Gasam ge amaazu: FSM ah faidhaa neredhinun
image
ގަސަމް: އަމާޒަކީ އެފްއެސްއެމް އަށް ފައިދާ ނެރެދިނުން.
2 ކޮމެންޓް
 

ގަސަމްގެ އަމާޒު: އެފްއެސްއެމް އަށް ފައިދާ ނެރެދިނުން

އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަކީ ކުރިން ފައިދާގައި ހިންގަމުން ދިޔަ ކުންފުންޏެކެވެ. ނަމަވެސް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ކޮރަޕްޝަން ހައްދުފަހަނަ އަޅައިގެން ދިޔަ އިރު، އެ އޮއިވަރުގައި ގިނަ ކުންފުނިތަކޭ އެއްގޮތަށް އެފްއެސްއެމް ވެސް ވަނީ އޮޔާލާ ގޮސްފަ އެވެ؛ ފައިދާ ދަށްވަމުން ގޮސް، އެންމެ ފަހުން ފާއިތުވި ތިން އަހަރު ވެސް އެ ކުންފުންޏަށް ގެއްލުމާ ކުރިމަތިވީ އެވެ.
ނަމަވެސް އާ ސަރުކާރާ އެކު މިވަނީ އެކަން ބަދަލުވެފަ އެވެ؛ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެ ކުންފުނީގެ ހުންގާނު ގދ. ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމް އަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ދޫކޮށްލުމާއި އެކުގަ އެވެ. އެފްއެސްއެމްގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް ގަސަމް ހަވާލުވިތާ ކުޑަ ދުވަސްކޮޅެއް ވެފައި ވީނަމަވެސް މިހާރު ވެސް އެ ކުންފުންޏަށް މާލީގޮތުން ނަފާވާން ފަށައިފި އެވެ.

"ސީއެންއެމް" އަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި ގަސަމް ވިދާޅުވީ، ކުންފުނީގެ މިސްރާބު މިހާރު ވެސް ވަނީ ފައިދާ އާ ދިމާލަށް ބަދަލުވެފައި ކަމަށެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ހިސާބުތައް އެ ކުންފުނިން އާންމުކުރަން ތައްޔާރުވަމުން އަންނަ އިރު، އެ ކުއާޓަރުގައި ވެސް ފައިދާ ނެރެވިފައިވާ ކަމަށް ގަސަމް ވިދާޅުވި އެވެ

ގަސަމް ވިދާޅުވީ ފައިދާ އާ ދިމާލަށް ކުންފުނީގެ މިސްރާބު ބަދަލުވެފައިވާއިރު، އެ ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމަށް ވެސް މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން ރަށްރަށަށް އެ ތެޔޮ ފޯރުކޮށްދިނުމަށް، ތެޔޮ ބޯޓުތަކުގައި ކުރާ ދަތުރުތައް މަދުކުރުމަށް ބައެއް އަތޮޅުތަކުގައި ތެޔޮ ރައްކާ ކުރުމަށް ޓޭންކްތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ގަސަމް ވިދާޅުވި އެވެ.

"ބައެއް ރަށްރަށް އެބަހުރި ހަމަ ހަތްފާ އަކު ދެ ދަތުރު ކުރަންޖެހޭ. ކުރިން ވެސް ސްޓޯރޭޖް ގާއިމް ކުރުމަށް ވާހަކަ ދެކެވުނު. އެކަމަކު އޭރު ގޮތެއް ނުނިމި އޮތީ އެކަން ކުރަންޖެހޭނީ މި ކުންފުނިންތޯ، ނޫނީ ފެނަކައިންތޯ. އެކަމަކު އެ ބަހުސްގައި ނުތިބެ، އަޅުގަނޑުމެން އެކަން ކޮށްފިނަމަ ދިގު މުއްދަތުގައި މާ ބޮޑު ފައިދާއެއް މި ކުންފުންޏަށް ލިބިގެން ދޭ،" ގަސަމް ވިދާޅުވި އެވެ.

އެގޮތުން ގދ. އާއި ގއ. ހިސާބުގައި ތެޔޮ ރައްކާ ކުރެވޭނެ ޓޭންކުތައް ހަދަން ބަލަމުން އަންނަ ކަމަށާއި، އެއަށް ފަހު ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އެކަން ކުރާނެ ކަމަށް ގަސަމް ވިދާޅުވި އެވެ. ގަސަމް ވިދާޅުވީ އެ ރަށްރަށުގައި ހަދަން ނިންމާފައިވަނީ 30 ދުވަހުގެ ތެޔޮ ރައްކާ ކުރެވޭ ވަރުގެ ޓޭންކްތައް ކަމަށެވެ.

"އޭރުން އަޅުގަނޑުމެންގެ ވެސަލް ތަކުން ތެޔޮ ޑެލިވަރީ ކުރަން އަންދަން ޖެހޭ ތެލުގެ ވަރަށް ބޮޑު ބައެއް ސަލާމަތް ކުރެވޭނެ. މިހާރު ރަނިން ފިއުލް [ތެޔޮ ބޯޓުތަކުން އަންދާ ތެލަށް] އަށް އަޅުގަނޑުމެން މިހާރު މި ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ،" ގަސަމް ވިދާޅުވި އެވެ.

އޭގެ އިތުރުން ކުރިން އެ ކުންފުންޏާ އެކު ހެދިފައި ހުރި، ތެޔޮ ޑެލިވަރީ ކުރުމުގެ އެއްބަސްވުންތައް ވެސް އަލުން މުރާޖައާކޮށް، އިސްލާހު ކުރަމުން އަންނަކަން ގަސަމް ވިދާޅުވި އެވެ. އޭގެ މިސާލަކަށް ގަމަސް ނެންގެވީ ހއ. އާއި ހދ.ގެ ރަށްތަކަށް ތެޔޮ ގެންދިއުމަށް ކުރިން އެ ކުންފުނިން ހަދާފައި އޮތް އެއްބަސްވުމެވެ. ފުނަދޫން އެފްއެސްއެމް ބޯޓުގައި ތެޔޮ ނަގައިގެން އެ ހިސާބަށް ގެންދިއުމުން، ރަށްރަށަށް ތެޔޮ ޑެލިވަރީ ކުރަން ހަވާލުކޮށްފައި އޮތީ ބައެއް ރަށްރަށަށް ލީޓަރެއް އެއް ރުފިޔާ އަށް އަދި ބާކީ ހުރި ރަށްރަށަށް 0.80 ލާރި އަށް ކަމަށް ގަސަމް ވިދާޅުވި އެވެ.

އެކަމަކު މިހާރު އެ އެއްބަސްވުން އުވާލުމަށް ފަހު އަލުން ބިޑް ކޮށްގެން އެ އަށްވުރެ ރަނގަޅު އެއްބަސްވުމެއް ހެދިފައިވާ ކަން ގަސަމް ފާހަގަ ކުރެއްވި އެވެ. އެގޮތުން މިހާރު އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ހއ.ގެ ރަށްރަށަށް ލީޓަރެއް 0.99 ލާރި އަށް އަދި ހދ.ގެ ރަށްރަށަށް 0.80 ލާރިއަށް، ފުނަދޫ އިން ތެޔޮ ނަގައިގެން ޑެލިވަރީ ކޮށްދޭނެ ކަމަށް ގަސަމް ވިދާޅުވި އެވެ.

ގަސަމް ވިދާޅުވީ އެފަދަ އެއްބަސްވުންތައް އިސްލާހު ކޮށްގެން މިހާރު އެ ކުންފުންޏަށް މަހެއްގެ މައްޗަށް 800،000-1،000،000 ރުފިޔާ ސަލާމަތްވާ ކަމަށެވެ. އޭގެ އިތުރުން އެ ކުންދުނީގެ ބޯޓުތަކުގައި ޓްރެކިން ސިސްޓަމް ހަރު ކުރެވި، މޮނީޓާ ކުރެވެން ފެށުމުން ބޯޓުތަކުން އަންދާ ތެޔޮ ވެސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ގަސަމް ވިދާޅުވި އެވެ. އެގޮތުން އޭގެ ސަބަބުން މަހެއްގެ މައްޗަށް މިލިޔަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ގަސަމް ވިދާޅުވި އެވެ.

އޭގެ އިތުރުން ކުރިން އެ ކުންފުނިން ތެޔޮ ވިއްކުމުގައި ގެންގުޅުނީ "ގާތް މީހުންނަށް ކުޑަ ރޭޓެއް" ކަމަށާއި، ނަމަވެސް މިހާރު ތެޔޮ ވިއްކާ އަގު އެއްހަމަ ކޮށްފައިވާ ކަމަށް ގަސަމް ވިދާޅުވި އެވެ. އަދި އެ ކުންފުންނިން ކްރެޑިޓަށް ދޫކުރާ ތެލަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރިކަމަށާއި، އެ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ގަސަމް ވިދާޅުވި އެވެ.

އެގޮތުން ކްރެޑިޓަށް ތެޔޮ ދޫކުރި ތިން ފަރާތަކުން އެ ފައިސާ އަނބުރާ ދެއްކެތް ނެތް ކަމަށް އަންގައި، އެ މީހުންގެ ތެޔޮ ބޯޓު ބަދަލެއްގެ ގޮތުގައި އެފްއެސްއެމް އަށް ނެގުމަށް އެދިފައިވާ ކަން ގަސަމް ފާހަގަ ކުރި އެވެ. އޭގެ އިތުރުން، ފައިސާ ނުދައްކާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ގަސަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަންނަނީ އެ ތެޔޮ ބާޖުތައް ބަލައި، އެއީ އަޅުގަނޑުމެންނަށް ބޭނުން ކުރެވޭނެ އެއްޗެހިތޯ ބަލަމުން. އަޅުގަނޑުމެންނަށް ބޭނުން ކުރެވޭނަމަ ހުރިހާ ކަމަކަށް ވެސް ބެލުމަށް ފަހު ކުންފުންޏަށް ގެއްލުމެއް ނުވާނެ ގޮތަކަށް އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" ގަސަމް ވިދާޅުވި އެވެ.

އެފްއެސްއެމްގައި މިހާރު އޮންނަނީ ތެޔޮ ޑެލިވަރީ ކުރާ 21 އުޅަނދާއި، ބޮޑު ހަތަރު ބޯޓެވެ. ގަސަމް ވިދާޅުވީ ދުވާލަކަށް އެއް މިލިޔަން ލީޓަރުގެ ތެޔޮ އެ ކުންފުނިން ސަޕްލައި ކުރަން ޖެހޭއިރު އެ ކުންފުނީގެ އުޅަނދުތައް އެކަށީގެންވާ އަދަދަކަށް އިތުރު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން އަލަށް ތެޔޮ ބާޖުތަކެއް ބަނުމަށް ވެސް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަކަން ގަސަމް ފާހަގަ ކޮށްލި އެވެ.

އަލަށް ބަނުމަށް ނިންމާފައިވަނީ 250،000 ލީޓަރުގެ ތެޔޮ އުފުލޭ ވަރުގެ ހަތަރު ބާޖު ކަމަށް ގަސަމް ވިދާޅުވި އެވެ. އަލަށް ގެންނަ ތެޔޮ ބާޖުތަކުގެ އިތުރުން، މިހާރު ހުރި އުޅަނދުތަކަށް އާ ތެޔޮ މީޓަރުތައް ގެނައުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެ އެވެ.

ގަސަމް ވިދާޅުވީ ތެލުގެ ވިޔަފާރީގެ އިތުރުން ވެސް ތިލަފުށީގައި އެ ކުންފުނިން ހިންގާ ބޯޓް ޔާޑްގެ މަސައްކަތް އިތުރަށް ފުޅާކޮށް، އެ ވިޔަފާރި ވަރުގަދަ ކުރުމަކީ ވެސް އެ ކުންފުނީގެ އުންމީދެއް ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ ހަރަދުތަކާއި އެހެނިގެން މަސައްކަތްތައް ބަލަމުން އަންނަ ކަމަށް ގަސަމް ވިދާޅުވި އެވެ.
ހިޔާލު

ފާތުން

ބަރާބަރު އެމްޑީއެއް. ކުރިއަށް ބާރަށް ކުރިއަށް. ފަސް އެނބުރި ނުބަލާ ކުރިއަށް ވަޑައިގަންނަވާ. ތިޔަ ކުންފުނީގައި ވެސް ތިބެދާނެ ވިޔާނުދާ މީހަކު. އެކަމަކު އެ މީހާއަށް ނުދޭތި ފުރުސަތު ކުންފުނީގެ މުވައްޒަފުންގެ އެކުވެރިކަން ނަގާލަން. ކެރިގެން އިންސާފަށް ފިޔަވަޅު އަޅާތި.

ތިނަދޫ މީހާ

ގަސަމް އަކީ ރަނގަޅު މާލިމީއެއް. އޭނާ އަށް ތިޔަ ކުންފުނި ގޮވައިގެން ރަނގަޅު ބަނދަރެއް ހޯދޭނެ. ކުރިއަށް ގަސަމް