރައިގަތުމަށް ހުޅުވާލެވިފައިވާ ޝަރީއަތެއް ހިންގުން މުހިއްމެވެ. މަދު ބައެއްގެ މަސްލަހަތަށް ވުރެ މުޅި ގައުމުގެ މަސްލަހަތު ބޮޑުއިރު، ސިވިލް ކޯޓުގެ އިއްޔެގެ ނިންމުމުގެ ސަބަބުން ކޯޓުތަކަށް ގެއްލިފައިވާ އިތުބާރު އަނެއްކާވެސް ގެއްލުން ނޫން ކަމެއް ނުވާނެތާ އެވެ. އެހުރިހާ ކަމެއްގެ ސަބަބުން ޖުޑީޝަރީއަށް ލިބޭ ގެއްލުމާއި ގައުމަށް ލިބޭ ގެއްލުން އަދި މާ ބޮޑެވެ.
ހިޔާލު

ކަންއޮތްގޮތް

ޝަރީޢަތަކީ ސިއްރުކުރަންޖެހޭ ކަމެއްހެއްޔެވެ؟ ސިއްރުކުރަންޖެހެނީ، ކޮންބޭނުމެއްގައިހެެއްޔެވެ؟ މިހުރީ ފުރަތަމައަށް އުފެދޭ ސުވާލެވެ.
ޝަރީޢަތަކީ އެކަމުގެ ރެކޯޑުތަކެއް އޮންނައެއްޗެކެވެ. އެތަކެއް ބަޔަކަށް ފެންނާނެއެއްޗެކެވެ. އަދި މައްސަލަނިމުމުން ރިޕޯޓެއްގެގޮތުގައި ޝަރީޢަތުގެ ބައިވެރިންނަށް މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެގޮތުގައި ލިބޭއެއްޗެކެވެ. ދެފަރާތުން އެދައްކަންބޭނުންބަޔަކަށް ދެއްކޭނެ، އަދި ބޭނުންނަމަ ޝާއިޢުކުރެވޭނެއެއްޗެކެވެ. ކަންމިހިންއޮތްއިރު، އަޑުއެހުންތައް ސިއްރުކުރަންވީ ކީއްކުރާކަށްހެއްޔެވެ؟ ކޮންބޭނުމެއްގައިހެއްޔެވެ؟
ސިއްރުކުރާކަމުގައިވާނަމަ، އެކަމެއްއެކުރަނީ ސިއްރުކަންތައް ޝަރީޢަތުގެގެރެއަށް ވަދެފައިވާތީއެވެ. ނޫނީ ވަންނާތީއެވެ. ޝައްކާއި ތުހުމަތު އެޅޭނީ ފަނޑިޔާރުގެއާއި ފަނޑިޔާރުންގެ ބޮލުގައެވެ. ތެދުތެދަށްބުނާނަމަ، އެއްވެސް ޝަރީޢަތެއް ސިއްރުންކުރުމަކީ މީހުންގެލޮލުގައިއަޅުވާ އަނދުނެކެވެ. ދެރަވާކަމަކީ، މިމީސްމީހުން ކުރާކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ވޮޑިގެންވާކަމާއި، ޢަމަލުތައް ލިޔެވޭކަން ދުނިޔޭގެއެދުމަށް ހަނދުމަނުކޮށް ދޫކޮށްލައި ބޭޒާރުވާތީއެވެެ!