Gaumee maurazu 2019 gai baiverivumuge furusathu hulhuvaalaifi
image
މީގެ ކުރިން ބޭއްވި ގައުމީ މައުރަޒެއްގެ ތެރެއިން -- ފޮޓޯ: ވީނިއުސް
ފައުޒާ މުޙައްމަދު
0 ކޮމެންޓް
 

ގައުމީ މައުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފިއެވެ.
އެމައުރަޒުގެ މައިގަނޑު މަގުސަދަކީ ދިވެހި ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ، އެފަދަ
އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ދިވެހި އުފެއްދުންތައް ކުރިއެރުވުމާއި، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އާއްމުންނަށް އެއް ތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ގާއިމްކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އުވެމުން ނެތެމުންދާ ދިވެހި އުފެއްދުންތަކާއި އަދި މާކެޓަށް އަލަށް ނެރެވޭ އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

އެމައުރަޒުގައި ބައިވެރިވެވޭނެ ދާއިރާތަކުގެ ތެރޭގައި ވަކިވަކި ފަރުދުންގެ ދާއިރާ އާއި ރަށު ފެންވަރުގައި ތަކެތި ބައިވެރި ކުރުމުގެ ދާއިރާ އާއި ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް) އާއި އުލީމުދޭ މަރުކަޒުތަކުގެ ދާއިރާ އާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ އަދި ކްލަބު ޖަމިއްޔާތަކުގެ ދާއިރާ ހިމެނެއެވެ.

އެދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއަކުންވެސް ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ވާދަކޮށް ވަނަ ހޮވުމުގެ ބައިގައި ބައިވެރިކުރާ ކޮންމެ އުފެއްދުމެއް ބައިވެރިކުރަންވާނީ ބައިވެރިވުމަށް އެދޭ ފޯމުގެ ސެކްޝަން ހަތަރެއްގައި ހިމެނޭ ގިންތިތަކުން ގިންތިއެއްގައެވެ.

މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ބަލައިގަތުން އޮންނާނީ 21 އެޕްރީލް 2019 އިން ފެށިގެން 30 ޖޫން 2019 ގެ 14:00 ގެ ނިޔަލަށް، ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިމާރާތުންނާއި، އެ މިނިސްޓްރީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުންނެވެ. އެމައުރަޒު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ.
ހިޔާލު